ރޮނާލްޑޯއަށް ތާރީޚީ ރެކޯޑެއް، ޗެމްޕިއަންސް ލީގުގައި ރެއާލް ފެންވަރު ދައްކައިލައިފި

ރޮނާލްޑޯ: އޭނާވަނީ މިހާތަނަށް ޗެމްޕިއަންސް ލީގުގައި ރެއާލަށް 101 ގޯލް ކާމިޔާބުކޮށްދީފައި --- ފޮޓޯ/ އޭޕީ

ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރު ރެކޯޑަކާއެކު، ރެއާލް މެޑްރިޑުން ފަހަތުންއަރައި ޕީއެސްޖީ ބަލިކޮށްފިއެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު ޗެމްޕިއަންސް ލީގު ގަދަ 16ގެ ފުރަތަމަ ލެގުގައި އެޓީމުން ޕީއެސްޖީ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ވަނީ ދެ ގޯލް ޖަހައިފައެވެ. އެއާއެކު އޭނާ ވެގެންގޮސްފައިވަނީ އެއް ކްލަބަކަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށެވެ. އަދި އެއް ކްލަބަކަށް 100 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފުވެސް އޭނާ ވަނީ ހޯދައިފައެވެ. މިހާތަނަށް ޗެމްޕިއަންސް ލީގުގެ ތާރީހުގައިވެސް އެންމެ ގިނަ ގޯލު ޖެހި ރޮނާލްޑޯ ވަނީ ރެއާލަށް މިހާތަނަށް 101 ޗެމްޕިއަންސް ލީގު ގޯލު ކާމިޔާބުކޮށްދީފައެވެ. މެންޗެސްޓާ ޔުނައިޓެޑަށް ރޮނާލްޑޯ ކާމިޔާބުކުރި 15 ގޯލާއެކު، ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި ގޯލުގެ އަދަދު 116 އަށް ވަނީ އަރައިފައެވެ.

ރޭގެ މެޗުގައި ދެ ގޯލްޖެހި ރޮނާލްޑޯ --- ފޮޓޯ/އޭޕީ

ރޭގެ މެޗުގެ ކުރީކޮޅުގައި ވަރުގަދައަށް ކުޅުނީ ޕީއެސްޖީންނެވެ. ނޭމާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައިވާއިރު، އެ ޓީމުންވަނީ މެޗުގެ 33 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އެ ގޯލް ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ މެދުތެރެއަށް ކުޅެމުންދިޔަ އެޑްރިއަން ރެބިއޮޓެވެ.

ޕީއެސްޖީގެ ގޯލަށްފަހު އެޓީމުން ކުޅުން ރަނގަޅުކުރި ނަމަވެސް ހާފް ނިމެން މިނެޓަކަށްވެފައިވަނިކޮށް ރެއާލްއަށްވަނީ ޕެނެލްޓީއެއް ލިބިފައެވެ. ރެއާލްގެ ޕެނެލްޓީ ރޮނާލްޑޯވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ.

ޕީއެސްޖީގެ ކިލިއަން އެމްބާޕޭއާއި ރެއާލްގެ ކަސަމޭރޯ --- ފޮޓޯ/ އޭޕީ

ދެވަނަ ހާފަށް ނުކުމެ ރެއާލްއިންވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރެއާލް ކުޅުނު ނަމަވެސް ލިބުނު ފުރުސަތުތައްވަނީ ނާކާމިޔާބުކޮށްލައިފައެވެ. ރޮނާލްޑޯ އަދި ކަރިމް ބެންޒެމާއަށް ގޯލް ޖަހާނެ ފުރުސަތުތައް ލިބިފައިވާއިރު، ޕީއެސްޖީންވެސްވަނީ ކައުންޓާ އެޓޭކުގައި ހަމަލާތައް އުފައްދައިފައެވެ.

ކިލިއަން އެމްބާޕޭ އަދި ނޭމާގެ ހަމަލާތައް ރެއާލްގެ ކީޕަރު ކޭލޯ ނަވާސް ދިފާއުކޮށްފައިވާއިރު، ރެއާލްއިން ލީޑު ފުޅާކުރީ މެޗުގެ 86 ވަނަ މިނެޓުގައެވެ. އެ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ޑިފެންޑަރު މާސެލޯއެވެ.

މާސެލޯގެ ގޯލަށްފަހު ކޯޗު ޒިދާންއާއެކު އޭނާ އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ރޭގެ މެޗުގައި ޕީއެސްޖީން އަވޭ ގޯލެއް ޖަހައިފައިވާނަމަވެސް ރެއާލަށް ކުއާޓާގެ ފުރުސަތު ބޮޑެވެ. މި ދެޓީމު ވާދަކުރާ ދެވަނަ ލެގު އަންނަ މަހުގެ ހަތްވަނަ ދުވަހު އޮންނާނީ ފްރާންސްގެ ޕެރިސްގައެވެ.

comment ކޮމެންޓް