ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާވަރުގެ ކަމެއް ކުރިއަކަ ރަހުމަތްތެރި ގައުމުތަކުން ނުދޭނެ: ޝައިނީ

ޕީޕީއެމްގެ ރުމާލު 2 ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ މުހައްމަދު އަފްރާހް

ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާށް ބުރޫ އަރާ ވަރުގެ ކަމެއް އެއްވެސް ގައުމަކުން ކުރުމުގެ ފުރުސަތު އެކުވެރި ގައުމުތަކުން ނުދޭނެ ކަމަށް ފިޝަރީސް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝައިނީ ވިދާޅުވީ އެކުވެރި ގައުމުތަކުން އަބަދުވެސް ރާއްޖޭގެ ހިމާޔަތުގައި ނުކުންނާނެ ކަމަށާއި ރާއްޖޭގެ މިނިވަންކަމަށް ބުރު އަރުވާލުމުގެ ފުރުސަތު އެގައުމު ތަކުން ނުދޭނެ ކަމަށެވެ.

"ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރު އެރުމުގެ ފުރުސަތު ރާއްޖޭގެ ރައްޓެހި ގައުމުތަކުން ނުދޭނެ. އެކަން ތިބޭފުޅުން ޔަގީން ކުރައްވާ،" ޑރ. ޝައިނީ ވިދާޅުވިއެވެ.

ޑރ. ޝައިނީ ވިދާޅުވީ ރާއްޖެ މިއޮތީ މުހިންމު ސަރަހައްދެއްގައި ކަމަށާއި އިންޑިއާ ކަނޑުގައި ރާއްޖެ އޮތް ހިސާބަކީ މުހިންމު ހިސާބެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެ ވެގެން ގޮސްފައިވަނީ ހުރިހާ ގައުމަކުންވެސް ލޯއަޅާ މުހިންމު ގައުމަކަށް ކަމަށްވެސް ވިދާޅުވިއެވެ.

"ރާއްޖެ މި ކުޑަކުޑަ ގައުމަށް ވުރެ ވެސް މުހިންމު އެއްވެސް ގައުމެއް ނޯންނާނެ. ދުނިޔޭގެ މުސްތަގުބަލު އޮތީ އޭޝިޔާގައި،" ޑރ. ޝައިނީ ވިދާޅުވިއެވެ.

ސަރުކާރުން ކުރިއަށްގެންދާ ޕާޓީ ޓޯކްސްގެ ޗެއާ ކަންވެސް ކުރައްވަމުން ގެންދަވާ ޝައިނީ ވިދާޅުވީ ގައުމަށް ކުރިމަތިވި ހާލަތުގައި ރައީސް ޔާމީނަށް އެންމެ ބޮޑު ހިތްވަރެއްދިނީ ޕާޓީ ތެރޭގައި އޮތް ބަދަހިކަން ކަމަށާއި ބޮޑު މަންޒަރާ ހަމައަށް ދާންވާނީ އެ ބަދަހިކަން މަތީ ކަމަށެވެ. އަދި ޒާތީ މައްސަލަތައް ދޫކޮށް ކުރިއަށް ދިޔުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

comment ކޮމެންޓް