ފުލުހުން ކުރާ ތުހުމަތުތަކަށް އުއްތަމަ ފަނޑިޔާރު އިންކާރު ކުރައްވައިފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު --- ސަން ފައިލް ފޮޓޯ

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ފުލުހުން ކުރާ ތުހުމަތުތަކަށް އެ މަނިކުފާނު އިންކާރު ކުރައްވައިފިއެވެ.

އަބްދުﷲ ސައީދު ރާއްޖޭގައި ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ސާބިތު ހެކި ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ސުޕްރީމް ކޯޓުގެ ތެރެއަށް ވަދެ ފުލުހުން އެމަނިކުފާނު ހައްޔަރުކުރީ މިމަހުގެ ފަސްވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނީ ވަކީލާ ހިސާން ހުސައިން ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރާ ތުހުމަތުތަކަށް އެމަނިކުފާނު އިންކާރުކުރައްވާ ކަމަށާއި އެފަދަ ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ.

"ތަހުގީގެއް ހިންގަން ފުލުހުން އަޅުގަނޑުމެން ވެސް ހާޒިރު ކުރި. އެފަހަރު ފުލުހުން އެންމެ ފުރަތަމަ ކުރެއްވި ކަމަކީ އެމަނިކުފާނުގެ މައްޗަށް ކުރާ ތުހުމަތުތައް އިއްވުން. އެމަނިކުފާނުގެ މައްޗަށް ތިން ތުހުމަތެއް ކުރައްވާފައިވާ އިރު، ގާނޫނުލް އުގޫބާތުގެ 10 މާއްދާއަކަށް ހަވާލާދީފައިވޭ. އެމަނިކުފާނު ވިދާޅުވީ ތިމަންނާގެ މައްޗަށް ކުރާ ތުހުމަތުތަކުގައި އެއްވެސް އަސާސެއްގެ މައްޗަށް ބިނާ ކޮށް، ކޮށްފައިވާ ތުހުމަތުތަކެއް ނޫން ކަމަށް،" ހިސާން ވިދާޅުވިއެވެ.

ގާނޫނުލް އުގޫބާތުގެ 10 މާއްދާއާ ހަވާލާދީ ތިން ތުހުމަތެއް އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރާއިރު، ގާނޫނުގެ އެ މާއްދާތަކާއި ތުހުމަތުތަކާ ގުޅިގެންދާ ގޮތެއް އެމަނިކުފާނަށް ނުވިސްނޭ ކަމަށް ވިދާޅުވެފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ތުހުމަތުތަކާ ގުޅިގެން މިހާތަނަށް އަބްދުﷲ ސައީދާ ފުލުހުން އެއްވެސް ސުވާލެއް ކޮށްފައިނުވާ ކަމަށެވެ. އަދި ތުހުމަތުތަކާ ގުޅިގެން ދިފާއުގައި އެއްވެސް އެއްޗެއް ވިދާޅުވުމުގެ ފުރުސަތު ދެއްވާފައި ނުވާ ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އަބަދުވެސް މި ފެންނަނީ މީޑިއާގައި ފުލުހުންނަށް ހެކިތަކެއް ލިބިގެން އެވާހަކަ ދައްކާ މަންޒަރު. ނަމަވެސް އެ ބޭފުޅުން އެ ހޯދި ހެކިތަކާ ގުޅިގެން އުއްތަމަފަނޑިޔާރާ އެއްވެސް ސުވާލެއް ތަހުގީގެއް ހިންގާފައެއް ނުވޭ،" ހިސާން ވިދާޅުވިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ވަނީ މިދިޔަ ބުރާސްފަތި ދުވަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތު ތަކުން އެކަހެރިކޮށް ސަސްޕެންޑުކޮށްފައެވެ.

މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ ޖޭއެސްސީން އެގޮތަށް ނިންމާފައި ވަނީ އެ ކޮމިޝަނުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނާ ކަނޑައެޅިގެން ޚިލާފަށް ކަމަށެވެ.

އޭނާ ވިދާޅުވީ ޖޭއެސްސީން ފަނޑިޔާރަކާ މެދު ފިޔަވަޅު އެޅުމުގެ ފުރުސަތު ލިބެނީ ހަމައެކަނި އެ ކޮމިޝަނުން މައްސަލައެއް ބެލުމަށް ފަހު ކަމަށާއި ފުލުހުން މައްސަލައެއް ބަލާތީ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ބާރެއް އެ ކޮމިޝަނަށް ލިބިގެން ނުވާ ކަމަށް ހިސާން ވިދާޅުވިއެވެ.

comment ކޮމެންޓް