ޑެންމާކުގެ ރާނީގެ ފިރިކަލުން، ޕްރިންސް ހެންރިކް އަވަހާރަވެއްޖެ

ޑެންމާކްގެ ރާނީ މާގަރީތް ދެވަނަ އާއި ޕްރިންސް ހެންރިކް -- ފޮޓޯ: އޭއެފްޕީ

ކޯޕަންހޭގަން (ފެބްރުއަރީ 14): ޑެންމާކުގެ ރާނީ މާގަރީތް ދެވަނައިގެ ފިރިކަލުން، ޕްރިންސް ހެންރިކް އަވަހާރަވެއްޖެ އެވެ.

ޑެންމާކުގެ ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައިވާ ގޮތުން 83 އަހަރުގެ ޕްރިންސް ހެންރިކް އަވަހާރަވި ވަގުތު ރާނީ މާގަރީތް އާއި ދެ ދަރިކަލުން، ވަލީ އަހުދު ފްރެޑްރިކް އާއި ޕްރިންސް ހޯކިމް ގާތުގައި ތިއްބެވި އެވެ.

މިދިޔަ މަހު ޕްރިންސް ހެންރިކް ވަނީ ފުއްޕާމޭގެ އިންފެކްޝަނެއް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އެވެ. ނަމަވެސް ޕްރިންސުގެ އެދިވަޑައިގަތުމުގެ މަތިން ފަހުން އޭނާ ވަނީ ހޮސްޕިޓަލުން ޝާހީ ގަނޑުވަރަށް ބަދަލުކޮށްފަ އެވެ.

ފްރާންސަށް އުފަން ޕްރިންސް ހެންރިކް ޕްރިންސެސް މާގަރީތްއާ ކައިވެނި ބައްލަވައިގެންނެވީ 1967 ވަނަ އަހަރެވެ. އޭގެ ފަހުން 1972 ވަނަ އަހަރު މާގަރީތް ތަހުތަށް އިސްވެ ވަޑައިގެންވެ އިރު، ޕްރިންސް ހެންރިކަށް ރާނީއާ އެއްވަރުގެ ލަގަބެއް ދީފައައެއް ނުވެ އެވެ.

އޭގެ ސަބަބުން ޕްރިންސް ހެންރިކް ވަނީ ތަކުރާރުކޮށް، ފާޅުގައި ނުރުހުން ފާޅު ކުރައްވައިފަ އެވެ. އަދި ޑެންމާކުގައި އާއްމުކޮށް ރާނީ އާއި ފިރިކަލުން ފަސްދާނު ލަނީ ކައިރި ކައިރީގައި ނަމަވެސް، ޕްރިންސް ހެންރިކް ވަނީ އޭނާ އަވާހަރަވުމުން އެފަދައިން އަމަލު ނުކުރުމަށް އެދި ވަޑައިގެންފަ އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް