މާނޭގެ ހެޓްރިކާއެކު ލިވަޕޫލް ކުއާޓާއާ ގާތަށް

ރޭގެ މެޗުގައި ލިވަޕޫލްއަށް ހެޓްރިކް ހެދައިދިން ސަޑިއޯ މަނޭ --- ފޮޓޯ/ އޭޕީ

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16ގެ ފުރަތަމަ ލެގުގައި ތަފާތު ބޮޑުކޮށް ޕޯޓޯ ބަލިކޮށް ލިވަޕޫލުން ކުއާޓާ ފައިނަލްގެ ފުރުސަތު ބޮޑުކޮށްފިއެވެ.

ޕޯޓޯގެ ދަނޑުގައި ރޭ ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގައި ލިވަޕޫލްގެ ސެނެގާލް ފޯވަޑް ސަޑިއޯ މާނޭ ވަނީ ހެޓްރިކް ހަދައިފައެވެ.

މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ލިވަޕޫލްގެ ފަރާތުން ފެނިގެންދިޔައީ އެޓޭކިން ކުޅުމެކެވެ. އަރިމަތިން ކުޅެމުންދިޔަ މާނޭއާއި މިސްރުގެ މުހައްމަދު ސަލާހްގެ އިތުރުން ލިވަޕޫލްގެ ކުރިއަށް ކުޅުނު ބްރެޒިލް ފޯވަޑް ރޮބާޓް ފިރްމީނޯގެ ކުޅުން މެޗުގައިވަނީ ވަރަށް ބޮޑަށް ފާހަގަކުރެވިފައެވެ.

ރޭގެ މެޗުގައި ލިވަޕޫލްއަށް މޮޅު ކުޅުމެއް ދެއްކި ފިރްމީނޯ --- ފޮޓޯ/ އޭޕީ

މެޗު ޑޮމިނޭޓްކޮށް ކުޅުނު ލިވަޕޫލުން ލީޑު ނެގީ 25 ވަނަ މިނެޓުގައެވެ. އެޓީމަށް ލީޑު ނަގައިދިނީ ސަޑިއޯ މާނޭއެވެ. އޭގެ ތިން މިނެޓްފަހުން ސަލާހްގެ ގޯލާއެކު ލިވަޕޫލްއިން ލީޑު ފުޅާކުރިއެވެ.

ފުރަތަމަ ހާފް 2-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެ ނިންމާލައިފައިވާއިރު، ދެވަނަ ހާފް ފެށިގެން މާގިނައިރެއް ނުވެ މާނޭވަނީ އޭނާގެ ދެވަނަ ގޯލާއެކު ލިވަޕޫލްގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. މެޗުގެ 69 ވަނަ މިނެޓުގައި ފިރްމީނޯގެ ގޯލުން ލިވަޕޫލްވަނީ 4-0 އަކަށް ނަތީޖާ އަނބުރާލައިފައެވެ.

މާނޭ އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 85 ވަނަ މިނެޓުގައެވެ.

ރޭގެ މެޗުގައި ގޯލް ޖެހުމަށްފަހު ލިވަޕޫލްއިން އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ރޭގެ މެޗުން ތަފާތު ބޮޑުކޮށް މޮޅުވެ ކުއާޓާގެ އުންމީދު ލިވަޕޫލަށް ވަނީ ބޮޑުވެފައެވެ. ލިވަޕޫލްގެ ދަނޑުގައި އެ ދެޓީމު ވާދަކުރާ މެޗު އޮންނާނީ އަންނަ މަހުގެ ހަތްވަނަ ދުވަހުއެވެ.

comment ކޮމެންޓް