އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ 23 ޕަސެންޓް އިތުރުވެއްޖެ

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސްއަށް ލިބުނު އާމްދަނީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ހުސްވި ޖެނުއަރީ މަހު 23 ޕަސެންޓް އިތުރުވެއްޖެއެވެ.

ކަސްޓަމްސްއިން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާގޮތުގައި މި އަހަރުގެ ޖެނުއަރީ މަހުގައި ކަސްޓަމްސް މެދުވެރިކޮށް އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 278 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. 2017 ވަނަ އަހަރުގެ ޖެނުއަރީމަހުގައި ކަސްޓަމްސްއަށް ލިބިފައިވަނީ 224 މިލިއަން ރުފިޔާއެވެ.

މި އަހަރުގެ ޖެނުއަރީމަހުގައި ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަގަކީ 3.8 ބިލިއަން ރުފިޔާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މި އަދަދަކީ 2017 ވަނަ އަހަރުގެ ޖެނުއަރީމަހުގައި ރާއްޖެ އެތެރެކުރި 3.2 ބިލިއަން ރުފިޔާގެ މުދަލަށްވުރެ 17 ޕަސެންޓް އިތުރު އަދަދެއްކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކޮށްފައިވަނީ އަރަބި ގައުމުތަކުންނެވެ. އެއީ ޖުމްލަ އިމްޕޯޓްގެ 20 ޕަސެންޓެވެ. ދެވަނައަށް އެންމެ ގިނަ މުދާ އެތެރެކޮށްފައިވަނީ ޗައިނާ އިންނެވެ. އެއީ ޖުމްލަ އިމްޕޯތްގެ 19 ޕަސެންޓެވެ.

މިދިޔަ ޖެނުއަރީ މަހު ރާއްޖެއިން މުދާ އެކްސްޕޯޓް ކުރި މިންވަރު މިދިޔަ އަހަރުގެ ޑިސެންބަރު މަހާ އަޅާބަލާއިރު ވަނީ ހަ ޕަސެންޓް އިތުރުވެފައެވެ. މިދިޔަ ޑިސެންބަރު މަހު 445 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވާއިރު މިދިޔަ ޖެނުއަރީމަހުގައި ރާއްޖެއިން އެކްސްޕޯޓް ކުރި މުދަލުގެ އަގަކީ 474 މިލިއަން ރުފިޔާއެވެ.

ރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކުރަނީ މަހުގެ ބާވަތްތައް ކަމަށްވާއިރު ރާއްޖޭގެ އެކްސްޕޯޓްގެ 41 ޕަސެންޓް އެކްސްޕޯޓްކޮށްފައިވަނި ތައިލެންޑަށެވެ.

comment ކޮމެންޓް