ދުސްތޫރުގެ އިހްތިރާމް ކަނޑާލުމަކީ ގާނޫނުގައި އެންމެ ބޮޑު ކުށް ކަމުގައި ކަނޑައަޅަން ޖެހޭ: އާމިރު

ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގާނޫނު އަސާސީގެ އިހްތިރާމް ކަނޑާލުމަކީ އެންމެ ބޮޑު ކުށް ކަމުގައި އޭގައި ކަނޑައަޅަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ "ރުމާލު 2" ޖަގަހާގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އާމިރު ވިދާޅުވީ، ގާނޫނު އަސާސީއަކީ ކުޅިވަރު ކުޅުމަށް އުފައްދާފައިވާ އެއްޗެއް ނޫން ކަމަށާއި އެޔަށް އެންމެން ވެސް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑު މިއަދު ރައީސުލްޖުމޫހިރިއްޔާއަށް ވެސް ދަންނަވާލަން އެންމެ ބޮޑު ކުށް ކަމުގައި ގާނޫނޫ އަސާސީގައި ކަނޑައަޅަން ޖެހޭ، ދުސްތޫރުގެ އިހްތިރާމް ކަނޑާލުން. ގަނޫނޫ އަސާސީގައި ކަނޑައަޅަން ޖެހޭ ގާނޫނު އަސާސީ އުވާލުމަކީ ތިން ބާރުން ކުރެ އެއްބާރަކަށް ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް،" އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ، އިލާހީ ގާނޫނާއި ސުންނަތް ފިޔަވައި ދެން ތަބާވާން ޖެހޭނީ ދިވެހި ރައްޔިތެއް ނަމަ ރާއްޖޭގެ ގާނޫނު އަސާސީއަށް ކަމަށާއި އެއާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލް ކަމެއް ކަމަށެވެ. އަދި އެއްވެސް ބާރެއް އަނެއް ބާރެއްގެ މައްޗަށް ނުފޫޒު ފޯރުވުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ފެބުރުއަރީ އެއްވަނަ ދުވަހު ބަޔަކު އެވަނީ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކޮއްފައި. ދަންނަން ޖެހޭ ހަގީގަތަކީ އިލާހީ ގާނޫނާއި ސުނަތް ފިޔަވައި ދެން ތަބާވާން ޖެހޭނީ ދިވެހި ރައްޔިތެއް ނަމަ ގާނޫން އަސާސީ އަށް ކަން،" އާމިރު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ މިއަދު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެރިކަމާ ހަވާލުވެ، ގާނޫނު އަސާސީ އެންމެންގެ މައްޗަށް ހަމަ ހަމައަށް ހިންގާފައިވާ ކަމަށެވެ.

"މިއަދުގެ ރައީސް ގައުމުގައި 'ކެކުރި' ބައްސަވަމުން އެ ގެންދަވަނީ އެންމެނަށް ހަމަހަމަ އަށް އެއްވަރަކަށް. ކުރީގެ ރައީސުންނަށް އެ ކެކުރި އެންމެނަށް އެއްވަރަކަށް ބަހަން ނޭނގުމުގެ ސަބަބުން މި ޖީލު ހަލާކުވެ ފުނޑު ފުނޑުވެގެން ގޮސްފައި އޮތްކަން އެ ބޭފުޅުން ގަބޫލު ކުރައްވަން ޖެހޭ،" މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުން އެއްވެސް ހާލަތެއްގެ ނާޖާއިޒް ފައިދާއެއް ނަގައި، އިއްޒަތާއި ކަރާމާތް ގެއްލޭ ކަމެއް ސަރުކާރަށް ނިސްބަތްވާ އެއްވެސް ބޭފުޅަކު ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

comment ކޮމެންޓް