ރިލްވާން ގެއްލުވާލި މައްސަލައިގެ ޝަރީއަތް މިއަދު ވެސް ކެންސަލް

ރިޟްވާން ސައިކަލްގައި ދާއިރު، ސުވައިދު އޭނާގެ ފަހަތުން ސައިކަލެއްގައި ފާރަލަމުންދާ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފްޓޭޖުގެ ސްކްރީން ޝޮޓް ---

ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ދައުލަތުން ދައުވާއުފުލާފައިވާ ތިން މީހުންގެ ޝަރީއަތް މިއަދު ވެސް ކެންސަލްކޮށްފިއެވެ. އެ މައްސަލައިގައި އިއްޔެ ބޭއްވުމަށް ތާވަލުކުރި ޝަރީއަތް ވެސް ވަނީ ކެންސަލް ކޮށްފައެވެ.

އެމައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ސ. ހުޅުދޫ، އަތީރީގޭ މުހައްމަދު ސުއައިދު އާއި ހ. ހިލްޓަން އަހުމަދު އާލިފް ރައުފް އާއި ގދ. ވާދޫ ކަރަންކާގެ މުހައްމަދު ނޫރައްދީނުގެ މައްޗަށެވެ.

އެމައްސަލައިގައި އެ ތިން މީހުންގެ މައްޗަށް ވެސް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަންގެ ދައުވާ އެވެ.

ފުލުހުން ވަނީ އެ މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ލިބޭ، އަޙްމަދު އާލިފް ރައޫފާއި މުހައްމަދު ނޫރައްދީން މީގެ ކުރިން ހައްޔަރު ކޮށްފައެވެ. ނަމަވެސް 2016 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ދެމީހުން ވަނީ ހައްޔަރުން ދޫކޮށްލައިފައެވެ.

އާލިފް ރައޫފަކީ ރިލްވާން ގެއްލުނު ރޭ އޭނާ ގަދަކަމުން އެރުވި ކަމަށް ބުނާ ރަތްކާރުގެ ވެރިޔާއެވެ. އަދި ނޫރައްދީނަކީ، ހުޅުމާލޭގައި އެ ކާރު ގެންގުޅުނު ކަމަށް ބުނާ މީހާ އެވެ.

ރިލްވާން ގެއްލިފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 7 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިދިޔަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރިލްވާން ގެއްލުނު ރޭ އެކާރު އޮތް ސަރަހައްދުން ތިން ފަހަރު މީހެއްގެ ހަޅޭކުގެ އަޑު އިވުނު ކަމަށާއި އެއިރު އެކާރުގެ ވައަތްފަރާތު ދޮރު ހުޅުވިފައި ހުރި އިރު، އެ ދޮރުން އަތެއް ދިއްކުރަނިކޮށް ފެނިފައިވާ ކަމަށް މަންޒަރު ދުށް މީހުން ތަހުގީގަށް މައުލޫމާތު ދީފައިވާ ކަމަށް ބުނެފައިވެ އެވެ.

އެ މައްސަލައިގައި މިހާރުކުރިއަށް ދަނީ ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކިންގެ ހެކިބަސް ނެގުމެވެ. އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވެސް ހެކިބަސް ދިން ދެ މީހަކު ވަނީ ރިލްވާން ދިރިއުޅުނު ގޭ ކައިރިން ގަދަކަމުން މީހަކު ކާރަކަށް އެރުވި މަންޒަރު ފެނިފައިވާ ކަމަށް ހެކިބަސް ދީފައެވެ. ނަމަވެސް އެ މީހުނަށް އެއީ ރިލްވާން ކަމެއް އަދި އޭނާ ކާރަށް އެރުވީ ކޮންބައެއް ކަމެއް ވެސް ބުނެދޭން ނޭންގޭ ކަމަށް ވަނީ ބުނެފައެވެ.

ރިލްވާން ގެއްލިފައި ވަނީ ދުރާލައި ރާވައިގެން ބަޔަކު ކުރި ކަމެއްގެ ސަބަބުން ކަމަށާއި، ރިލްވާނަށް ފާރަލުމުގައި އެންމެ އިސްކޮށް އުޅުނީ އެ މައްސަލާގައި ދައުވާ ލިބޭ ސ. ހުޅުދޫ އަތިރީއާގޭ މުހައްމަދު ސުއައިދު ކަމަށް ފުލުހުން ބުނެފައިވެ އެވެ.

comment ކޮމެންޓް