ދެވަނަ ލެގުގައި ޓީސީއާ މެދު ސަމާލުވާން ޖެހޭ: ރޯކާ

އޭއެފްސީ ކަޕް ޕްލޭއޮފްގައި ރާއްޖޭގެ ޓީސީ އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރި ފުރަތަމަ ލެގު މެޗުގެ ތެރެއިން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭއެފްސީ ކަޕުގެ ޕްލޭ އޮފް ފުރަތަމަ ލެގު ކާމިޔާބުކުރެވުނު ނަމަވެސް އަމިއްލަ ގައުމުގައި ކުޅޭ އިރު ޓީސީ ސްޕޯޓްސް ކްލަބާ މެދު ސަމާލުވާން ޖެހޭ ކަމަށް ބެންގަލޫރު އެފްސީގެ ކޯޗު އެލްބާޓް ރޯކާ ބުނެފި އެވެ.

ޕްލޭ އޮފް ފުރަތަމަ ލެގުގައި ބެންގަލޫރު އެފްސީން ރަށުން ބޭރުގައި ކުޅުނު މެޗު ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ބެންގަލޫރު ކުޅުނީ މުހިންމު ކުޅުންތެރިންތަކެއް ނުލައި، ބަދަލުތަކަކާއެކު އެވެ. އެގޮތުން މެޗަށް އެޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ވެސް ރާއްޖެ އައިސްފައެއް ނުވެ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ބެންގަލޫރު އެފްސީގެ ކޯޗު ރޯކާ ބުނީ ޓީސީއަކީ ރޫހު ރަނގަޅު ޓީމެއް ކަމަށާއި ފުރަތަަމަ ލެގުން މޮޅުވެފައި އޮތަސް ދެވަނަ ލެގުގައި ވެސް ޓީސީއަށް ސަމާލުވާން ޖެހޭނެ ކަމަށެވެ.

"އުންމީދު ކުރަނީ މިއީ ރަނގަޅު ނަތީޖާއަކަށް ވާނެ ކަމަށް. އެކަމަކު ޓީސީއާ މެދު ސަމާލުވާން ޖެހޭނެ. ރޭ ވެސް 2-0 ގެ ނަތީޖާއަކުން ބެންގަލޫރު ލީޑު ނެގި ނަމަވެސް ފަހަތުން އަރާ ދެ ގޯލް ޖަހައި ޓީސީގެ ރޫހު ވަރަށް ރަނގަޅަށް ދައްކާލައިފި،" ރޯކާ ބުންޏެވެ.

އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރި މެޗުގައި ކުޅުނު ބެންގަލޫރު އެފްސީގެ ފުރަތަމަ 11 ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރޯކާ ބުނީ ރޭގެ މެޗުން މޮޅުވުމުގައި ނަސީބު އެހީވި ކަމަށާއި ރާއްޖޭގެ ފިނިހޫނުމިނާއި ދަނޑުގެ ހާލަތު އޭނާގެ ޓީމަށް ފަސޭހަ ނުވި ކަމަށެވެ.

"އަހަރެން ބުނާނީ މޮޅުވީ ނަސީބު ރަނގަޅުކަމުންނޭ. މެޗުގެ ފަހު 20 މިނެޓަކީ އަތުން ކައްސާލައިގެން ދިޔަ 20 މިނެޓް. ފިސިކަލީ ޓީމު ވަރަށް ބޮޑަށް ބަލިވެފައި އޮތީ. މޫސުމާއި ދަނޑުގެ ހާލަތަކަށް ވެސް ޓީމު ފިޓެއް ނޫން. އެކަމަށް ކުޅުންތެރިން ނުހޭނޭ. ނަތީޖާއަށް އޭގެ އަސަރު ކުރި،" ރޯކާ ފާހަގަކުރި އެވެ.

ރޯކާ ބުނީ ޓީސީއަކީ ފެންވަރު ރަނގަޅު ޓީމެއް ކަމަށާއި ހާއްސަކޮށް މި ސީޒަނަށް ޓީސީއާ ގުޅުނު މިޑްފީލްޑަރު ވްލާސިޗޭވް އެނަޓޯލީގެ ކުޅުން ތަފާތު ކަމަށެވެ.

"ޓީސީއަކީ ވަރަށް ބޮޑަށް ކުރިއަށް ޕުޝްކުރާ ޓީމެއް. ޓީމުގެ ފެންވަރަށް ބަލާ އިރު ޓީސީ ވަރަށް ރަނގަޅު. ބިދޭސީ ކުޅުންތެރިޔާގެ ކުޅުން ވަރަށް ފާހަގަކޮށްލެވޭ. ތަފާތަކީ އޭނަ،" ރޯކާ ބުންޏެވެ.

އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރި ފުރަތަމަ ލެގު މެޗުގުގައި ޓީސީގެ މިޑްފީލްޑަރު ވްލާސިޗޭވް އެނަޓޯލީ ބޯޅައާއެކު ކުރިއަށްދަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރޯކާ ބުނީ ރޭގެ މެޗު ދިޔައީ ހީކުރިގޮތާ ހިލާފަށް ކަމަށާއި ބެންގަލޫރު ކޮޅަށް ވަން ދެ ގޯލް ވަނީ ހާސްކަން ބޮޑުވެެގެން ކަމަށެވެ.

"ފުރަތަމަ ވެސް އުނދަގޫ ދަނޑިވަޅުތަކެއް ދިޔަ މެޗުގައި. އެކަމަކު ދެ ގޯލް ޖެހުނީމަ ދެން ހީކުރިން ފަސޭހަވާނެ. ކޮންޓްރޯލް ހޯދަން އުޅުނީ. އެކަމަކު ޓީމު ވަރުބަލިވެފައި އޮތުމުން އެކަމެއް ނުވި. ހަމަ ހާސްވެގެން ގޮސް ދެ ގޯލްވަނީ،" ރޯކާ ބުންޏެވެ.

ބެންގަލޫރު އެފްސީ އާއި ޓީސީ ވާދަކުރާ ދެވަނަ ލެގު އޮންނާނީ މިމަހުގެ 20 ވަނަ ދުވަހު އިންޑިއާގަ އެވެ.

comment ކޮމެންޓް