ބޭރު ސިފައިން ރާއްޖެ ގެންނަން ގޮވާލުން: ތިޔަ ކުޅެވެނީ އަލިފާނާ!

އިންޑިއާގެ ހަނގުރާމަ މަތީ މަނަވަރެއް. ސިޔާސީ ގޮތުން ހަލަބޮލިވި މި ދަނޑިވަޅު އިންޑިއާ ސިފައިން ރާއްޖެ އައުމަށް ދިވެހިންގެ މަދު ބަޔަކު ދަނީ ގޮވާލަމުން-- ފޮޓޯ: އެންޑީޓީވީ

މި މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ގައުމަށް ކުރިމަތިވި ހަލަބޮލިކަމުގެ ވާހަކައަކީ ނުދައްކައި ދޫކޮށްލެވޭނެ ވާހަކަތަކެއް ނޫނެވެ. ގައުމުގެ ހާލަތު އެންމެ ހަލަބޮލިވި ދަނޑިވަޅު، އެއްވެސް ޒިންމާދާރުކަމެއް ނެތި ރާއްޖެ އަށް އިންޑިއާ ސިފައިން އައުމަށް ގޮވާލި ގޮވާލުން ވެގެން ދިޔައީ ކުޑަކުޑަ ގައުމަކަށް މާސިންގާ ބިޔަ ގައުމެއްގެ ކުރިމަތީގައި ކުރަން ޖެހުނު ވަރުގަދަ އިމްތިހާނަކަށެވެ.

ހުދު ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ސަޕޯޓްކުރާ މީހުން ވެސް "ނޮޓް އިން މައި ނޭމް" އޭ ބުނެ ފޭސްބުކްގައި ޝުއޫރުތައް ބަންޑުންކޮށްލި އެވެ.

12 މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށާއި އަދި ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެކު މާލެތެރެ ހަލަބޮލިވެފައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް ޑިޕްލޮމެޓިކް ގޮތުންނާއި އަސްކަރީ ގޮތުން ކުރިމަތިވި ފިއްތުންތަކާ އެކު، މިހާރު މިވަނީ މުޅިން އާ ބާބެއް ފެށިފަ އެވެ. ކުރިން ނުދެކޭ ކިތަންމެ ކަމެއް މިހާރު ފެނެ އެވެ. ކުރިން ނޭނގޭ ކިތަންމެ ކަމެއް ކޮންމެހެން ވެސް މިހާރު އެންގެން ޖެހޭ އެއްޗަކަށް މިވަނީވެފަ އެވެ.

ރާއްޖޭގެ ސިޔާސަތު ހަލަބޮލިވެފައިވާ މި ދަނޑިވަޅާ އެކު ސުވާލުތައް މިވަނީ ފުނިޖެހިފަ އެވެ. އުތުރު ކަރަޔަށް އިތުބާރުކުރެވޭނެތޯ އެވެ؟ މިއީ ރަނގަޅު ނިންމުމެއް ބާވަ އެވެ؟

ބޭރު ސިފައިން ގެންނަ ހާލަތަކަށް ރާއްޖެ ހިނގައްޖެތަ؟

ދުނިޔޭގެ ބައެއް ގައުމުތަކުގައި ބޭރުގެ ސިފައިން އެ ގައުމަކަށް އަރައިގަތުމަށް އެ ގައުމެއްގެ ރައްޔިތުންގެ ބަޔަކު މަދު ފަހަރަކު، ގޮވައިލިޔަސް މިއީ ރާއްޖެއަށް އަދި ވަރަށް އާ ކަމެކެވެ.

އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސެއިންގެ ވެރިކަމުގައި އެ ގައުމުގެ ޝީއީންނާއި ކުރުދީންނާ ދެކޮޅަށް ހިންގި އަނިޔާވެރި އަމަލުތަކުގެ ސަބަބުން ދެބައި މީހުން ވެސް ސައްދާމުގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް އެދި އެމެރިކާގެ މަދަދަށް އެދުނެވެ. އެމެރިކާ އިން އިރާގު 2003 ވަނަ އަހަރު ހިފުމުން ކުރުދީންކީ ވަރަށް ހޫނު މަރުހަބާއެކެވެ. ނަމަވެސް މިއަދު އިރާގެ ހާލަކީ ކޮބައިތޯ އެވެ؟

އިރާނު-އިރާގު ހަނގުރާމައިގެ ދުވަސްވަރު ކުރުދީންނާ ދެކޮޅަށް ސައްދާމުގެ ސަރުކާރުން ކެމިކަލް ހަތިޔާރު ބޭނުންކުރުމުން އާންމުން މަރުވެފައި---

ޔުކްރޭންގެ އިރުމަތީ ސަރަހައްދުގައި ދިރިއުޅޭ ރަޝިއާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ޔުކްރޭންގެ ހައްދުފަހަނަ އަޅައިފައިވާ މީހުން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން، އިރުމަތީ ޔުކްރެއިންއަށް ރަޝިއާ ސިފައިން އެރުމަށް ބޭނުންވާ ބަޔަކު ވެސް އުޅެ އެވެ. އަދި އިރާގެކޭ އެއްފަދަ އިން ހުދު އީރާނުގެ ބައެއް މީހުން ވެސް، އެމެރިކާ އިން އީރާނަށް އަރަން ބޭނުންވެ އެވެ. އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ، އެ ގައުމުގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް އުތުރިއެރުމުގެ އަސްލެވެ.

ދިވެހި މަދު ބަޔަކު ޝާމިލްވެގެން ރާއްޖެއަށް ބޭރުގެ ސިފައިން ގެންނަން ޖެހޭ ކަމަށް ފާޅުގައި ގޮވައިލަމުންދާ އިރު، ބޭރުގެ ސިފައިން ރާއްޖެ ގެންނަން ޖެހޭ ފަދަ ހާލަތަކަށް ރާއްޖެ ގޮސްފައިވޭތޯ މިއީ ހަމަ ހަގީގަތުގައި ވެސް ކުރަން ޖެހޭ ސުވާލެކެވެ. މިއުޅެނީ ދިވެހި ރައްޔިތުންގެ ފުރާނަ އާއި ސަލާމަތަށް ނުރައްކާވެގެންތޯ އެވެ؟ ނޫނީ އިގްތިސާދީ ގޮތުން ރާއްޖޭގެ ހާލަތު އަތްނުފޯރާ ވަރަށް ދަށަށް ގޮސްގެންތޯ އެވެ؟ ދެން ސުވާލު އުފައްދާނެ، ދީނީ އަދި ނަސްލީ ހަމަނުޖެހުމަކީ ދިވެހިން ދަންނަ އެއްޗެއް ނޫނެވެ.

އުތުރު ކަރައިގެ އިސްތިއުމާރީ ތާރީހަށް ބަލައިލުމެއް

އުތުރު ކަރައިގެ ސިފައިން ރާއްޖެ އަށް ފޮނުވައިފާނެތޯ ނުވަތަ ނޫންތޯ އަދި އޮތީ ސުވާލެއްގެ ތެރޭގަ އެވެ. ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ އުތުރު ކަރައިގެ ސިފައިން މިހާރު ވެސް ކަޝްމީރު އަދި ބޫޓާންގައި ތިބޭ ކަމެވެ. ބޫޓާންގައި އުތުރު ކަރައިގެ ސިފައިން ގާއިމުވެ ތިބެނީ ދެ ގައުމުގެ ދެމެދުގައި ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ކަޝްމީރުގައި އުތުރު ކަރައިއިން ތިބެނީ އިސްތިއުމާރުކޮށްގެންނެވެ.

ކަޝްމީރު އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ދިޔަ ހާދިސާއަކީ ހުދު ދިވެހިން ވެސް އޭގެން އިބްރަތް ހާސިލްކުރަން ޖެހޭ ހާދިސާއެކެވެ.

އިންދިއާގެ ކިބައިން މިނިވަންވުމަށް އެދި ކަޝްމީރުގެ ރައްޔިތުން މުޒާހަރާކުރަނީ--

ކަޝްމީރު އިންޑިއާގެ އަތް ދަށަށް ދިޔައީ ވެސް އެ ތަނުގައި ވެރިކަން ކުރަމުން ދިޔަ ހިންދޫ މަހާރާޖާ އިންޑިއާގެ ސިފައިން އެތަނަށް ފޮނުވުމަށް އެދުމުންނެވެ. ޕާކިސްތާނުން އެ މަހާރާޖާގެ އެ ނިންމުމަށް ދެކޮޅު ހަދައި ސިފައިން ފޮނުވި ކަމުގައި ވިޔަސް ޕާކިސްތާނުގެ ބާރުގެ ދަށަށް ގެންދެވުނީ ކަޝްމީރުގެ އެއްބަ އެވެ. މިއަދާ ހަމައަށް ވެސް ކަޝްމީރު އޮތީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ދެބައިވެފަ އެވެ.

ކަޝްމީރުގެ ގިނަ ރައްޔިތުން ބޭނުން ވަނީ އިންޑިއާގެ ކިބައިން މިނިވަންވެ، ޕާކިސްތާނާ ގުޅޭށެވެ. ހުދު އދ. އިން ވެސް ބުނެފައި ވަނީ ކަޝްމީރުގެ މައްސަލަ ނިންމުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ. ނަމަވެސް ކޯރުތަކާއި ބިމުގެ މުއްސަނދިކަން ލިބިފައިވާ ކަޝްމީރަކީ އިންޑިއާއަށް ވަރަށް މުހިންމު ސަރަހައްދެއް ކަމުން އިންޑިއާ އިން ކަޝްމީރުން ކައިވަތެއް ވެސް ދޫކޮށްލުމަކީ ނާދިރުކަމެކެވެ.

ތިނެއް ނޮވެމްބަރާއި މިހާރުގެ ހާލަތު

ތިނެއް ނޮވެމްބަރުގެ "ކަޅިން" ރާއްޖޭގެ މިހާރުގެ ހާލަތު ބަލައި އެ ވިސްނުމުގެ މައްޗަށް ބަރޯސާވުމަކީ، އަދި ރައީސް ނަޝީދު ވިދާޅުވިޔަސް ވަރަށް ނުރައްކާތެރި ކަމެކެވެ. ތިނެއް ނޮވެމްބަރު އެވަނީ މާޒީއާ އެކު ފާއިތުވެފަ އެވެ. އޭރުގެ ދުނިޔޭގެ ސިޔާސީ މަސްރަހާއި މިހާރުގެ ސިޔާސީ މަސްރަހާ ހާސްބައި ނުބައްދަލެެވެ.

އުތުރު ކަރައިގެ ސިފައިން ރާއްޖެ އައުމަށް ގޮވާލި ގޮވާލުން ދިފާއުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ނޮވެމްބަރު މަހު ތިނެއްގައި ވެސް އިންޑިއާ ސިފައިންގެ މަދަދު ލިބުނު ކަމަށެވެ. އަދި މިއީ އަނެއްކާ ވެސް އުތުރު ކަރައިގެ ކިބައިން މަދަދު ހޯދަން އެންމެ އެކަށީގެންވާ ދަނޑިވަޅު ކަމަށެވެ. އަދި މި ފަލްސަފާ ގަބޫލުކުރާ ބައެއް ދިވެހިން ވެސް އުޅޭކަމީ ހަގީގަތެކެވެ. ނަމަވެސް ހެޔޮ ވިސްނޭ ކޮންމެ ދިވެއްސަކަށް މީގެ ބޮޑު މަންޒަރު ތަސައްވަރުކޮށްލުމަކީ އުނދަގޫ ކަމަކަށް ނުވާނެ އެވެ.

ނޮވެމްބަރު 3، 1988: ޕްލޮޓު ޖަމާއަތް ރާއްޖެ ގެނެސް، ވެރިކަން ފުރޮޅާލަށް ބަޣާވާތް ކުރި ހާޖަރާގެ ލުތުފީ އަތުލައިގަނެ، ބިޑިއަޅުވައިގެން ތަހުގީގަށް ގެންދަނީ.

އުތުރު ކަރައިގެ ކަޅި ރާއްޖެއަށް އެޅުމުގެ އެންމެ ބޮޑު މަގްސަދަކީ ޗައިނާ އިން މިސަރަހައްދުގައި ބޮޑު ބާރެއްގެ ގޮތުގައި ކުރިހޯދުމާ ދެކޮޅު ހެދުމެވެ. އެކަމަކު ޗައިނާ އިން ރާއްޖެ އިސްތިއުމާރު ކުރުމަށް މަސައްކަތް ކުރާ ތަނެއް ނުފެނެ އެވެ.

ތިނެއް ނޮވްމެބަރުގެ ކަޅު ދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރި އިރު ޗައިނާ އަކީ އިގްތިސާދީ ގޮތުންނާއި އަދި އަސްކަރީ ގޮތުން ވެސް މާބޮޑު ބާރެއް ނޫނެވެ.

އުތުރު ކަރައިގެ ސިފައިން ރާއްޖެ އަރައިފި ނަމަ، މިހާރުގެ ހާލަތުގައި އެމީހުން ރާއްޖެ ދޫކޮށް ދިޔުމަކީ ނާދިރު ކަމެކެވެ. ހާއްސަކޮށް ވެރިއަކަށް ހުންނަވާ ބޭފުޅެއްގެ ދައުވަތަކަށް ރާއްޖެ އަރައިފި ނަމަ އެފަދަ ހާލަތެއްގައި އެބަޔަކަށް ދެއްކޭނެ ކިތަންމެ ބަހަނާއެއް އޮންނާނެ އެވެ. ޑިމޮކްރެޓިކް އިންތިހާބަކުން ވެރިކަމުގައި ހުންނެވި ބޭފުޅަކު އެހެން ގައުމެއްގެ ސިފައިންގެ ހިމާޔަތަށް އެދިއްޖެ ނަމަ، އެފަދަ ހާލަތުގައި އެއީ އިސްތިއުމާރުކުރުން ނޫން ކަމަށް ދައުވާކުރުމަށް އެ ގައުމަކަށް އެ ލިބޭނީ ރަނގަޅު ފުރުސަތެކެވެ. މިއީ ދެވަނަ "ކަޝްމީރަށް" ދިވެހި ރާއްޖެ ވުން ކަހަލަ ކަމެކެވެ.

އިންޑިއާ އިން އަބަދު ވެސް ދައުވާކުރާ ގޮތުގައި ކަޝްމީރު އިންޑިއާއާ ގުޅުނީ ރުހި ގަބޫލުވެގެންނެވެ.

މިއަދު މިގައުމަށް "ޑިމޮކްރަސީ"ގެ ނަމުގައި އެރިޔަސް، މާދަމާ މިގައުމުގައި ދެމިތިބުމަށް އެކި "ނަންނަމުގައި" ދައްކާނީ ކޮން ބަހަނާއެއް ކަމެއް ވެސް ނޭނގޭނެ އެވެ.

އުތުރު ކަރައިގެ ސިފައިންނަށް ރައީސް ޔާމީންގެ ވެރިކަމުގައި މި ރީތި އަމާން ރާއްޖެ އަށް އަރައި މިފަސްގަނޑު ކިލަނބުކުރުމުގެ ފުރުސަތު ނުލިބިދާނެ އެވެ. ރައީސް ޔާމީން އެފަދަ "ޅައެއްޗެއް" އެޅުމަކީ ދުރުކަމެކެވެ.

އުތުރު ކަރައިގެ ސިފައިން ރާއްޖެ އައުން އެންމެ ގާތީ ނަޝީދުގެ ވެރިކަމުގައި

"ޖައްބާރުކަމުގެ ތަމްރީނުދީ ދަގަނޑު ދަހަނާ އަޅުވައި އަސޭމިރުސް ދުމާއި ކަރަންޓް މުގުރާ އެކީގައި [ސަލާމަތީ ބަރުތައް] މާލޭގެ މަގުމައްޗަކަށް ނެރުނެއް ކަމަކު އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނެ." މިއީ އުސްފަސްގަނޑު ރޫޅާލި މައްސަލާގައި އެމްޑީޕީގެ މެންބަރުން ކައްކުވައިލުމަށް ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅެކެވެ.

ފުލުހުންނާއި ސިފައިންނާ ދެކޮޅަށް އާންމުންގެ ހިތުގައި ނަފްރަތު އުފައްދައި އެމީހުންގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ހުށަހެޅުމަށް ހިތްވަރުލިބޭ ފަދަ ސަގާފަތެއް ރާއްޖޭގައި އުފެދުނީ ދާދި ފަހުގެ ތާރީހެއްގައި ކަމީ ހަގީގަތެކެވެ.

