ދެކުނު އެފްރިކާގެ ރައީސް ޒޫމާ މަގާމުން އިސްތިއުފާ ދެއްވުމަށް ވެރިކަންކުރާ ޕާޓީން އަމުރުކޮށްފި

ދެކުނު އެފްރިކާގެ ރައީސް ޖޭކޮބް ޒޫމާ -- ފޮޓޯ/އޭއެފްޕީ

ކޭޕް ޓައުން (ފެބްރުއަރީ 13): ދެކުނު އެފްރިކާގެ ރައީސް ޖޭކޮބް ޒޫމާ މަގާމުން އިސްތިއުފާ ދެއްވުމަށް އެގައުމުގެ ވެރިކަންކުރާ ޕާޓީ އެފްރިކަން ނެޝަނަލް ކޮންގްރެސް (އޭއެންސީ)އިން އަމުރުކޮށްފިއެެވެ.

އޭއެންސީއިން މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އޭސް މަގަޝޫލީ ވިދާޅުވީ އެޕާޓީން މިހާރު ބޭނުންވަނީ އެޕާޓީގެެ އާ ލީޑަރު ސައިރިލް ރަމަފޯސާ އެގައުމުގެ ރައީސް ކަމަށް އައްޔަނުކުރުމަށެވެ.

އޭސް ވިދާޅުވީ ޕާޓީން ނެރުނު އަމުރަށް މިހާތަނަށް ޒޫމާ އެއްވެސް އެއްޗެއް ވިދާޅުނުވިކަމަށާއި ނަމަވެސް މާދަމާ އެ އަމުރާ ބެހޭގޮތުން ވާހަކަދައްކަވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާ ކަމަށެވެ.

އޭސް ވިދާޅުވީ ޒޫމާ އިސްތިއުފާ ދިނުމަށް ސުންގަޑިއެއް މިހާތަނަށް ކަނޑައަޅާފައި ނެތް ކަމަށާއި، ނަމަވެސް ޒުމާ ވެރިކަމުގައި ހުންނަން އެއްގޮތަކަށް ވެސް ޕާޓީން ބޭނުންނުވާ ކަމަށެވެ.

މީގެ ކުރިން ޒުމާ ވަނީ އެމަނިކުފާނަށް ތިން މަހާއި ހަަ މަހުގެ ނޯޓިސް އެއް ދިނުމަށް ޕާޓީގެ ކިބައިން އެދިފައެވެ. ނަމަވެސް ޕާޓީން ވަނީ އެކަމާ ދެކޮޅު ހަދައިފައެވެ.

ޒުމާ އިސްތިއުފާ ނުދެއްވައިފިނަމަ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ވެރިކަމުން ދުރު ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.

ކޮރަޕްޝަންގެ ތުހުމަތުތައް ޒުމާގެ މައްޗަށް ވަނީ ވަރަށް ބޮޑަށް ކުރެވިފައެވެ. އެންމެ ފަހުން 2016 ވަނަ އަހަރު ދެކުނުު އެފްރިކާގައި ބޭއްވި ލޯކަލް އިންތިހާބުގައި އޭއެންސީއަށް އިންތިހާބު ކާމިޔާބު ކުރެވުނީވެސް ހަމަ ކިރިޔާއެވެ.

އޭއެންސީގެ މެމްބަރުން ދެކޭގޮތުގައި ޒުމާގެ އަމަލުތަކުގެ ސަބަބުން ޕާޓީއަށް ވަނީ ވަރަށް ބޮޑަށް ކިލަނބުކަމެއް އައިސްފައެވެ.

މަސްދަރު : ރޮއިޓާސް

ގުޅޭ ޓެގު
comment ކޮމެންޓް