މަޖިލިސް ނުފެށޭތީ ކަންބޮޑެއް ނުވޭ، އެކަން ހުއްޓުވާފައި އޮތީ އިދިކޮޅުން: އަދުރޭ

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ--- ސަންފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުން މަޖިލީހުގެ މި ދައުރުގެ ޖަލްސާ ނުފެށި އޮތީ އިދިކޮޅު ކޯލިޝަނުން އެ ޖަލްސާތައް ބާއްވަން ބޭނުން ނުވާތީ ކަމަށާއި މި ދަނޑިވަޅުގައި ޖަލްސާތައް ނުފެށި އޮތުމަކީ ކަންބޮޑުވާ ކަމެއް ނޫން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

"ސަން"އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ ކޮންމެ ދުވަހަކު މަޖިލިސް ކުރާ ގެ ކައިރިއަށް ގޮސް އިދިކޮޅު މެމްބަރުން ކުރާ ކަންތައްތަކަކީ ބޭރު ދުނިޔެއަށް ވަކި ކަމެއް ސާބިތު ކޮށްދިނުމަށް ކުރަމުންދާ ކަންކަން ކަމަށެވެ.

"ހަގީގަތަކީ އިދިކޮޅުން ބޭނުމެއް ނުވޭ މަޖިލީހުގެ ޖަލްސާތައް ފަށާކަށް. އެބޭފުޅުން މިހާރު މަޖިލިސް ކައިރިއަށް ގޮސް އެކުރާ ކަންކަމަކީ މީޑިއާ ތަކައް ފޮޓޯ ދެއްކުމަށް ކުރާ ކަންކަން،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދަޅުވީ މިއަދާ ހަމައަށް ވެސް ޖަލްސާތައް ނުފެށި އޮތީ އިދިކޮޅުން އެގޮތަށް ބޭނުންވާތީ ކަމުގައި ވިޔަސް ރާއްޖޭގެ މިވަގުތު މިއޮތް ކުއްލި ނުރައްކަލުގެ ހާލަތުގައި މަޖިލިސް ނުފެށުމަކީ އެ ޕާޓީން ކަންބޮޑުވާ ކަމެއް ނޫން ކަމަށެވެ.

އަދުރޭ ވިދާޅުވީ އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕް އޮތީ ބަދަހިކޮށް ކަމަށާއި މާދަމާ މަޖިލިސް ފެށިޔަސް ސަރުކާރުން ރައްޔިތުންގެ ހައްގުގައި ކުރާ ކޮންމެ ކަމެއްގައި ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

މިދައުރުރުގެ ފުރަތަމަ ޖަލްސާ ކުރިން ފެށުމަށް ތާވަލްކޮށްފައި އޮތީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި މިހާރު ވަނީ އެ ޖަލްސާ މުއްދަތެއް ނެތި ފަސްކޮށްފައެވެ.

comment ކޮމެންޓް