މެޖޯރިޓީ ލީޑަރުކަމެއް ނުގެއްލޭ: ނިހާން

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވާހަކަފުޅު ދައްކަވަނީ -- ސަންފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގައި އަދި ވެސް އެންމެ ގިނަ މެމްބަރުން އެއް ޕާޓީއެއްގައި ތިބީ ޕީޕީއެމްގައި ކަމަށާއި އެހެންކަމުން މެޖޯރިޓީ ލީޑަރުކަން ނުގެއްލޭ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ބާރަ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ނިހާނަށް ގެއްލިފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ވާހަކަ ދައްކަމުންނެވެ.

މިއަދު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނިހާން ވިދާޅުވީ މިހާރު ވެސް މަޖިލީހުގައި އެއް ޕާޓީއެއްގައި އެންމެ މެމްބަރުން ގިނަ ޕާޓީއަކީ ޕީޕީއެމް ކަމަށެވެ. އެހެންވީމާ އޮޓަމެޓިކުން މަޖިލީހުގެ މެޖޯރިޓީ ލީޑަރަކަށް ވަނީ ޕީޕީއެމްގެ ޕީޖީ ލީޑަރު ކަމަށް ނިހާން ވިދާޅުވި އެވެ.

"މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން އެންމެ މެމްބަރުން ގިނަ ޕާޓީއެއްގެ ލީޑަރަކީ އޮޓަމެޓިކުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު. އެހެންވީމާ އެ ހައި ސިއްޔަތު ވެސް އެބައޮތް" ނިހާން ވިދާޅުވި އެވެ.

މަޖިލީހުގައި ކަން ކަން ހިނގާ ގޮތް މަޖިލީހުގެ ރައީސް އަންގަވާނީ މެޖޯރިޓީ ލީޑަރަށާއި މައިނޯރިޓީ ލީޑަރަށް ކަމަށް ނިހާން ވިދާޅުވި އެވެ. އަދި މަޖިލީހުގެ ރައީސްގެ ފަރާތްޕުޅުން ކަންތައްތައް އޮންނަ ގޮތް ބަރާބަރަށް އެނގޭ ކަމަށް ނިހާން ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑަށް ގަބޫލުކުރެވެނީ މައިނޯރިޓީ ލީޑަރު [ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު] އެވާހަކަ އަޑު ނާއްސަވަނީއޭ." ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ޕީޕީއެމުން 15 މެމްބަރުން އެމްޑީޕީއަށް ވަޑައިގެން ނަމަވެސް މަޖޯރިޓީ އެމްޑީޕީއަށް ލިބޭނީ ހަމަ ކިރިޔަ ކިރިޔާ ކަމަށެވެ.

މަޖިލީހުގެ ޖަލްސާތައް ފަށާނީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން ކަމަށް ނިޙާން އިއްޔެ މީޑިއާތަކުގައި ވިދާޅުވުމުން އެއީ ކޮން ހައިސިއްޔަތަކުން ނިހާން ވިދާޅުވި ވާހަކައެއްތޯ ގިނަ ބަޔަކު ސުވާލު އުފެއްދެވި އެވެ.

އެކަމާ ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުން ނިހާން ވިދާޅުވީ އެއީ ކޮންމެހެން ވަކި ހައިސިއްޔަތަކުން ވިދާޅުވި ވާހަކައެއް ނޫން ކަމަށެވެ. އަދި އެއީ މަޖިލީސް ފެށޭނެ ކަމަށް އޭނާ އަށް ލަފާ ކުރެވޭ ތާރީހު ކަމަށެވެ.

"އަޅުގަނޑުގެ ވިސްނުން އަޅުގަނޑަށް ހިއްސާ ކުރެވޭނެތާ ކޮންމެ ގޮތެއް ވިޔަސް. މަޖިލީހުގެ އިދާރާގެ ވަކި ކަމެއްގައި އަޅުގަނޑު ހުރެގެނެއް ނޫން އެވާހަ ދެއްކުމުގެ އިހުތިޔާރު އަޅުގަނޑަށް ލިބުނީ. ކޮންމެ މެމްބަރަކަށް ވެސް ތަސައްވުރުކޮށްފައި ދެންނެވޭނެ." ނިހާން ވިދާޅުވި އެވެ.

އިދިކޮޅު ބައެއް މެމްބަރުން މަޖިލީހަށް ވަންނަން މަސައްކަތް ކުރައްވަނީ ވަކި ފޮޓޯއެއް ހޯއްދަވަން ކަމަށް ނިހާން ވިދާޅުވި އެވެ.

"ހަމަ އެކަނި ތަސްވީރުގެ ބޭނުމުގައި މީޑިއާގެ ބޭނުމުގައި އެބޭފުޅުން ވަޑައިގެން އެތަނުގައި ތިޔަ މަސައްކަތް ތިޔަ ކުރެއްވީ." ނިހާން ވިދާޅުވި އެވެ.

މަޖިލީހަށް އެބޭފުޅުންގެ ކަންބޮޑުވުން ހުށަހެޅޭނީ ހަމައެކަނި މަޖިލީހަށް ހާޒިރުވެގެން ނޫން ކަމަށާއި އެހެން ގޮތް ގޮތްވެސް އެބަހުރި ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް