ފްލޮރިޑާގެ ސްކޫލަކަށް ބަޑިން ހަމަލާދީ 17 މީހަކު މަރާލައިފި

ފްލޮރިޑާގެ ޕާކްލޭންޑުގައި ހުންނަ މާޖޮރީ ސްޓޯންމޭން ޑަގްލަސް ހައި ސްކޫލަށް ދިން ބަޑީގެ ހަމަލާއަށް ފަހު ކުދިން ސްކޫލުން ނެރެނީ -- ފޮޓޯ: ގެޓީ

ވޮޝިންޓަން (ފެބްރުއަރީ 15): އެމެރިކާގެ ފްލޮރިޑާގެ ސްކޫލެއްގައި ބަޑިން ހަމަލާދީ 17 މީހަކު މަރާލައިފި ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

ފްލޮރިޑާގެ ޕާކްލޭންޑުގައި ހުންނަ މާޖޮރީ ސްޓޯންމޭން ޑަގްލަސް ހައި ސްކޫލަށް އެހަމަލާ ދިނީ އެ ސްކޫލުން ވަކިކޮށްފައިވާ ދަރިވަރެއް ކަމަށްވާ 19 އަހަރުގެ ނިކޮލަސް ކްރޫޒް އެވެ.

ކްރޫޒް ވަނީ ސްކޫލަށް ވަނުމުގެ ކުރިން ތިން މީހުން މަރައި ސްކޫލަށް ވަނުމަށް ފަހު 12 މީހުން މަރާލާފައި ކަމަށް އުންޓީ ޝެރިފް ސްކޮޓް އިސްރައިލް ވިދާޅުވި އެވެ. އަދި އިތުރު ދެ މީހަކު ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައި ކަމަށާއި މަރުވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހަމަލާ ދިން މަންޒަރު ދުށް މީހަކު ބުނި ގޮތުގައި ކްރޫޒް ވަނީ ބަޑި ޖަހަން ފެށުމުގެ ކުރިން ފަޔާ އެލާމްއެއް އެކްޓިވޭޓްކޮށްފަ އެވެ. އަދި ހަމަލާ ދޭން ފެށި ފަހުން ފުލުހުންނާއިި ސިފައިންގެ ހާއްސަ ފައުޖަކުން ވަނީ ސްކޫލުގެ ކެމްޕަސް އިން ދަރިވަރުންނާއި ޓީޗަރުން ނެރެން ފަށައިފަ އެވެ.

އަހުލާގީ މައްސަލަތަކަކާ ގުޅިގެން ސްކޫލުން ވަކިކޮށްފައިވާ ކްރޫޒް ވަނީ ހަމަލާ ދިނުމަށް ފަހު ސްކޫލު ދޫކޮށް ގޮސްފަ އެވެ. ނަމަވެސް އޭގެ އެއް ގަޑި އިރު ފަހުން ފުލުހުން ވަނީ އެސްކޫލާ މާ ދުރު ނޫން ސަރަހައްދަކުން އޭނާ ހައްޔަރުކޮށްފަ އެވެ.

އެސްކޫލުގެ ދަރިވަރުން ބުނި ގޮތުގައި ބަޑީގެ އަޑާ އެކު ދަރިވަރުންނާއި ޓީޗަރުން ވަނީ ޑެސްކުތަކުގެ ދަށުގައި އާއި ކަބަޑުތަކުގެ އެތެރޭގައި ފިލާފައި އެވެ. އަދި މީގެ ހަ ހަފްތާ ކުރިން އެ ސްކޫލްގައި ވަނީ އެފަދަ ހާދިސާއެއްގައި އަމަލު ކުރާނެ ގޮތުގެ ޑްރިލްއެއް ބާއްވާފައި ކަމަށް ޓީޗަރުން ބުންޏެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވާފައި އެވެ. އަދި އެމެރިކާގެ އެއްވެސް ސްކޫލަކީ ރައްކާތެރި ތަނެއް ނޫން ކަމަށް އެއްވެސް ދަރިވަރަކަށް ނުވަތަ ޓީޗަރަކަށް އިހުސާސުވެގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް