ވާވޭ އަދި ޒީޓީއީގެ އުފެއްދުންތައް ބޭނުން ނުކުރަން އެފްބީއައި އިންވެސް ގޮވާލައިފި

---

އެމެރިކާގެ ރައްޔިތުން ވާވޭ އަދި ޒީޓީއީގެ އުފެއްދުންތައް ބޭނުން ނުކުރަން އެފްބީއައި އިން ގޮވާލައިފިއެވެ.

މީގެ އިތުރުން އެގައުމުގެ އިންޓެލިޖެންސާ ގުޅޭ ފަސް އިދާރާއަކުންވެސް ވަނީ ޗައިނާގެ މި ދެކުންފުނީގެ އުފެއްދުންތައް އެމެރިކާގެ ރައްޔިތުން ބޭނުންކުރުމަކީ ސަލާމަތީގޮތުން ރައްކާތެރި ކަމެއް ނޫން ކަމަށް ބުނެފައެވެ.

އަންގާރަ ދުވަހު ބޭއްވި ސެނެޓް މީޓިންއެއްގައި އިންޓެލިޖެންސް އިދާރާތަކުގެ ވެރިން ވަނީ މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވައިފައެވެ. މި ބޭފުޅުންގެ ތެރޭގައި ހިމެނެނީ އެފްބީއައި، ސީއައިއޭ، އެންއެސްއޭގެ ވެރިންނާއި ނޭޝަނަލް އިންޓެލިޖެންސްގެ ވެރިޔާއެވެ.

އެފްބީއައިގެ ޑިރެކްޓަރު ވަނީ އެމެރިކާގެ ޓެލެކޮމިއުނިކޭޝަންގެ ސިނާއަތުގައި ބޭރު ގައުމުގެ އަތް އޮންނަނަމަ ކުރިމަތިވެދާނެ ނުރައްކާތަކުގެ ވާހަކަ ފާހަގަކުރައްވައިފައެވެ. އެއީ އެމެރިކާގެ ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތު އެހެން ގައުމުތަކަށް އަތުލައިގަނެވޭނެ ގޮތެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިންވެސް އެމެރިކާގެ އިންޓެލިޖެންސާ ގުޅުންހުރި އިސް ފަރާތްތަކުން ވަނީ އެގައުމުގައި ވާވޭގެ އުފެއްދުންތައް ބޭނުން ކުރުމަކީ އެމެރިކާގެ ސަލާމަތަށް ނުރައްކާހުރި ކަމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

ވާވޭއަކީ ސްމާޓްފޯނުގެ އިތުރުން ހާޑްވެއާގެ ދާއިރާގައިވެސް ކުރިއަރަމުން އަންނަ ކުންފުންޏެކެވެ. އެކުންފުނިން ވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ސްމާޓްފޯނުގެ ވާދަވެރި ބާޒާރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ. ނަމަވެސް އެމެރިކާގެ މާކެޓްގައި ހިފަހައްޓާލުން ވަނީ ދަތިކަމަކަށް ވެފައެވެ. އެގައުމުގެ ސަރުކާރުގެ ފިއްތުންތަކުގެ ސަބަބުންނެވެ.

އެމެރިކާގެ ސެނެޓުން މިހާރު މަސައްކަތް ކުރަނީ އެގައުމުގެ ސަރުކާރުގެ މުވައްޒަަފުން ވާވޭ އަދި ޒީޓީއީގެ ފޯނުތައް ބޭނުންކުރުން އެއްކޮށް މަނާކުރުމަށެވެ.

comment ކޮމެންޓް