ބޮލުގެ ނާށިގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން މޭސަން ރިޓަޔާކޮށްފި

ކޭހިލްގެ ބޮލުން ޖެހި މޭސަންއަށް އަނިޔާވެފައިވަނީ ޗެލްސީގެ ދަނޑުގައި ހަލް ސިޓީން ކުޅުނު ލީގު މެޗެއްގައި --- ފޮޓޯ/ ގެޓީ

ދެހާސް ސަތާރަވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް ހަލް ސިޓީން ކުޅުނު މެޗުގައި ބޮލުގެ ނާށިގަނޑަށް ލިބުނު އަނިޔާގެ ސަބަބުން މިޑްފީލްޑަރު ރަޔަން މޭސަން ރިޓަޔާ ކޮށްފިއެވެ.

އުމުރުން 26 އަހަރުގެ މޭސަންގެ ބޮލުގެ ނާށިގަނޑަށް އަނިޔާވެފައިވަނީ ޗެލްސީގެ ކެޕްޓަން ގެރީ ކޭހިލްގެ ބޮލުން ޖެހިގެންނެވެ. އަނިޔާ ވުމުން ދަނޑުުމަތީގައި އަށް މިނެޓެއްހާއިރު ފަރުވާދިނުމަށްފަހު އޭނާވަނީ ސެއިންޓް މެރީ ހޮސްޕިޓަލަށް ގެންގޮސް ވަގުތުން ސާޖަރީވެސް ހައްދައިފައެވެ.

ސާޖަރީއަށްފަހުވެސް އެތަކެއް ޑޮކްޓަރުންނަކަށް ދެއްކި މޭސަން ބުނެފައިވަނީ އަނިޔާގެ ސަބަބުން ފުރާނަ ސަލާމަތްވީތީ އުފާކުރާ ކަމަށެވެ.

މިދިޔަ އަހަރުގެ މެއި މަހު ހަލް ސިޓީއާއެކު މޭސަން ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށި ނަމަވެސް އޭނާ ރިޓަޔާ ކޮށްފައި މިވަނީ އަނިޔާއަށްފަހު މެޗެއް ނުކުޅެއެވެ.

އިނގިރޭސި ދެވަނަ ޑިވިޝަންގައި ކުޅެމުން އަންނަ ހަލް ސިޓީން މިއަދު ނެރުނު ސްޓޭޓްމަންޓުގައި ބުނެފައިވަނީ މޭސަންއަށް ލިބުނު އަނިޔާއާ ގުޅިގެން ގިނަ އަދަދެއްގެ ނިއުރޯ ސާޖަންސް އޭނާއަށް ލަފާ ދީފައިވަނީ ކުޅުން ހުއްޓާލުމަށް ކަމަށެވެ. އަދި މި ހޭދަވި ދުވަސްތަކުގައި އެކިއެކި ގޮތްގޮތުން މޭސަންއާއި އޭނާގެ އާއިލާއަށް އެހީތެރިވެދިން ފަރާތްތަކަށް މޭސަންގެ ހިތުގެ އެންމެ ފުން މިނުން ޝުކުރު އަދާކުރާ ކަމަށްވެސް ހަލް ސިޓީގެ ސްޓޭޓްމަންޓުގައި ބުނެފައިވެއެވެ.

ޓޮޓެންހަމްއިން ކެރިއަރު ފެށި ރަޔަން މޭސަންވަނީ 2015 ވަނަ އަހަރު އިނގިރޭސި ގައުމީ ޓީމަށްވެސް މެޗެއް ކުޅެދީފައެވެ.

comment ކޮމެންޓް