ޗައިނާގެ ވައިސާފުކޮށް ފެހިކުރުމަށްޓަކައި ބޮޑު ޖަންގައްޔެއް އުފެއްދުމަށް 60000 ސިފައިން ނެރެނީ

ޗައިނާގެ ޒިންޖިޔާންގް ޕްރޮވިންސްގެ ސިޓީއެއްގެ ހައިވޭ އެއް

ބެއިޖިންގް (ފެބްރުއަރީ 15): ޗައިނާއަށް ކުރިމަތިވެފައިވާ ވައި ނުސާފުވުމާއި ސިނާއީ ދުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެތަށް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

"އޭޝިޔާ ޓައިމްސް" ބުނާގޮތުން މި ޕްރޮގްރާމުގެ ދަށުން ގަސްއިންދުމުގެ މަސައްކަތްކުރާނީ ޗައިނާ ސިފައިންނެވެ. ސިފައިންގެ ފަސްދޮޅަސް ހާސް މީހުން ވަނީ ގަސް އިންދުމުގެ ޕްރޮގްރާމްގެ މަސައްކަތަށް ޚާއްސަކޮށްފައެވެ. ގަސްއިންދުމަށް ބޭނުންވާ ގަހާއި ގަސްކާނާއާއި ފެނާއި އާލާތްތައްފަދަ ތަކެއްޗާއި ސާމާނު ޗައިނާގެ ކަމާބެހޭ އިދާރާތަކުން ސިފައިންނަށް ދޭނެ އެވެ.

ޗައިނާގައި މިހާރު ޖަންގަލީގެ ގޮތުގައި އޮންނަނީ އެގައުމުގެ ބިމުގެ އެކާވީސް އިންސައްތަ ބިމެވެ. މިޕްރޮގްރާމުގެ ބޭނުމަކީ ޖަންގަލީގެ ގޮތުގައި އޮންނަ ބިމުގެ ސަރަހައްދު އެކާވީސް އިންސައްތައިން ތޭވީސް އިންސައްތައަށް ބޮޑުކުރުމެވެ. ގަސްއިންދުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެގައުމުގެ އުތުރުގައި އޮންނަ ހީޕީ ޕްރޮވިންސްގެ ސިނާއީ ސަރަހައްދުތަކުގެ ވަށައިގެންނެވެ.

ޗައިނާގެ ޖައްވާއި ވައި ނުސާފުކުރާ ސިނާއީ ދުމުގެ ދެބައިކުޅަ އެއްބައި އުފައްދަނީ މި ސިނާއީ ސަރަހައްދުން ކަމަށްވެ އެވެ. މިސަރަހައްދުގައި އެތަށް މިލިޔަން ގަސްއިންދައިގެން ގަހުގެ ސަރަހައްދު ބޮޑުކޮށްފިނަމަ ކާރުޚާނާތަކުން ބޭރުކުރާ ކާބަން ގޭސްތަކުގެ ބޮޑުބައެއް މި ގަސްތަކުން ސާފުކޮށްދީ އޭގެ ބަދަލުގައި ސާފު އޮކްސިޖަން ގަސްތަކުގެ ޒަރީއާއިން ލިބިގެންދާނެކަމަށް މިޕްރޮގްރާމް ކުރިޔަށްގެންދިޔުމުގެ މޭސްތިރިން ކަމުގައިވާ ތިބި ޗައިނާގެ ސައެންޓިސްޓުންނާއި މަސްއޫލުވެރިން ވިދާޅުވި އެވެ.

ފަސްދޮޅަސް ހާސް ސިފައިން ބޭނުންކޮށްގެން ދެހާސް ވިހި ވަނަ އަހަރާ ހަމައަށް ކުރިޔަށްގެންދާ މިޕްރޮގްރާމުގެ ދަށުން ގަސްއިންދާ ސަރަހައްދުގެ ބޮޑުމިން ނުވަދިހަ ހާސް އަކަ ކިލޯމީޓަރަށްވުރެ ބޮޑުވާނެއެވެ. މިއީ ޔޫރަޕްގެ ގައުމެއް ކަމަށްވާ ރިޕަބްލިކް އޮފް އަޔަލޭންޑްގެ ބިމަށްވުރެވެސް ބޮޑު ސަރަހައްދެކެވެ. ގަސް އިންދަނީ ވަރަށް ގާތްގާތުގައި ކަމުން މި ޕްރޮގްރާމު ނިމޭއިރު މި ނުވަދިހަ ހާސް އަކަ ކިލޯމީޓަރުގެ ސަރަހައްދު އޮންނާނީ ގުދްރަތީ ޖަންގައްޔެއްގެ ސިފައިގައެވެ. ފަސްދޮޅަސް ހާސް ސިފައިންގެ އިތުރުން ޗައިނާގެ ސަރަހައްދީ ރޮނގު ބަލަހައްޓާ ގާޑުންނާއި އަސްކަރީ ފުލުހުންވެސް ގަސްއިންދުމުގެ މިޕްރޮގްރާމުގައި ސިފައިންނާއެކު މަސައްކަތްކުރާނެ އެވެ.

ގަސްއިންދުމުގެ މި ޕްރޮގްރާމު ނިންމުމަށްފަހު ޗައިނާގެ އެހެން ބައެއް ސަރަހައްދުތައް ފެހިކުރުމުގެ ޕްރޮގްރާމްތައް ކުރިޔަށްގެންދިޔުމަށްވެސް ޗައިނާ ސަރުކާރުން ރާވާފައިވެ އެވެ.

ޗައިނާގެ އުތުރުގައި އޮންނަ ހީޕީ ޕްރޮވިންސްގެ ސިނާއީ ސަރަހައްދުތަކުގެ ވަށައިގެންގަސް އިންދުމުގެ ޕްރޮގްރާމް ކުރިޔަށްގެންދާނީ ޝިފްޓް ޑިއުޓީއަށް ބަހާލައިގެން ރޭގަނޑާއި ދުވާލުގަ އެވެ. ޕްރޮގްރާމް ނިމެންދެން ހުއްޓުމެއްނެތި އެއް ސްޕީޑެއްގައި މަސައްކަތް ކުރިޔަށް ގެންދާނެ އެވެ.

ޗައިނާއިން ގެންދަނީ އެގައުމުގެ ބޮޑެތި ސިޓީތައް ފެހިކުރުމަށްޓަކައި ގަސް އިންދުމުގެ ބިޔަ ޕްރޮގްރާމެއްވެސް ރާވަމުންނެވެ. މިކަމުގެ ބޭނުމަކީ ސިޓީތައް ފެހިކޮށް ގުދްރަތީ ރީތިކަން ސިޓީތަކަށް ގެނަސް ސިޓީތަކުގައި އުފެދޭ ސިނާއީ ދުމާއި ވިހަ ގޭސްތަކުގެ އަސަރު ކުޑަކުރުމާއި ސިނާއީ ތަރައްގީއާއި އުމްރާނީ ތަރައްގީގެ ސަބަބުން ގަސްތަށް ކަނޑަމުންދާ މައްސަލައާއި ޖަންގަލިތައް ނެތެމުންދާ މައްސަލައަށް ކޮންމެވެސް ހައްލެއް ހޯދުމެވެ. (އޭޝިޔާ ޓައިމްސް)

comment ކޮމެންޓް