ސީރިއާއިން ކެމިކަލް ހަތިޔާރު ބޭނުންކުރިކަން ސާބިތުވެއްޖެ ނަމަ ހަމަލާދޭނަން: ފްޜާންސް

ފްރާންސްގެ ރައީސް އިމާނުއަލް މެކްރޮން.ސީރިއާ އިން ކެމިކަލް ހަތިޔާރު ބޭނުންކުރިކަން ސާބިތުވެއްޖެ ނަމަ އެގައުމަށް ހަމަލާދޭނެ ކަމަށް މެކްރޮން ވިދާޅުވި--

ޕެރިސް (14 ފެބްރުއަރީ) : ސީރިއާގެ ސަރުކާރުން އާންމުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރިކަން ސާބިތުވެއްޖެ ނަމަ އެ ގައުމާ ދެކޮޅަށް ހަމަލާދޭނެ ކަމަށް ފްރާންސުން ބުނެފި އެވެ.

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވީ ބައިނަލަގްވާމީ މުއާހަދާތަކާ ދެކޮޅަށް ކެމިކަލްހަތިޔާރު ބޭނުންކުރުމަކީ ރަތް ރޮނގު ހުރަސްކުރުން ކަަމަށެވެ. އަދި ވިދާޅުވީ އެ ފަދަ ހާލަތެއްގައި ކެމިކަލް ހަތިޔާރު އުފައްދާތަންތަނަށް ހަމަލާދޭނެ ކަމަށެވެ.

މެކްރޮން ވިދާޅުވީ ސީރިއާ އިން އެ ގައުމުގެ އާންމުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރިކަމުގެ އެއްވެސް ހެއްކެއް ފްރާންސްގެ އިދާރާތަކަށް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.

މެކްރޮން ވިދާޅުވީ ސީރިއާގައި ކެމިކަލް ހަތިޔާރު ބޭނުންކުރި ކަމަށް ކުރެވޭ ތުހުމަތުތަކާ މެދު، ރަޝިއާގެ ރައީސް ވުލަޑިމިއާ ޕުޓިންއާ މަޝްވަރާ ވެސް ކޮށްފައިވާ ކަމަށެވެ. އަދި އެ ތުހުމަތުތައް ވަރަށް ގާތުން ބަލަމުންދާ ކަމަށް ވެސް މެކްރޮން ވިދާޅުވި އެވެ.

ފްރާންސްގެ ޑިފެންސް މިނިސްޓަރު ވެސް ހުކުރު ދުވަހު ވިދާޅުވީ ސީރިއާގެ ސަރުކާރުން ކެމިކަލް ހަތިޔާރު ބޭނުންކުރި ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.

ސީރިއާގައި ހަރަކާތްތެރިވާ ވައިޓް ހެލްމެޓްސް އަދި ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ވަނީ ސީރިއާގެ ސަރުކާރުން ޖެނުއަރީ މަހު ކްލޮރިން ގޭސް ބޭނުން ކުރި ކަމަށް ބުނެފަ އެވެ.

މަސްދަރު: ޕްރެސްޓީވީ

comment ކޮމެންޓް