ލީނާގެ ޝޫޓިންގެ ބޮޑުބައި ނިމިފައި، ރިލީޒްކުރުން އޭޕްރިލް ނުވަތަ މެއި މަހު!

ލީނާގެ ޕޯސްޓަރެއް---

އަބްދުﷲ މުއާޒު (މުއާ) ޑައިރެކްޓު ކުރާ ފިލްމު ލީނާގެ ޝޫޓިންގެ ބޮޑުބައި ނިމިއްޖެ ކަމަށާއި އޭޕްރިލް ނުވަތަ މެއި މަހު ފިލްމު ރިލީޒްކުރުމަށް ތައްޔާރުވަމުންދާ ކަމަށް އޭނާ ބުނެފިއެވެ.

މީގެ 16 އަހަރު ކުރިން އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން ހަދަން ނިންމާފައިވާ ފިލްމު "ލީނާ"ގެ ޝޫޓިން ކުރިއަށްދާ ގޮތާ ބެހޭ ގޮތުން ސަން އާ ވާހަކަ ދައްކަމުން މުއާ ބުނީ ފިލްމުގެ 65 އިންސައްތައިގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

"ގާތްގަނޑަކަށް 65 އިންސަތަ މަސައްކަތް ނިމި 70 އިންސަތަ މިއޮއްގެން ނިމެނީ. ފިލްމުގެ ޝޫޓިން ހަމަ ހަލުވި މިނެއްގައި އެބަ ކުރިއަށްދޭ. ފިލްމު އޭޕްރިލް ނުވަތަ މެއި މަހު ރިލީޒްކުރެވޭތޯ މަސައްކަތް މި ކުރަނީ،" މުއާ ބުންޏެވެ.

ލީނާގެ ޝޫޓިންއަށް މިދިޔަ މަހު 25ގައި ފުރާފައިވާއިރު ފިލްމުގެ މަންޒަރުތައް ނަގަނީ އއ. އުކުޅަހުގައެވެ.

"މިރަށުގެ ރައްޔިތުންވެސް ވަރަށް ކޯޕަރޭޓިވް. ފިލްމަށްޓަކައި ހުރިހާ ކަމެއް ހުސްކޮށްލާފަ،" އުކުޅަހުގެ ރައްޔިތުންގެ ރޯލުތައްވެސް ފިލްމުގައި ހިމެނޭކަން ފާހަގަކުރަމުން މުއާ ބުންޏެވެ.

"މަގުމަތިން ދާ މީހުން ވެސް ތިބެނީ ހަމަ ތައްޔާރަށް، ބަރާބަރު ރަށެއް މިއީ. ވަރަށް ފަސޭހަ."

އަހުމަދު ޒަރީރުގެ ސްކްރީން ޕްލޭއަކަށް މުއާ ޑައިރެކްޓް ކުރާ "ލީނާ" ގެ ލީޑް ރޯލު އަދާ ކުރަނީ ދިވެހި ފިލްމީ އިންޑަސްޓްރީގައި މިވަގުތު ހުރި އެންމެ ޑިމާންޑް ބޮޑު އަދި ކުޅަދާނަ ބަތަލާ މަރިޔަމް އައްޒަ އެވެ.

ރާއްޖެ ސިއްސުވާލި ބޮޑު ހާދިސާއެއް އަސްލަކަށް ބަލައިގެން އުފައްދާ މި ފިލްމުގެ ލީނާގެ ގާތިލް ނުވަތަ "ޒުހޫރު"ގެ ރޯލުން ފެންނާނީ މުއާއެވެ. މީގެ އިތުރުން އަލީ އާޒިމް (ދޮން އައްޔަ) އާއި ނުޒުހަތު ޝުއައިބު (ނުޒޫ)، މަރިޔަމް ހަލީލް (ރަވީ މަންމަ) އަދި އަހުމަދު ނިމާލު، އަހުމަދު ސައީދު އަދި ޒީނަތު އައްބާސްވެސް މި ފިލްމުން ފެންނާނެއެވެ.

ފިލްމުގައި ދޮން އައްޔަ ކުޅޭނީ ލީނާގެ ލޯބިވެރިޔާގެ ރޯލެވެ. މަރިޔަމް ހަލީމްއަކީ ލީނާގެ މަންމައެވެ. ނުޒުހަތު (ނުޒޫ) ކުޅޭނީ ލީނާގެ ބެސްޓް ފްރެންޑްގެ ބައެވެ. ސައީދު އަދާކުރާނީ ކައުންސިލުގެ ރައީސްގެ ރޯލެވެ.

ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމުގަ ޝޫޓިން ކުރިއަށްދާ ގޮތާ މެދު މުއާ ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ކުރިއަށް އޮތް ހަފްތާ ތެރޭގައި ފިލްމުގެ ޝޫޓިން ނިންމާލެވޭނެ ކަމަށް މުއާ ބުންޏެވެ.

ދިވެހި ސިނަމާއަށް އަންނަ އެ ފިލްމަކީ އަމިއްލަ ރާގުގެ ތިން ލަވަ ހިމެނޭ، ބެލުންތެރިން ވެސް އިންތިޒާރުކުރަމުން އަންނަ ފިލްމެކެވެ.

comment ކޮމެންޓް