ކަނބަލުންނަށް ހާއްސަކޮށްގެން ލޯން ޕްރޮގްރާމެއް ފައްޓަން ނިންމައިފި

ކަނބަލުންނަށް ހާއްސަ ލޯން ޕްރޮގްރާމްގެ މައުލޫމާތު ދިނުމަށް އިކޮނަމިކް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

ރާއްޖޭގެ މަސައްކަތްތެރި އަދި މަސައްކަތެއް ފަށަން ބޭނުންވާ ކަނބަލުންނަށް ޚާއްޞަކޮށްގެން އިކޮނަމިކް މިނިސްޓްރީން ލޯން ސުކީމެއް ހުޅުވާލަން ނިންމައިފި އެވެ.

ލޯން ސްކީމަށް ހުށައެޅުމަށް ހުޅުވާލަން ހަމަޖެހިފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަންނަ މާޗް މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އިކޮނަމިކް މިނިސްޓްރީން ބުންޏެވެ.

އެ ލޯން ސުކީމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އިކޮނަމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް ވިދާޅުވީ، އެ ލޯން ސުކީމްގައި އަލަށްފަށާ ވިޔަފާރިއެއް ނުވަތަ ރަޖިސްޓަރީކޮށްގެން ހިނގަމުން އަންނަ ވިޔަފާރިތަކަށް، ހުރިހާ ދާއިރައަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.

ތައުފީގް ވިދާޅުވީ، ކަނބަލުންނަށް ހާއްސަކޮށްގެން ދޫކުރަން ހަމަޖެހިފައިވާ ލޯން ސުކީމްގެ ޖުމްލަ އަދަދަކީ 20 މިލިއަން ރުފިޔާ ކަމަށެވެ. އަދި އެ އަދަދު ހަމަވަންދެން 50،000 ރުފިޔާ އާއި އެއް ލައްކަ ރުފިޔާއާ ދެމެދުގެ ލޯނު ދޫކުރަން ހަމަޖެހިފައިވާ ކަމަށް ވެސް ތައުފީގު ވިދާޅުވި އެވެ.

ލޯނު ދޫކުރާއިރުގައި ލޯނުގެ އަދަދު 50،000 ރުފިޔާއަށް ނާރާ ނަމަ ރަހުނެއް ބަހައްޓަން ނުޖެހުނު ނަމަވެސް 50،000 ރުފިޔާ އާއި އެއްލައްކަ ރުފިޔާ އާއި ދެމެދުގެ ލޯނެއް ނަގާ ނަމަ އެ ނަގާ އަދަދުގެ 130 ޕަސެންޓްގެ ބޭންކުން ގަބޫލު ކުރާ ރަހުނެއް ބަހައްޓަށް ޖެހޭނެ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުންޏެވެ.

ލޯންގެ އިންޓްރަސްޓް ރޭޓްގެ ގޮތުގައި ހަމަޖައްސާފައި ވަނި ނުވަ ޕަސެންޓެވެ. އަދި ގިނަވެގެން އަށް އަހަރު ދުވަހުގެ ތެރޭގައި ލޯނު ދައްކައި ހަލާސްކުރަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ، ލޯނަށް އެދި ހުށައެޅުމުގެ ކަންކަން އިކޮނަމިކް މިނިސްޓްރީ އަދި އަތޮޅުތެރޭގެ ހަ ސަރަހައްދެއްގައި ގާއިމްކޮށްފައިވާ ބިޒްނަސް ސެންޓަރުތަކުގެ އިތުރުން އޮންލައިންކޮށް ވެސް ކުރިއަށްގެންދެވޭނެ ކަމަށެވެ.

ލޯން ދޫކުރަން ހަމަޖެހިފައި ވަނީ ޕްރޮޕޯސަލް ހުށައަޅާ ފަރާތްތައް އިވެލުއޭޓް ކުރުމަށްފަހުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ، މި އަހަރު 190 މިލިއަން ރުފިޔާގެ ލޯން ޕްރޮގްރާމްތައް ކުރިއަށްގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި ގެޓްސެޓްލޯން، އެސްއެމްއީ ލޯން ވެސް ދޫކުރަން ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް