ނުވަ ކޯޗަކު އޭއެފްސީ އޭ ލައިސަންސް ފުރިހަމަކޮށްފި

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އެސިސްޓެންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) ސެޓްފިކެޓާ ހަވާލުވަނީ --- ފޮޓޯ/ އެފްއޭއެމް

އެގާރަ އަހަރަށް ފަހު މާލޭގައި ބޭއްވި އޭއެފްސީ އޭ ލަސަންސް ކޯސް ނުވަ ކޯޗަކު ފުރިހަމަކޮށްފި އެވެ.

މީގެ ކުރިން ރާއްޖޭގައި އޭ ލައިސަންސް ކޯޗިން ކޯހެއް ބާއްވާފައި ވަނީ 2006 ވަނަ އަހަރުގަ އެވެ.

އެފްއޭއެމް އިން އެ ކޯސް ކުރިއަށް ގެންގޮސްފައި ވަނީ މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ. ކޯހުގައި އިރުޝާދު ދީފައި ވަނީ ޖޯޑަންގެ ކޯޗެއް ކަމަށްވާ ނިހާދު ސޮގަރެވެ. އޭނާއަކީ ފީފާ އަދި އޭއެފްސީގެ އިންސްޓްރަކްޓަރެކެވެ.

ނިހާދު ސޮގަރުގެ އިރުޝާދުގެ ދަށުން ޖުމްލަ ނުވަ ކޯޗަކު ކޯސް ފުރިހަމަކުރި އިރު، ހަތް ކޯޗަކީ ދިވެހި ކޯޗުންނެވެ. މީގެ އިތުރުން ދެން ކޯސް ފުރިހަމަކުރީ ބުރުނާއީގެ ކޯޗެއްގެ އިތުރުން އިންޑޮނޭޝިއާގެ ކޯޗެކެވެ.

އޭއެފްސީ އޭ ލައިސަންސް ފުރިހަމަކުރި ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ސެޓްފިކެޓާ ހަވާލުވަނީ --- ފޮޓޯ/ އެފްއޭއެމް

ކޯސް ފުރިހަމަކުރި ރާއްޖޭގެ ކޯޗުންގެ ތެރޭގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އެސިސްޓެންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) އާއި ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހް ވެސް ހިމެނެ އެވެ. މީގެ އިތުރުން ވެސް ކުރިން އީގަލްސްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި އަހުމަދު ޝާކިރު (ޝާކިއްޓެ) އަދި އއ. މާޅޮސް ޓީމާ އެކު މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާލީގުން ފެނިގެން ދިޔަ އަލީ ނިޝްތާރު ހިމެނެ އެވެ.

ކޯޗިން ކޯސް ފުރިހަމަކުރި ކޯޗުންނަށް ސެޓްފިކެޓް ދިނުމުގެ ގޮތުން އިއްޔެ އެފްއޭއެމްގައި ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް މުހުސިން (ޖޭފޯ) އެވެ.

އެ ހަފްލާގައި އެފްއޭއެމްގެ އިސްވެރިން ވެސް ވަނީ ބައިވެރިވެފަ އެވެ.

comment ކޮމެންޓް