ހަތިޔާރާއި ގޮވާތަކެތި ބޭނުން ކޮށްގެން ރާއްޖޭގެ ދިފާއީ ބާރު އެމްއެންޑީއެފްއިން ކޮންމެ އަހަރަކު ހިންގާ އަސްކަރީ ތަމްރީން، "ރަންނަމާރި ހަންޓް"ގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިންގެ ހިތްތަކުގައި ރާއްޖޭގެ ސަލާމަތީ ބާރުތައް ކިލަނބުކޮށް، ރާއްޖެ ފަހަނައަޅައި، ރާއްޖެ އިން ބޭރުގައި ވެސް ސިފައިންނާއި ފުލުހުންގެ ނަން ކިލަނބުކުރުމަށް ކެނޑިނޭޅި ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ތެރޭގައި އައިއެސް ޖަމާއަތުގެ މީހުން ހިމެނޭ ކަމަށް ބުނުމަކީ ކުރީގެ ރައީސް ނަޝީދު ކުރެއްވި ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ހުދު ގިނަ ދިވެހިން ވެސް އެއްބަސްވެ އެވެ. ދުނިޔޭގެ އެހެން ގައުމެއްގައި ނަމަ ގައުމެއްގެ އިސްތިގުލާލު ނަގާލުމަށް ފާޅުގައި ގޮވާލުމަކީ އެ މީހެއްގެ ސިޔާސީ "ހަޔާތް" ކަފުން ކުރުން ފަދަ ކަމެކެވެ. ނަމަވެސް ރާއްޖޭގައި ފެންނަނީ އެ މަންޒަރެއް ނޫނެވެ. ސިޔާސީ ގޮތުން އަންނަ ބަދަލުތަކުގެ ތެރެއިން ރައީސް ނަޝީދަށް އަދި ވެސް ވެރިކަން ލިބުމަކީ ދުރު ކަމެއް ނޫނެވެ.

ރައީސް ނަޝީދަށް ވެރިކަން ލިބިއްޖެ ނަމަ، ސިޔާސީ ގޮތުން ހަލަބޮލިވާ ދަނޑިވަޅުތަކުގައި ރައީސް ނަޝީދު އުތުރު ކަރައިގެ މަދަދު ހޯދުމަކީ ނުވުމަށް ވުރެ ވުން ކައިރި ކަމެކެވެ. ސިޔާސީ ގޮތުން ހަލަބޮލި ނުވި ނަމަވެސް، ޗައިނާ- އިންޑިއާގެ ވާދަވެރިކަމުގައި ރާއްޖެ އިން އިންޑިއާއާ އެކު ދިފާއީ އެއްބަސްވުމެއް ހެދުމަކީ ވެސް ދުރުކަމެއް ނޫނެވެ. ނަޝީދުގެ ވެރިކަމުގައި، ރާއްޖޭގެ މައި ގޭޓް، އެއާޕޯޓް ޖީއެމްއާރަށް ދިނުމަކީ އެކަމުގެ އަލިގަދަ ދަލީލެކެވެ.

ގައުމަށް އެރުމަށް ފަހު ދެމިތިބުން: ވަރަށް ނުރައްކާތެރިކަމެއް

ގައުމެއް އިސްތިއުމާރު ކުރުމަށް ފަހު އިސްތިއުމާރީ ބާރުތަކުގެ އަބަދު ވެސް އަމާޒަކީ އެ ގައުމެއްގައި ދެމިތިބުމެވެ. ނަމަވެސް އެގޮތަށް ދެމިތިބުމަކީ ގިނަ ފަހަރު ވަރަށް ބޮޑު ގޮން ޖެހުމެކެވެ. އެހެންކަމުން އިސްތިއުމާރީ ބާރުތަކުން އަބަދު ވެސް މަސައްކަތްކުރާނީ ގައުމު ބައިބައި ކުރުމަށެވެ. ޑިވައިޑް އެންޑް ރޫލުގެ އުސޫލު ހިންގުމަށެވެ.

ރާއްޖޭގައި ވަކިވެގަތުމުގެ ހަރަކާތެއް އަދި ނެތް ނަމަވެސް، މީގެ ކުރިން ރާއްޖޭގައި ވަކިވެގަތުމުގެ ހަރަކާތްތައް ރޭވިގެން ވަރަށް ކާމިޔާބުކަމާ އެކު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އިނގިރޭސިން ރާވައިގެން ދެކުނުގައި ހިންގި ބޮޑު ބަޣާވާތް ނިމިދިޔައީ ދިވެހިންގެ ނަސީބު ރަނގަޅުކަމުންނެވެ.

ރާއްޖޭގެ ގިނަ ބަޔަކު އައިއެސްއާ ގުޅެމުންދާ ކަމަށާއި އަދި އޭގެ ނުރައްކާ އިންޑިއާއަށް އޮތް ކަމަށް ބުނެ ރާއްޖެ އަށް ސިފައިން ފޮނުވަން ޖެހިދާނެ ކަމަށް އިންޑިއާގެ ވެރިކަންކުރާ ޕާޓީގެ ލީޑަރު ވެސް ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން އުތުރު ކަރައިން ރާއްޖެ އަށް އަރައިފި ނަމަ، ޓެރެރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ކަމަށް ބުނެ ރާއްޖޭގައި އުތުރު ކަރައިގެ ސިފައިން ދެމި ތިބުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ އެވެ.

ރާއްޖެ އިސްތިއުމާރުކުރުކޮށްފި ނަމަ، އެ ބަޔަކަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ދިވެހިން ކޮންޓްރޯލް ކުރުމެވެ. ބަޑިއާއި ހަތިޔާރު ނެތް ނަމަވެސް، ކަޝްމީރުގައި އިންޑިއާ ސިފައިންނަށް ކޮންމެ ދުވަހަކު ކުރިމަތިވާ އޮއްގަލުގެ ހަމަލާތައް ކުރިމަތިވުމަކީ ވަރަށް ކައިރި ކަމެކެވެ.

އިންޑިއާގެ ކިބައިން ކަޝްމީރު މިނިވަންކުރުމަށް މަސައްކަތްކުރަމުންދާ ހަނގުރާމަވެރިންތަކެއް--

އިސްތިއުމާރުގެ ހާލަތެއްގައި ރާއްޖޭގެ މިނިވަންކަން އަނބުރާ ހޯދުމަށް ނުކުންނަން ތައްޔާރަށް ތިބޭނީ ވެސް "ކުރީގެ" ދިވެހި ފުލުހުންނާއި ސިފައިންނެވެ. މިއީ އެންމެ ނުރައްކާތެރި ހާލަތެވެ. އެފަދަ ހާލަތެއްގައި "އިންފޯމާސް" ރެކްރޫޓް ކުރަން ފަށައިފި ނަމަ ހާލަތު ދާނީ މުޅިން ނުބައިން ނުބައަށެވެ.

އިންފޯމާސް ނުވަތަ ޖާސޫސޫންނަކީ ކަޝްމީރުގައި ވެސް އާންމުބައެކެވެ. ދިވެހިން ޖާސޫސުންގެ ގޮތުގައި ހަރަކާތްތެރި ވުމަކީ ގައުމަށް ގައްދާރުވުމެވެ. ގައްދާރުން މެރުމަކީ ފަލަސްތީން އަދި ކަޝްމީރުގައި ވެސް އާންމު ކަމެކެވެ. ރާއްޖޭގެ ހާލަތު ވެސް މިފަދައިން ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ.

ގޭންގް މާރާމާރީން ސަލާމަތް ނުވެވިގެން މިއުޅޭ ގައުމުގައި އިތުރަށް ލޭ އޮހޮރުވާލުމަކީ ވަރަށް ކައިރިކަމެކެވެ. މިއީ ރާއްޖެ އިސްތިއުމާރު ކުރުމަށް މަސައްކަތް ކުރާނެ ބަޔަކު ވެސް ބޭނުންވާނެ ގޮތެވެ. ރާއްޖޭގައި ދެމި ތިބުމަށް "ޓެރެރިޒަމް" އަބަދު ވެސް ބަހާނާއެއްގެ ގޮތުގައި ދެއްކޭނެ އެވެ.

ޓެރެރިޒަމް ބަހަނާއެއްގެ ގޮތުގައި ދެއްކުމަށް އިންޑިއާއިން ކަޝްމީރުގައި ގެންގުޅޭ އެންމެ އާންމު އުކުޅަކީ "ފޭކް އެންކައުންޓާ"ގެ ހަމާލަށް ދިނުމެވެ.

އިންޑިއާގެ އެހެން ސްޓޭޓެއް ކަމަށްވާ މަނީޕޫރުގައި އިންޑިއާ ސިފައިން ހިންގި ކަމަށް ބުނާ 1528 "ފޭކް އެންކައުންޓާ"ގެ މައްސަލަ އެގައުމުގެ ސުޕްރީމް ކޯޓުން މިހާރު ވެސް ދަނީ ބަލަމުންނެވެ.

