ބެންގަލޫރަށް މުހިންމު މޮޅެއް، ޓީސީގެ ހިތްވަރު ގޯހެއް ނޫން

އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ ފުރަތަމަ ލެގު މެޗުގެ ތެރެއިން: ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ބެންގަލޫރު އެފްސީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭއެފްސީ ކަޕުގެ ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށް، ރަށުން ބޭރުގައި ކުޅެމުންދިޔަ އިންޑިއާގެ ބެންގަލޫރު އެފްސީން ފުރަތަމަ ލެގު މެޗު ކާމިޔާބުކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ޓީސީގެ މައްޗަށް ބެންގަލޫރުން ކުރި ހޯދީ 3-2ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ބެންގަލޫރު ކުޅުނީ މުހިންމު ކުޅުންތެރިންތަކެއް ނުލައި، ބަދަލުތަކަކާއެކުއެވެ. އެގޮތުން މެޗަށް އެޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ރާއްޖެ އައިސްފައެއް ނުވެއެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ޓީސީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ފުރަތަމަ ހާފުގައި އިބްރާހިމް ވަހީދު ހަސަން (އިއްބެ)އަށް ލިބުނު ފުރުސަތަކާއި، އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ)އަށް ލިބުނު ދެ ފުރުސަތެއް ފާހަގަކޮށްލެވެއެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ބެންގަލޫރަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޓޯނީ ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައަކުން ޓީސީގެ ޕެނަލްޓީ އޭރިއާ ތެރެއިން ސުބާސިޝް ބޯސް ފޮނުވާލި ހަމަލާ، ގޯލަށް ވަނުމުގެ ކުރިން ވްލާސިޗޭވް އެނަޓޯލީ ވަނީ ދިފާއުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު ބައްދަލުކުރި ފުރަތަމަ ލެގު މެޗުގެ ތެރެއިން: އެ މެޗު 3-2ގެ ނަތީޖާއަކުން ބެންގަލޫރު އެފްސީން ވަނީ ކާމިޔާބުކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗުގެ ދެވަނަ ހާފު ފެށިތާ ފަސް މިނެޓް ފަހުން ބެންގަލޫރުން ވަނީ ލީޑު ހޯދައިފައެވެ. އެންޓޯނިއޯ ޑޮވާލޭ ނަގައިދިން ކޯނަރަކުން ބެންގަލޫރަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހައޮކިޕް ތަންގްކޮސިއެމްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޓީސީގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ 69 ވަނަ މިނެޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް، ބެންގަލޫރުން ވަނީ ލީޑު ފުޅާކޮށްފައެވެ. އެންޓޯނިއޯ ޑޮވާލޭ ނަގައިދިން ކޯނަރަކުން ބެންގަލޫރަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެރިކް ޕާޓަލޫއެވެ. ބެންގަލޫރުގެ ފުރަތަމަ ލަނޑަކީވެސް ކޯނަރެއްގެ ތެރެއިން ޖެހި ލަނޑެކެވެ.

އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު ބައްދަލުކުރި ފުރަތަމަ ލެގު މެޗުގެ ތެރެއިން: އެ މެޗު 3-2ގެ ނަތީޖާއަކުން ބެންގަލޫރު އެފްސީން ވަނީ ކާމިޔާބުކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ބެންގަލޫރުން ލީޑު ފުޅާކުރިތާ މިނެޓެއް ފަހުން، ޓީސީން ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ. ފޭދޫ އިއްބެ ދިން ބޯޅައަކުން ޓީސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ މިޑްފީލްޑަރު އެނަޓޯލީއެވެ. ބެންގަލޫރު ޕެނަލްޓީ އޭރިއާ ތެރެއިން އެނަޓޯލީ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ކަނަކަށެވެ. އެއީ މިސީޒަނުގައި ޓީސީއާ އަލަށް ގުޅުނު އެނަޓޯލީ، އެޓީމަށް ކާމިޔާބުކޮށްދިން ފަސްވަނަ ލަނޑެވެ.

ޓީސީގެ ފުރަތަމަ ލަނޑުޖެހިތާ މާގިނައިރުތަކެއް ނުވަނީސް، އެޓީމުން ވަނީ އިތުރު ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޓީސީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ފޭދޫ އިއްބެއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބެންގަލޫރުގެ ޑިފެންޑަރުން އަތުން އެނަޓޯލީ ހޯދި ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ 77 ވަނަ މިނެޓުގައި ބެންގަލޫރުން ވަނީ އަލުން ލީޑު ހޯދައިފައެވެ. ބެންގަލޫރަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ހައޮކިޕް ތަންގްކޮސިއެމްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޓީސީގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުންނެވެ.

އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު ބައްދަލުކުރި ފުރަތަމަ ލެގު މެޗުގެ ތެރެއިން: އެ މެޗު 3-2ގެ ނަތީޖާއަކުން ބެންގަލޫރު އެފްސީން ވަނީ ކާމިޔާބުކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ބެންގަލޫރުން ލީޑު ހޯދުމާއެކު ޓީސީން ލަނޑެއް ކާމިޔާބުކުރުމަށް މަސައްކަތްތަކެއް ކުރިއެވެ. މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، ޓީސީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއްވެސް ލިބިފައިވެއެވެ. އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަހްމަދު އާރިފް (އާރީ)އާއި ފޭދޫ އިއްބެއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

ޓީސީން އޭއެފްސީގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދަން ބޭނުން ނަމަ، އިންޑިއާގައި ކުޅޭ ދެވަނަ ލެގު މެޗުން މޮޅުވުން މަޖުބޫރުވާނެއެވެ. ޕްލޭ އޯފްގެ ދެވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

comment ކޮމެންޓް