އަސީލުގެ މަރުގެ ތުހުމަތުކުރެވޭ މީހުން ދިފާއީ ހެކި ހުށަނާޅަން ނިންމައިފި

ތ. ތިމަރަފުށީ ބްލޫނިޔާގޭ އަސީލު އަހްމަދު -- ސަންފައިލް ފޮޓޯ

މައްޗަންގޮޅި ދިދިގޯޅި ތެރޭގައި ހުންނަ "އަގޯރާ އެކްސްޕްރެސް" ފިހާރަ ކުރިމަތިން ވަޅިން ހަމަލާދީ، ތ. ތިމަރަފުށީ ބްލޫނިޔާގޭ އަސީލު އަހްމަދު މަރާލި މައްސަލައާ ގުޅިގެން ޓެރެރިޒަމްގެ ދައުވާ އުފުލާފައިވާ ހަ މީހުންގެ ތެރެއިން ފަސް މީހަކު ދިފާއީ ހެކި ހުށަނާޅަން ނިންމައިފި އެވެ.

އެ މައްސަލާގައި ދައުވާ އުފުލާފައިވާ މީހުންނަކީ ގދ. ތިނަދޫ ސްވީޓްޑްރީމް، އަހްމަދު ނިމްޝާދާއި މާލޭ ދަފްތަރު 6566 އިސްމާއީލް ރިފާއު ގދ. ވާދޫ އާބަހާރުގޭ އިހްސާން ރަޝީދާއި މ. ގޯލްޑްބާޑްލިލީ، ހަސަން އިސާމް މުހައްމަދުގެ އިތުރުން މއ. ރާޅުއެރިގޭ ޝާރިފް ޝަރީފެވެ.

އެ މައްސަލާގައި ދައުވާ ލިބޭ، ހުޅުމާލެ ފްލެޓް 110118 އަހްމަދު ޖައުފަރުގެ ދިފާއުގައި ހުށަހަޅާފައިވާ ތިން ހެކިންގެ ތެރެއިން ދެ ހެކިންގެ ހެކިބަސް ވަނީ ނަގައިފަ އެވެ.

އިއްޔެގެ ޝަރީއަތަކީ ދިފާއީ ހެކިން ހާޒިރުކުރުމަށް ދީފައިވާ ފަހު ފުރުސަތެވެ. ނަމަވެސް އެ ޝަރީއަތަށް ހަ މީހުންގެ ދިފާއީ ހެކިން ވެސް ހާޒިރުވެފައެއް ނުވެ އެވެ.

ގާޒީ ސުވާލު ކުރެއްވުމުން ހަ މީހުން ވެސް ބުނެފައި ވަނީ އެ މީހުންގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިންގެ ތެރެއިން ބައެއް މީހުން މިވަގުތު ރާއްޖެ އިން ބޭރުގައި ތިބި ކަމަށާއި އަދި އަނެއްބައި ހެކިން އުޅެމުން ދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ކަމަށެވެ. އެހެން ކަމުން ހެކިން ހާޒިރުކުރުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ހުރި ކަމަށް އެ ފަރާތްތަކުން ބުންޏެވެ.

އެ ޝަރީއަތަކީ ހެކިން ހާޒިރުކުރުމަށް ދީފައިވާ އެންމެ ފަހު ފުރުސަތު ކަމަށްވީ ނަމަވެސް ގާޒީ ވަނީ ހަ މީހުން ވެސް ދިފާއީ ހެކިން ހާޒިރުކުރުމަށް ބޭނުންވޭތޯ ސުވާލުކޮށްފަ އެވެ. ނަމަވެސް ރިފާއު ފިޔަވައި އަނެއް ފަސް މީހުން ވެސް ބުނެފައި ވަނީ ހެކިން ހާޒިރުކޮށްގެން މައްސަލަ ކުރިއަށް ގެންދާ ނަމަ އަނެއްކާ ވެސް މައްސަލަ އިތުރަށް ދިގުލައިގެން ދާނެ ކަމަށާއި އެހެންކަމުން ބޭނުން ވަނީ ވީހާ ވެސް އަވަހަށް މައްސަލަ ނިންމަން ކަމަށެވެ. އެހެންކަމުން ހެކިބަސް ނުނަގައި މައްސަލަ ކުރިއަށް ގެންދިއުމަށް ފަސް މީހުން ވެސް ވަނީ އެދިފަ އެވެ.

ސަބަބެއްގެ ގޮތުގައި އެ މީހުން ފާހަގަކޮށްފައި ވަނީ ޖަލުގައި ތިބުމުގެ ސަބަބުން އެކަށީގެންވާ ބޭސްފަރުވާ ނުލިބި ބައެއް ފަރާތްތަކަށް ސިއްހީ ބޮޑެތި މައްސަލަތަކެއް ދިމާވަމުން އަންނަ ކަމަށެވެ. އަދި މައްސަލަ އިތުރަށް ދިގުލައިގެން ގޮސްފި ނަމަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ވެސް ފާހަގަކުރި އެވެ.

ތިން ހެކިންގެ ތެރެއިން ދެ ހެކިން ހާޒިރުކޮށްފައިވާ ރިފާއު ބުނީ އޭނާގެ ތިން ވަނަ ހެކިވެރިޔާގެ ހެކިބަސް ނަގާ ނަމަ މައްސަލަ އިތުރަށް ދިގުލައިގެން ދެން ތިބި މީހުނަށް އޭގެ އަސަރުކޮށްފާނެ ކަމަށް ބެލެވޭތީ ހެކިބަސް ނުނަގައި މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

އެހެންކަމުން ގާޒީ ނިންމެވީ ދިފާއީ ހެކިންގެ ހެކިބަސް ނުނަގައި މައްސަލަ ކުރިއަށް ގެންދިއުމަށެވެ. އަދި މިމަހުގެ 18 ވަނަ ދުވަހަށް އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ތާވަލުކުރުމަށް ފަހު ގާޒީ ވިދާޅުވީ އެ އަޑުއެހުމުގައި އޮންނާނީ ދެ ފަރާތުން ހުށަހަޅާ ހުލާސާ ބަޔާން އިއްވުން ކަމަށެވެ.

އުމުރުން 19 އަހަރުގެ އަސީލް މަރުވެފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދިދި ގޯޅިތެރޭގައި ތޫނު ހަތިޔާރުން ބަޔަކު އޭނާއަށް ހަމަލާދިނުމުން ލިބުނު އަނިޔާތަކަށް އައައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް އެ މަހުގެ 29 ވަނަ ދުވަހު އެވެ.

comment ކޮމެންޓް