އިސްތިއުމާރީ ފިކުރުތަކާ މެދު ހޭލުންތެރިކަން ކުޑަ

ފްރާންސްގެ އިސްތިއުމާރުގެ ދަށުން ސަލާމަތްވުމަށް އަލްޖީރިއާގެ ހަތަރު މިލިއަން ރައްޔިތުން ފުރާނަ ގުރުބާން ކުރި އެވެ. އަލްޖީރިއާ ނޫނަސް އިސްތިއުމާރުގެ އަނިޔާވެރިކަން ދެކެފައިވާ ގައުމުތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިމެނެ އެވެ.

ރާއްޖެއަކީ މުޅިން ތަފާތު ވާހަކައެކެވެ. އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި ރާއްޖެ އޮތް އިރު، އިސްތިއުމާރުގެ ހަގީގީ ކުލަ ރާއްޖޭގެ ރައްޔިތުން ދެކެފައެއް ނެތެވެ. އިސްތިއުމާރުގެ "ހިތި" ރަހަ އެންމެ ފަހުން ދުށް ނޮވެމްބަރު ތިނެއް ވެސް އެންމެ ދެ ދުވަސް ތެރޭ ނިމިގެން ދިޔަ އެވެ. "އަނިޔާވެރިކަން" ދުނިޔޭގެ އެހެން ގިނަ ގައުމުތަކުން ސިފަކުރާ ގޮތާއި ރާއްޖޭގެ ރައްޔިތުން ސިފަކުރާ ގޮތާ ވަރަށް ތަފާތު ވާނެ އެވެ.

ސިޔާސީ ގޮތުން ތަސައްރަފު ނުފުދޭ ބަޔަކު ރާއްޖެ، ފަލަސްތީނުގެ "ގައްޒާ"ގެ ގޮތުގައި ވެސް ސިފަކޮށްދީފާނެ އެވެ. މިއީ އަޅުގަނޑު ލޮލުން ދެކެ އަތުން ހިފައިގެން ބުނާ ވާހަކައެކެވެ. ހުދު އަޅުގަނޑަށް ވެސް ފުރަތަމަ ގަބޫލު ކުރަން ދަތިވިކަމެކެވެ.

ގައްޒާ ކަހަލަ ބިރުވެރި، ބަންދުވެ، އިންސާނީ މުސީބާތަކަށް ޖެހިފައިފައިވާ ސަރަހައްދަކާއި ދިވެހި ގައުމު އަޅާކިޔާނެ ގޮތެއް އުޅެއުޅެ ވެސް ނުވިސްނުނެވެ. ކަޝްމީރުގެ ރައްޔިތުންނަށް މިނިވަންކަމަކީ އެމީހުންނަށް ހަމަޖެހިލައިގެން މަގުތަކުގައި އެއްވެސް ބިރުވެރިކަމެއް ނެތި ހިނގާލުން ކަމަށްވާ ނަމަ، ރާއްޖޭގެ ހާލަތު އެތަންތަނާ އަޅާ ކިޔޭނެތޯ އެވެ؟

އިންޑިއާ ސިފައިން ކަޝްމީރުގައި ހަރަކާތްތެރިވަނީ--

ރާއްޖެ އިން ބޭރުގެ އަސްކަރީ ސިފައިން ގެނެސް ރާއްޖެ ހިސޯރުކުރަން ގޮވާލުމުން އެކަމަށް ތާއީދުކުރާ ދިވެހިން ތިބުމަކީ ހައިރާންވާން ޖެހޭ ކަމެއް ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވިޔަސް، ފުނަށް ފީނާލައިފި ނަމަ، ބައެއް ދިވެހިން "އެމަޅީގައި" ޖެހެނީ ކީއްވެގެންކަން އެނގޭނެ އެވެ.

މިހާލަތުން އަރައިގަތުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން މިހާރު މިވަނީ ޖެހިފަ އެވެ. އިސްތިއުމާރީ ބާރުތަކާ ބެހޭ ގޮތުން "ދެތިން ސަފުހާއަކުން ރާއްޖޭގެ ސްކޫލް ކަރިކިއުލަމް ނިންމާލާފައި އޮތް ޒަމާން ނިމުމަކަށް ގެނެސް "އިސްތިއުމާރަކީ" ކޮބައިކަން ސާފުކޮށް ވަރަށް ރީއްޗަށް ކިޔަވައިދިނުމަކީ މިހާރުން މިހާރަށް ކުރަން ޖެހިފައިވާ ކަމެކެވެ.

comment ކޮމެންޓް