ޓުވިޓާ އެކައުންޓްތައް ސަސްޕެންޑް ކުރީ ހަޖަމު ނުކުރެވިގެން: ޕީޕީއެމް

ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރު ހިންގާ ޕީޕީއެމް ޕާޓީ އަށް ތާއީދުކުރާ ޓުވިޓާ އެކައުންޓްތައް ސަސްޕެންޑް ކޮށްފައި ވަނީ "ހައިޖާނު އުފައްދާ" ބަޔަކަށް ހަޖަމުނުކުރެވިގެން ކަމަށް އެ ޕާޓީން ބުނެފި އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ރަސްމީ ޓުވިޓާ އެކައުންޓާއި ޕީޕީއެމްގެ އެކްޓިވިސްޓުންގެ ޓުވިޓާ އެކައުންޓްގެ އިތުރުން ޕީޕީއެމް އާއި ރައީސް ޔާމިން ޕްރޮމޯޓްކުރާ ގިނަ ޓުވިޓާ އެކައުންޓްތަކެއް މިހާރު ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ، ޓުވިޓާ އެކައުންޓްތައް ސަސްޕެންޑް ކޮށްފައި ވަނީ، ޑިމޮކްރަސީގެ ނަމުގައި ދިވެހި ރާއްޖޭގައި ހައިޖާނު އުފައްދާ މީހުންނަށް ހަޖަމު ނުކުރެވިގެން ކަމަށާއި އެކައުންޓްތައް ސަސްޕެންޑް ކުރީ ސްރީ ލަންކާގައި ހުންނަ ކުންފުންޏެއްގެ އެހީތެރިކަން ހޯދައިގެން ކަމަށެވެ.

"ޑިމޮކްރަސީގެ ނަމުގައި ހައިޖާނު އުފައްދައި، މި ސަކަރާތް ޖަހާ މީހުންނަށް ހަޖަމު ނުކުރެވިގެން މި އުޅެނީ. ހަގީގަތުގައި މިކަން މިކުރަނީ ދިވެހި ރާއްޖޭގެ އަމަން އަމާންކަމާއި ރާއްޖެ އަންނަ ކޮންމެ މީހަކަށް ވެސް ހިތްހަމަ ޖެހިލައިގެން އުޅެވޭކަން މި ޓުވިޓާ އެކައުންޓްތަކުން ޕްރޮމޯޓް ކުރާތީ." އާރިފް ވިދާޅުވި އެވެ.

އާރިފް ވިދާޅުވީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ޓީވީއެމާއި ޗެނަލް 13ގެ ސެޓަލައިޓް ޑައުންކޮށްލާނެ ކަމަށް ބުނެ އިންޒާރު ދެމުން އަންނަ ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.

"ބަގާވާތުގެ ބައިވެރިން ޖަހަމުން އަންނަ ސަކަރާތާއި ރާއްޖޭގެ ހާލަތު ދުނިޔޭގެ އެންމެންނަށް ވެސް އެނގޭ. ރާއްޖެއަކީ އަމަންއަމާން ގައުމެއް. ނުރައްކާތެރި ގައުމެއް ނަމަ ބައިނަލްއަގުވާމީ ފެންވަރުގެ ފުޓްބޯޅަ މެޗެއް ނުކުޅޭނެ." އާރިފް ވިދާޅުވި އެވެ.

ސަސްޕެންޑު ކޮށްފައިވާ އެކައުންޓުތަކުގެ ތެރޭގައި ރައީސް ޔާމީނާއި މެޑަމް ފާތުން ޕްރޮމޯޓްކުރާ އެންމެ ބޮޑު ދެ އެކައުންޓް ކަމަށްވާ "އަސުރުމާ" އަދި "އަމާޒޭ ޔަގީން" ހިމެނެ އެވެ. މީގެ އިތުރުން ޕީޕީއެމްގެ ޓުވިޓާގައި ވަރަށް ހަރަކާތްތެރިކޮށް އުޅޭ އެކްޓިވިސްޓުންގެ އެކައުންޓްތައް ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ސަސްޕެންޑް ކޮށްފައިވާ އެކައުޓްތައް ރިކަވާ ކުރުމުގެ މަސައްކަތް އެ ޕާޓިއިން ކުރަމުން އަންނަ ކަމަށް ބުންޏެވެ.

comment ކޮމެންޓް