ރައީސްގެ މަންދޫބެއްގެ ގޮތުގައި މައުމޫނާއި ސައީދު އަދި އަލީ ހަމީދާ، މުއިއްޒު ބައްދަލުކުރައްވައިފި

މިހާރު ޖަލުގައި ތިއްބެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދާ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރައީސް އަބްދުﷲ ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުން ބައްދަލުކުރައްވައި ހާލު ބައްލަވާލައްވައިފިއެވެ.

އެ ބައްދަލުވުންތައް ކުރިއަށް ދިޔައީ މިއަދު އެވެ.

ރައީސް މައުމޫނާއި ދެ ފަނޑިޔާރުންގެ ހާލު ބައްލަވާ ލެއްވުމަށް ފަހު ޑރ މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން އެ ތިން ބޭފުޅުންނާއި ބައްދަލުކޮށް، އެ ތިން ބޭފުޅުންގެ ހާލު ބައްލަވާފައިވާ ކަމަށެވެ.

"ތިން ބޭފުޅުންގެ ސިއްހީ ހާލުކޮޅު، ހުންނަވާ ތަނާބެހޭ މައުލޫމާތު ފަދަ ކަންކަން ވަނީ އޮޅުން ފިލުވާފައި،" ޑރ މުއިއްޒު ވިދާޅުވިއެވެ.

އެ ބައްދަލުވުމާއި ގުޅޭ އިތުރު ތަފްސީލެއް މުއިއްޒު ނުދެއްވައެވެ.

ރައީސް މައުމޫން މިވަގުތު މާފުށީ ޖަލުގައި ހުންނެވިިއިރު ފުލުހުން އެމަނިކުފާނުގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުމުގެ ތުހުމަތެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި އަލީ ހަމީދުގެ މައްޗަށް ވަނީ ރިޝްވަތު ހިފައިގެން ގާނޫނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުކޮށްފައެވެ.

comment ކޮމެންޓް