މީރާ މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް 2.2 ބިލިއަން ރުފިޔާ ލިބިއްޖެ

މީރާ -- ސަންފޮޓޯ/ އަލީ ނަސީރު

މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް 2.2 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މީރާ އިން އާންމު ކޮށްފައިވާ ޖެނުއަރީ މަހުގެ އިގްތިސާދީ ރިވިއުގައިވާ ގޮތުން މިދިޔަ މަހު މީރާއަށް ލިބިފައިވާ 2.2 ބިލިއަން ރުފިޔާ އަކީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު 0.02 ޕަސެންޓް ކުރިއެރުމެކެވެ. އަދި އެއީ މިދިޔަ މަހު ލިބޭނެ ކަމަށް މީރާއިން އަންދާޒާ ކުރި މިންވަރަށް ވުރެ 10.7 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް މީރާ އިން ބުންޏެވެ.

މީރާއަށް ޑޮލަރު އާމްދަނީގެ ގޮތުގައި 73.7 މިލިއަން ލިބިފައިވާ ކަމަށް މީރާއިން ބުންޏެވެ.

މިދިޔަ މަހު މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ވިޔަފާރި އާއި ފައިދާ އިން ނަގާ (ބީޕީޓީ) ޓެކްސް އިންނެވެ. ބީޕީޓީގެ ގޮތުގައި މިދިޔަ މަހު ލިބިފައި ވަނީ 872 މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ މަހުގެ ޖުމްލަ އާމްދަނީގެ 39.8 ޕަސެންޓެވެ. ދެ ވަނައަށް އެންމެ ބޮޑު އާމްދަނީއެއް މީރާއަށް ލިބިފައި ވަނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އިންނެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު މީރާއަށް ލިބުނީ 825 މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ މަހުގެ ޖުމްލަ އާމްދަނީގެ 37.6 ޕަސެންޓެވެ. ގްރީން ޓެކްސްގެ ގޮތުގައި މިދިޔަ މަހުގެ މީރާއަށް ލިބިފައި ވަނީ 102 މިލިއަން ރުފިޔާ އެވެ. އެއީ ޖުމްލަ އާމްދަނީގެ 11.1 ޕަސެންޓެވެ.

މީރާއިން ބުނީ، އާމްދަނީ އިތުރުވެގެން ދިޔައީ ފަތުރުވެރިން އައުން އިތުރުވުމާއި މީރާއަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ނުދައްކާ ހުރި ފައިސާ މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ހޯދައިފާވުމުން ކަމަށެވެ.

comment ކޮމެންޓް