ނޮވެމްބަރު ތިނެއްގެ ހަގީގަތް ހާމަކޮށްދޭން މައުމޫނަށް ޓޮމް ގޮވާލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް (ޓޮމް) --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާއިން ސާފުނުވާ ކަމެއް އެބައޮތް ކަމަށް ވިދާޅުވެ އެކަމުގެ ހަގީގަތް ހާމަކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް (ޓޮމް) ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ގޮވާލައްވައިފި އެވެ.

ޕީޕީއެމްގެ ރުމާލު 2 ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޓޮމް ވިދާޅުވީ ނޮވެމްބަރު 3ގެ ހާދިސާގެ މައުލޫމާތު އެނގޭ ދެ ދިވެއްސަކު މިވަގުތު ދުނިޔޭގައި އެބަތިބި ކަމަށާއި އޭގެ ތެރެއިން އެކަކީ މިހާރު ޖަލުގައި ހުންނެވި ރައީސް މައުމޫން ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް މައުމޫންގެ އިތުރުން އެ ހާދިސާގެ މައުލޫމާތު އެނގޭ ބޭފުޅުންގެ ތެރެއިން މިވަގުތު ދުނިޔޭގައި ތިއްބެވީ ކުރީގެ މިނިސްޓަރު އިބްރާހިމް ހުސައިން ޒަކީ ކަމަށެވެ. އަދި އެ ދެ ބޭފުޅުން އެ ހާދިސާގެ ތަފްސީލު ހާމަކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް ޓޮމް ވިދާޅުވި އެވެ.

"ނޮވެމްބަރު ތިނެއްގެ ހަގީގަތް އެނގޭ ދެ ފަރާތެއް ދުނިޔޭގައި އަދި އެބަ ތިއްބެވި. އެއީ މިހާރު ޖަލުގައ ހުންނެވި ކުރީގެ ރައީސް މައުމޫނަށާއި ކުރީގެ މިނިސްޓަރު އިބްރާހިމް ހުސެއިން ޒަކީ އަށް. މި ދެބޭފުޅުން ނޮވެމްބަރު ތިނެއްގެ ހަގީގަތް ހާމަކޮށްދެއްވަން ޖެހޭ. ނޮވެމްބަރު ތިނެއްގައި ސަފުވެފަ މިއޮތީ ހަމައެކަނި ފޮތްތަކުގައި ލިޔެފައި އޮތް ވާހަކަތަކެއް އެކަންޏެއް ނޫން." ޓޮމް ވިދާޅުވިއެވެ.

ޓޮމް ވިދާޅުވީ އެ ހާދިސާ އިން ރާއްޖެ ސަލާމަތް ކުރީ އިންޑިއާ ސިފައިން ނޫން ކަމަށާއި އެ ހާދިސާއިން ރާއްޖެ ސަލާމަތް ކުރީ ދިވެހި ސިފައިން ކަމަށެވެ.

"އިންޑިއާ ސިފައިންގެ ފުރަތަމަ ފްލައިޓް ވެސް ހުޅުލޭ އެއާޕޯޓްގައި ޖެއްސީ ހަވީރު 17:30. އޭރު ދިވެހި ސިފައިން ރާއްޖެ ސަލާމަތްކޮށްފި. އެކަމުން އަޅުގަނޑުމެން ސަލާމަތް ކުރުމުގައި މުހިންމު ދައުރެއް އަދާކުރީ ޝަހީދު ހުސައިން އާދަމް. އޭނާ އަށް ސެލިއުޓު ކުރަން. އިންޑިއާ ސިފައިން ވަނީ ރަހީނުން ސަލާމަތް ކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައި. އެކަމަށްޓަކައި އެބޭފުޅުންނަށް ޝުކުރު އަދާކުރަން،" ޓޮމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލުވާލާފައި ވަނީ ދިވެހީންގެ ބަޔަކު ބޭރު މީހުންނަށް އެހީތެރިވެގެން ކަމަށެވެ.

comment ކޮމެންޓް