ޕީޖީއަކީ ރައީސް އަންގާ ގޮތަށް ކަންކުރަން ޖެހޭ މީހެއް ކަމަށް ގަބޫލެއް ނުކުރަން: ރައީސް ޔާމީން

ޕީޕީއެމްގެ ރުމާލު 2 ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ޕްރޮސިކިއުޓާ ޖެނެރަލް އަކީ ރައީސުލްޖުމްހޫރިއްޔާ އަންގާގޮތަށް ކަންކަން ކުރަން ހުންނަ މީހެއް ކަމަށް ގަބޫލު ނުކުރަށްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ 'ރުމާލު2' ޖަގަހާގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޕްއޮސިކިއުޓަރ ޖެނެރަލަކީ ސިޔާސީ ވާން ޖެހޭ މީހެއް ކަމަށް ގަބޫލު ނުކުރައްވާ ކަމާށެވެ. އަދި ސުޕްރީމް ކޯޓުން އަންގާ ވަކި ގޮތަކަށް ޕީޖީ އަމަލު ކުރަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ. ޕީޖީ ގާނޫނާ ހިލާފުވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް އެކަން ބެލޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ޕްރޮސިކިއުޓަރ ޖެނެރަލަކީ ރައީސުލްޖުމްހޫރިއްޔާ ބުނާ ގޮތަށް ކަންތައްތައް ކުރަން ޖެހޭ މީހެއް ކަމަކަށް. އެކަހަލަ ގާނޫނު އަސާސީއެއް ނޫން އަޅުގަނޑުމެން ތަންފީޒު ކުރަމުން މިގެންދަނީކީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އދ. މާމިގިލީ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓާއި ކުރީގެ ޕީޖީ މުހުތާޒު މުހުސިނަކީ ސިޔާސީ ކުށްވެރިންތޯ ރައީސް ޔާމީން ސުވާލު އުފެއްދެވި އެވެ. އަދި އެމަނިކުފާނު ވަނީ އެއީ ސިޔާސީ ކުށްވެރިންގެ ގޮތުގައި ސުޕްރީމް ކޯޓުގެ އަމުރުގައި ލިޔުއްވި ލިޔުއްވުމުގައި މަފްހޫމުގެ މައްސަލައެއްތޯ ސުވާލު ކުރައްވައިފައެވެ.

ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓަށް މުދާ ބެހުމާއި ތަރިކަ ބެހުމާއި ސިޔާސީ މީހުންގެ މައްސަލަ ހައްލު ކުރެވިދާނެ ކަމަށެވެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ގާނޫނީ ބާރު ދެމެހެއްޓުމުގެ ޒިންމާއަކީވެސް ސުޕްރީމް ކޯޓަށް އޮންނަ ޒިންމާއެއް ނޫން ކަމަށާއި އެއީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ އާއި ސުޕްރީމް ކޯޓުން އެއްފަހަރާ ރޫލް އޮފް ލޯ އަޕްހޯލްޑް ކުރަން ނުކުމެއްޖެއްޔާ މައްސަލަތަކެއް ޖެހޭނެ. ދެ ފަރާތަކުން ރޫލް އޮފް ލޯ އަޕްހޯލްޑް ކުރަން ދިނުމަކީ މުސްތަހިއްލު ކަމެއް. މިކަން ދީފަ އޮންނަނީ ރައީސުލް ޖުމްހޫރިއްޔާއަށް 115 ވަނަ މާއްދާގެ (ނ) ގައި،" ރައީސް ޔާމީން ވިދާޅުވި އެވެ.

comment ކޮމެންޓް