ޕީއެސްޖީއާއި ރެއާލް: ޔޫރަޕުގެ ގަދަ ދެ ބާރުގެ ކުރިމަތިލުން!

ރެއާލްއާއި ޕީއެސްޖީ ވާދަކުރާ މެޗުގައި އެންމެ ގިނަބައެެއްގެ ލޯތައް އަމާޒުވާނީ ރޮނާލްޑޯއާއި ނޭމާއަށް --- ފޮޓޯ/ ގެޓީ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ސްޕެއިންގެ ރެއާލް މެޑްރިޑާއި ފްރާންސް ލީގުގެ ޕީއެސްޖީ މިރޭ ކުރިމަތިލާނެއެވެ. ފުރަތަމަ ލެގު ރެއާލްގެ ތާރީހީ ސްޓޭޑިއަމް ސަންތިއޭގޯ ބެރްނަބޭއޫގައި މިރޭ އޮންނައިރު ޕީއެސްޖީއަކީ ރެއާލަށް މި ދަނޑިވަޅުގައި ކުރިމަތިވާނެ އެންމެ ބޮޑު ޓެސްޓެވެ.

ލީގުގައިވެސް އެންމެ އެދެވޭ ނަތީޖާތަކެއް ނުނެރެވި ތާވަލުގެ ހަތަރުވަނައިގައި ރެއާލް އޮތީ މާޔޫސް ކަމުގައެވެ. އެ މާޔޫސްކަމަށް އިތުރު މާޔޫސް ކަމެއް ގެނުވީ ކޮޕާ ޑެލްރޭއިންވެސް ކަޓައި މި ސީޒަންގައި ޓްރޮފީއަކަށް ކުރަމުން އައި އުންމީދު ހަނިވުމުންނެވެ. ގިނަ ބަޔަކު ބުނާ ގޮތުން ރެއާލަށް މި ސީޒަންގައި ބާކީ އޮތީ ޗެމްޕިއަންސް ލީގު އެކަންޏެވެ.

ލީގުގެ ހަތަރުވަނައިގައި އޮތް ރެއާލްއަށްވަނީ މި ސީޒަންގައި ލިބެން އޮތް ހަމައެކަނި ޓްރޮފީއަކީ ޗެމްޕިއަންސް ލީގު ކަމަށް ގިނަ ބަޔަކު ބުނޭ --- ފޮޓޯ/އޭޕީ

ކޯޗު ޒައިނުއްދީން ޒިދާނާއެކު ވޭތުވެދިޔަ ދެ ސީޒަންގެ ޗެމްޕިއަންސް ލީގުވެސް ނެގި ރެއާލަކީ އަދިވެސް ޗެމްޕިއަންސް ލީގުގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެކެވެ. ލީގު އަދި ކަޕުގައި ކޮންމެ ނަތީޖާއެއް ނެރުނަސް ރެއާލްގެ ފެންވަރު ޗެމްޕިއަންސް ލީގުގައި ދަށްކޮށްލައިގެން ނުވާނެއެވެ. ރެކޯޑުތަކާއި ތަފާސްހިސާބުތައް ފުޓުބޯޅައިގައި މުހިއްމުވާއިރު ރެއާލްގެ ވަރުގަދަކަން އެންމެ އަދަދަކުން ނިންމާލެވިދާނެއެވެ. އެއީ 12 އެވެ. ރެއާލްވަނީ ރެކޯޑު 12 ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.

މެޗުގެ ކުރިން ކޯޗު ޒިދާން ބުނީ އެއްވެސް ޕްރެޝަރެއް ނެތް ކަމަށާއި، ޓީމަށް ހާސްކަންވެސް ނެތް ކަމަށެވެ. މެޗަށް ނުކުތުމުގެ ކުރިން ޒިދާނަށް އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ގެނެސްދިނީ ރެއާލްގެ ތަރި ރޮނާލްޑޯއެވެ. މި ސީޒަންގައި ފޯމު ކަޓައިފައިވާ ކުޅުންތެރިއެއްގެ ގޮތުގައި ރޮނާލްޑޯ ފެނުނު ނަމަވެސް އެންމެފަހުން ލީގުގައި ކުޅުނު މެޗުގައި އޭނާވަނީ ހެޓްރިކް ހަދައިފައެވެ. ޕީއެސްޖީ ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ރެއާލް ނުކުންނައިރު ރޮނާލްޑޯގެ ވިދުން ގަދަވެގެން ނޫނީ ރެއާލްއަށް ސަލާމަތެއް ނެތެވެ.

ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން --- ފޮޓޯ/ އޭޕީ

ރެއާލްއާ ދެކޮޅަށް މިރޭ ނުކުންނާނީ ވަރުގަދަ ޕީއެސްޖީއެވެ. ޕީއެސްޖީގެ ކުރިއަށް 'ވަރުގަދަ' މި ލަފްޒް ލާން ޖެހުނީ އެ ކްލަބުގެ ރެކޯޑަށް ބެލުމަށްފަހުއެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައިވެސް ޕީއެސްޖީ ކުޅުނު މެޗުތަކުގެ ތެރެއިން ބަލިވީ އެންމެ މެޗަކުންނެވެ. ގިނަ މެޗުތަކުން ޕީއެސްޖީ މޮޅުވީ ތަފާތު ބޮޑުކޮށެވެ. ޕީއެސްޖީގެ އެޓޭކަކީ ޔޫރަޕުގެވެސް އެންމެ ވަރުގަދަ އެއް އެޓޭކެވެ. ޕީއެސްޖީން ލީގުގައި ކުޅުނު 25 މެޗުން 21 މެޗު ކާމިޔާބުކޮށްފައިވާއިރު، ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ، ޕީއެސްޖީގެ ތަރި ނޭމާ މިހާރު ހުރި ފޯމުގައި އޭނާ ހުއްޓުވުމަކީ ނުވާނެ ކަމެކޭވެސް ބުނެވިދާނެއެވެ.

ޕީއެސްޖީގެ ތަރި ނޭމާ -- ފޮޓޯ/ގެޓީ

މިވަގުތު މި ދެޓީމު އޮތް ފޯމަށް ބަލާއިރު، މެޗުގައި ކުރި ހޯދާނެ ކަމަށް ބެލެވެނީ ޕީއެސްޖީއެވެ. ކޯޗު އުނައި އެމެރީވެސް ހުރީ އުންމީދު ބޮޑު ކޮށެވެ. ލީގާއި ޗެމްޕިއަންސް ލީގުގެ ރެކޯޑު އޭނާއަށް އިތުބާރު ހޯދައިދެއެވެ. ކިލިއަން އެމްބާޕޭއާއި ނޭމާގެ އިތުރުން އެޑިސަން ކަވާނީ ފަދަ ފޯމުގައި ތިބި ގިނަ ކުޅުންތެރިންތަކެއް ޓީމުގައި ތިބުމަކީ ޕީއެސްޖީގެ ހާސްކަން ކުޑަކޮށްލާނެ އެއް ކަމެވެ.

މިއަދުގެ ޒަމާނީ ފުޓުބޯޅަ ފައިސާއާ އިންތިހާއަށް ގުޅިފައިވާއިރު، ސްކޮޑުގެ ވަރުގަދަކަމުންނާއި ފައިސާގެ ވަރުގަދަ ކަމުންވެސް މި ދެޓީމަކީ ޔޫރަޕުގެ ގަދަ ދެ ބާރެވެ. ޓްރާންސްފާ މާކެޓްގެ ރެކޯޑުތައް މުގުރާލުމުގައި އެންމެ ފާހަގަ ކޮށްލެވޭ މަގާމުގައި ރެއާލްގެ ނަން އަދިވެސް އޮތީ ގަދަކޮށެވެ. އެހެން ނަމަވެސް ވޭތުވެދިޔަ ފަސްވަރަކަށް ސީޒްންގައި ޕީއެސްޖީންވެސްވަނީ އެ ކްލަބުގެ ފައިސާވެރިކަން ދައްކާލައިފައެވެ. ޕީއެސްޖީ ފާހަގަކުރެވުނީ ގިނަ ފަހަރުތަކެއް މަތިން ޓްރާންސްފާ ރެކޯޑު މުގުރާލައި ޔޫރަޕްގެ ޓްރާންސްފާ މާކެޓްގެ އަގުތަކަށް އިނގިލާބެއް ގެނުވި ޓީމެއްގެ ގޮތުގައެވެ.

ރެއާލް އަދި ޕީއެސްޖީ ވާދަކުރާ މެޗު އޮންނާނީ ރާއްޖެ ގަޑިން މިރޭ 12:45ގައެވެ.

comment ކޮމެންޓް