ނަތަންޔާހޫގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް އިސްރާއީލު ފުލުހުން ބުނެފި

އިސްރާއީލުގެ ފުލުހުން ވަނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ކުރެވޭ ވަރަށް ހެކި ވަރަށް ލިބިފައިވާ ކަމަށް ބުނެފައި -- ފޮޓޯ: ގެޓީ

ގުދުސް (ފެބްރުއަރީ 14): ކޮރަޕްޝަނުގެ ދެ މައްސަލައަކާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

އިއްޔެ އިސްރާއީލުގެ ފުލުހުން ނެރުނު ބަޔާނެއްގައިވާ ގޮތުން ނަތަންޔާހޫ ރިޝްވަތު ހިއްޕެވުމާއި ހިޔާނާތްތެރިވުމާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރެއްވި ކަމުގެ ހެކި ފުލުހުންނަށް ވަނީ ލިބިފަ އެވެ.

އަދި އެ ހެކިތައް މިހާރު ވަނީ ގައުމުގެ އެޓާނީ ޖެނެރަލްއަށް ފޮނުވާފައި ކަމަށާއި ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ކުރުމާ ބެހޭ ގޮތުން އެޓާނީ ޖެނެރަލް ގޮތެއް ނިންމަވާނެ ކަމަށް އެބަޔާނުގައިވެ އެވެ.

ނަަތަންޔާހޫގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުކޮށްފައި ވަނީ ކޭސް 1000 އާއި ކޭސް 2000ގެ ނަން ދީފައިވާ ދެ މައްސަލައަކާ ގުޅިގެންނެވެ.

ކޭސް 1000 އަކީ 2006 އާއި 2007 އާ ދޭތެރޭ ނަތަންޔާހޫ ވިޔަފާރިވެރިންތަކެއްގެ އަތުން 280،000 ޑޮލަރުގެ ރިޝްވަތު ގަބޫލު ކުރެއްވި ކަމަށް ބުނާ މައްސަލައެކެވެ. އެ ފައިސާގެ ބަދަލެއްގެ ގޮތުން ނަތަންޔާހޫ ވަނީ އެ ވިޔަފާރިވެރިން ޓެކްސް ދައްކަން ޖެހޭ މިންވަރު ކުޑަ ކުރަން މަސައްކަތް ކުރައްވާފައި ކަމަށް ތުހުމަތުތަކުގައިވެ އެވެ.

އަދި ކޭސް 2000 އަކީ ނަތަންޔާހޫގެ ސަރުކާރަށް ފާޑު ކިޔާ ނޫހެއް ކަމަށްވާ ޔެދިއޮތު އަޚްރަނޮތުގެ ވެރިޔާ އާނޮން މޮޒެސްއަށް ރިޝްވަތު ދެއްވަން ނަތަންޔާހޫ މަސައްކަތް ކުރެއްވި ކަމަށް ބުނާ މައްސަލައެކެވެ. އެމައްސަލައާ ގުޅުން ހުރި އޯޑިއޯ ރިކޯޑިންއެއް ލިބިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ނަމަވެސް ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ. (ސީއެންއެން)

comment ކޮމެންޓް