2.4 މިލިއަން ޑޮލަރުގެ މަންފާ އުއްތަމަ ފަނޑިޔާރު ހޯދި: ފުލުހުން

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު: އެމަނިކުފާނުގެ މައްޗަށް ފުލުހުން ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައި --- ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހު

ރާއްޖޭގެ ބޮޑު ކުންފުންޏަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދަށް ދިން 2.4 މިލިއަން ޑޮލަރުގެ ލޯނުގެ މަންފާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހޯއްދެވި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން 215،000 ޑޮލަރު ފެނިފައިވާ ކަމަށާއި ރިޝްވަތުގެ ފައިސާއިން އަލީ ހަމީދު ފްލެޓް ގަނެފައިވާ ކަމުގެ ކިތާބީ ހެކި ވެސް ލިބިފައިވާ ކަމަށެވެ.

ގާނޫނީ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ މައްސަލައިގެ ބައެއް މައުލޫމާތު ހާމަކުރުމަށް މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު ސުޕްރިންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ރާއްޖޭގެ ބޮޑު ކުންފުންޏަކުން އަލީ ހަމީދަށް ދީފައިވާ 2.4 މިލިއަން ޑޮލަރުގެ މަންފާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ލިބިފައިވާ ކަމަށާއި އެކަމުގެ ކިތާބީ ހެކި ވެސް ލިބިފައިވާ ކަމަށެވެ.

"ރާއްޖޭގެ ބޮޑު ކުންފުންޏަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނާޖާއިޒް މަގްސަދެއް ހިމެނޭ ގޮތަށް ދިން ކަމަށް ތުހުމަތު ކުރެވޭ 2.4 މިލިއަން ޑޮލަރުގެ އެއް ބެނިފެޝަރީ އަކީ އަބްދުﷲ ސައީދުކަން އަޅުގަނޑުމެންގެ ތަހުގީގަށް ވަނީ ޔަގީން ކުރެވިފައި،" ޝިފާން ވިދާޅުވިއެވެ.

އަދި އެ ފައިސާ ބޭނުންކޮށްގެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ރާއްޖެއިން ބޭރުން އަގުބޮޑެތި މުދަލާއި ގެދޮރު ގަންނަން މަސައްކަތް ކޮށްފައިވާ ކަމުގެ ކިތާބީ ހެކި ވެސް ފުލުހުންނަށް ލިބިފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.

"...ރިޝްވަތުގެ ގޮތުގައި ލިބިފައިވާ ފައިސާ ބޭނުން ކޮށްގެން ރާއްޖެއިންނާއި ރާއްޖޭން ބޭރުން އަގުބޮޑެތި ޕްރޮޕަޓީސް ގަތުމަށް އެތަންތަން ބަލަން ދަތުރުކޮށް އެ ތަންތަނަށް ޒިޔާރަތްކޮށް މި ވިޔަފާރިތައް މި ގޮތަށް ހިންގާކަމުގެ ކިތާބީ ހެކި ވަނީ ލިބިފައި،" ޝިފާން ވިދާޅުވިއެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި 2.4 މިލިއަން ޑޮލަރުގެ ލޯނު އަލީ ހަމީދަށް ދީފައިވަނީ ވިލާ ކުންފުނިންނެވެ.

އުއްތަމަ ފަނޑީޔާރުގެ މައްޗަށް ވަނީ ދައުލަތް ހިންގުމަށް ގަސްތުގައި ހުރަސް އެޅި ކަމުގެ ތުހުމަތު ވެސް ކޮށްފައެވެ. އެ ތުހުމަތު އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކޮށްފައިވަނީ ސުޕްރީމް ކޯޓުގެ އައިޓީ ވިއުގަ ހުއްޓުމަކަށް ގެނައުމަށް މަސައްކަތް ކޮށްފައިވަތީ އެވެ. އެ މަސައްކަތް ކޮށްފައިވަނީ ސީދާ އަބްދުﷲ ސައީދުގެ އަމުރުގެ ދަށުން ކަން ޔަގީން ވެފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.

ރައީސް ޔާމީން ވެރިކަން ގާނޫނާ ހިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި އަބްދުﷲ ސައީދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި އޭނާގެ އަނބިކަނބަލުން ފާތިމަތު ނާސިރާ ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

އެ ތިން ބޭފުޅުންގެ އިތުރުން އެ މައްސަލާގައި ދެން ހައްޔަރުކޮށްފައި ވަނީ:

  1. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
  2. ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު ހުސައިން
  3. މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން
  4. ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު
  5. ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް
  6. ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން
  7. ރައީސް މައުމޫންގެ އޮފީހުގައި މަސައްކަތްކުރާ ނަޖުމާ އިބްރާހިމް
  8. މައުމޫންގެ ޕްރައިވެޓް ސެކިއުރިޓީ މުހައްމަދު އަޒްމީ
  9. ޔުމްނާ މައުމޫނުގެ ފިރިކަލުން މުހައްމަދު ނަދީމް
  10. ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ މ. އެންދެރިގަސްގެ ޑްރައިވަރެ ބޮނިއާ ސުދާގަރު

comment ކޮމެންޓް