ނިއުމާގެ ވަދާއީ ފިލްމު "ނިވައިރޯޅި"ގެ ޝޫޓިން އަންނަ މަހު ފަށަނީ

"ނިވައިރޯޅި"ގެ ޓީޒާގެ ތެރެއިން---

ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ކުޅަދާނަ އެއް ބަތަލާ، ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި"ގެ ޝޫޓިން އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ބުނެފިއެވެ.

މޫމިން ފުއާދުގެ ޑައިރެކްޝަނަކަށް އުފައްދާ އެ ފިލްމުގެ ޝޫޓިން އަންނަ މަހު 25 ގައި ފަށާނެ ކަމަށާއި ފިލްމު ޝޫޓް ކުރަން ހަމަޖެހިފައި ވަނީ މާލޭގައި ކަމަށާއި އަދި ބައެއް އިންޑޯ މަންޒަރުތައް ރާއްޖެތެރޭ ރަށްރަށުގައި ނެގުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.

އަވަސް މުސްތަގްބަލެއްގައި ފިލްމުގެ ކާސްޓުން މީޑިއާ އާ ހިއްސާ ކުރާނެ ކަމަށާއި ފިލްމު ކުޅުމަށް އޭނާގެ ހަށިގަނޑު ފަލަކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ނިއުމާ ސަން އަށް ބުންޏެވެ.

ފިލްމުގައި ނިއުމާ އާ އެކީ ހަރަކާތްތެރިވާނީ މުޅިން އާ ފިރިހެން ބަތަލެކެވެ.

"މި ފިލްމަކީ އަޅުގަނޑަށް އަޅުގަނޑުގެ ސަޕޯޓަރުންނަށް ވަރަށް ހާއްސަ ފިލްމެއް. ފަހަރެއްގައި މިދާއިރާއަށް ވެސް ވަރަށް ހާއްސަ ފިލްމަކަށް ވެދާނެ. މިއީ އަޅުގަނޑު އެކްޓަރެއްގެ ގޮތުގައި ފެންނަ ފަހު ފިލްމު. ހުރިހާ ގޮތަކުން ވެސް ހާއްސަ ފިލްމަކަށް މި ފިލްމް ވެގެންދާނެ،" ނިއުމާ ބުންޏެވެ.

އެ ފިލްމު މި އަހަރު ނިއުމާގެ އުފަންދުވަހަށް (އޮކްޓޯބަރު) މަހު ރިލީޒްކުރަން ހަމަޖެހުނު ނަމަވެސް އެ ދުވަސްވަރަކީ ސިޔާސީ މަޝްރަހު ވަރަށް ހޫނުވެގެންދާނެ ދުވަސްވަރަކަށް ވުމުން ފިލްމު ރިލީޒްކުރުން ފަހަރެއްގައި އަވަސްވެގެން ދިޔުމަކީ އެކަށީގެންވާ ކަމެއްކަމަށް ނިއުމާ ބުންޏެވެ.

"ނިވައިރޯޅި" އަކީ ނިއުމާ ކެމެރާގެ ކުރިމަތިން ފެންނާނެ އެންމެ ފަހު ފިލްމެވެ.

މި ފިލްމު ލޯންޗުކުރީ، ފިލްމީ ދާއިރާގައި ނިއުމާ ހޭދަކުރި 20 އަހަރު ފާހަގަ ކުރުމަށް "ސެލެބްރޭޓިން 20"ގެ ނަމުގައި މިދިޔަ އޮކްޓޯބަރު ބޭއްވި ހަފްލާގައެވެ.

comment ކޮމެންޓް