ހުކުރު ދުވަހު އޮންނާނީ ބޮޑު އެއްވުމެއް ނޫން: އިދިކޮޅު ޕާޓީތައް

ފެބްރުއަރީ އެއްވަނަ ދުވަހު ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި، އެކި ރަށްރަށުން މީހުން އެއްވެ، އަންނަ ހުކުރު ދުވަހު މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ނިންމާފައި ނުވާ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.

ފުލުހުން އިއްޔެ ވަނީ ރަށްރަށުން މީހުން މާލެ އައުމަށް ގޮވާލައި ހަމަ ނުޖެހުމަށް ހިތްވަރުދޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ. ފުލުހުން އެހެން ބުނެފައިވަނީ ސަލާމަތީ ބާރުތަކާއި ކުރިމަތިލާ ގައުމު ހަލަބޮލިކޮށްލުމަށް ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތެއް ފުލުހުންނަށް ލިބިފައިވާ ކަމަށް ބުނެ އެވެ.

ނަމަވެސް "ވޯމްއަޕް އެއްވުން"ގެ ނަމުގައި އިދިކޮޅު ޕާޓީތަކުން ބާއްވާ އެއްވުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފުލުހުން ދެއްވި ދައުވަތަކަށް އިދިކޮޅު ޕާޓީތަކުގެ ބޭފުޅުން ވަނީ މިއަދު އިސްކަންދަރު ކޮއްޓަށް ވަނީ ވަޑައިގެންފައެވެ.

ފުލުހުންނާ ބައްދަލުކުރުމަށްފަހު އިސްކަންދަރު ކޮށިން ނިކުމެ ވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ، އަންނަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބޮޑު އެއްވުމެއް ބާއްވަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖަންސަށް ލިބިފައިވާ މައުލޫމާތަކީ ކުށެއް ކަމަށެވެ.

އޭނާ ވިދާޅުވީ، އަންނަ ހުކުރު ދުވަހު ބޮޑު އެއްވުމެއް ނުބޭއްވިނަމަވެސް އިދިކޮޅުން ބޮޑު އެއްވުމެއް ވަރަށް އަވަހަށް ބާއްވަން ނިންމައި އިއުލާން ކުރާނެ ކަމަށް ފުލުހުންނަށް މިއަދު އަންގާފައިވާނެ ކަމަށެވެ. އަދި އެ އެއްވުމަށް ފުލުހުންގެ އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް އެދިވަޑައިގެންނެވި ކަމަށް އަނަސް ވިދާޅުވި އެވެ.

އަދި ކުއްލި ނުރައްކަލުގެ ހާލަތުގައި އެއްވެ އުޅުމުގެ ހައްގު ބާތިލް ކޮށްފައި އޮތްނަމަވެސް، ރައީސް ޔާމީންގެ ފަރާތުން އެއްވުންތަކެއް ބޭއްވިކަން ފާހަގަކުރައްވައި އަނަސް ވިދާޅުވީ، އެ އެއްވުންތަކަށް ފުލުހުންނާއި ސިފައިން ވެސް އެހީތެރިކަން ފޯރުކޮށްދިން ފަދައިން، ގާނޫނު އަސާސީގެ 246 ވަނަ މާއްދާގެ (ހ)ގެ ދަށުން ހަމަހަމަ ކަމާއެކީގައި އިދިކޮޅު ފަރާތްތަކަށް ވެސް އެ ފުރުސަތު ދިނުމަށް ފުލުހުންގެ ފަރާތުން އެދުނު ކަމަށެވެ.

ފުލުހުންނާއެކު ބޭއްވި ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގަތް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ، އިދިކޮޅުން ބާއްވާ ބޮޑު މުޒާހަރާއަށް އެއްބާރުލުން ދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގަތުމުން އެކަން ނުކޮށްދެއްވާނަމޭ ވިދާޅު ނުވާ ކަމަށެވެ.

ނަމަވެސް ފުލުހުންގެ އަމުރުތަކާ އެއްގޮތަށް ކިޔަމަންވެވަޑައިގަތުމަށް އެބޭފުޅުން އިދިކޮޅުގެ ފަރާތުން އެދިވަޑައިގަތް ކަމަށް ސަމީރު ވިދާޅުވި އެވެ.

އަދި އެއްވުންތަކުގައި ބައިވެރިވާ ބައެއް ފަރާތްތަކާ މުހާތަބު ކުރުމުގައި ފުލުހުން ހަޑިހުތުރު ބަހުން ވާހަކަދައްކާކަން ފާހަގަކުރެވިފައިވާތީ އެކަން ރަނގަޅު ކޮށްދެއްވަން ވެސް މިއަދު ފުލުހުންގެ ކިބައިން އިދިކޮޅު ޕާޓީތަކުން ވަނީ އެދިފައެވެ.

އަދި ފުލުހުންގެ ފަރާތުންވާ އެފަދަ ކަންކަން ރަގަނޅުކޮށް، ތަކުރާރު ނުވާނެ ގޮތަކަށް ހައްދަވައިދެއްވާނޭ ކަމަށް ފުލުހުން ބުނި ކަމަށް ސަމީރު ވިދާޅުވި އެވެ.

comment ކޮމެންޓް