ރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވަން ގޮވާލުމަކީ ގައުމަށް ގައްދާރުވުން: ސަފީރު

ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު---

ރާއްޖޭގެ ސިޔާސީ ހާލަތު ހަލަބޮލިވެފައި ވަނިކޮށް، ރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވުމަކީ ގައުމަށް ގައްދާރުވުން ކަމަށް ރާއްޖެ އިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ދަ ހިންދޫއަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ސަފީރު އަހުމަދު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކަފުޅު ކުށްވެރި ކުރައްވައި، އިންޑިއާ އާއި އެހެން ގައުމުތަކުން ގުޅިގެން ނަޝީދު ރާއްޖެއާ ހަވާލު ކުރުމަށް ގޮވާލައްވައިފަ އެވެ.

އަދި ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމަކަށްވާ އިރު، އެ ގައުމަށް ހަމަލާއެއް ދޭން ގޮވާލައްވައި ގައުމަށް ގައްދާރުވެއްޖެ ނަމަ ނަޝީދަކީ ދިވެއްސެކޭ ބުނުމުގެ ފުރުސަތު އޮންނާނެތޯ ވެސް ސަފީރު ސުވާލު އުފެއްދެވި އެވެ.

މީގެ އިތުރުން، ސަފީރު އަހުމަދު ވިދާޅުވި ގޮތުގައި ރާއްޖޭގެ މަސްރަހު އޮތް ގޮތާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުގެ މަންދޫބަކު އިންޑިއާއަށް ފޮނުވުމަށް ރާއްޖެ އިން މީގެ ކުރިން މަސައްކަތް ކުރި އެވެ. ނަމަވެސް އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކާ ބައްދަލު ކުރެވެން ނެތް ކަމަށް އެ ގައުމުން ބުނުމުން އެދަތުރު ލަސް ކުރީ އެވެ. ރާއްޖެ އިން އަދި ވެސް އޮތީ ދެ ގައުމަށް ފަސޭހަ ވަގުތެއްގައި އިންޑިއާއަށް މަންދޫބަކު ފޮނުވަން ތައްޔާރަށް ކަމަށް ސަފީރު އަހުމަދު ވިދާޅުވި އެވެ.

ސަފީރު އެފަދައިން ވިދާޅުވެފައިވާ އިރު، އިއްޔެ ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އިންޑިއާ ސިފައިން ރާއްޖެ އަށް ނުވޮނުވާނޭ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ސަރުކާރަށް ލިބިފައިވާ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް