ލާމު ލިންކް ރޯޑާއި ފްލެޓު މަޝްރޫއުތައް ފެށީ ނަޝީދު ސަރުކާރުގައި: ޗައިނާ

ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ ސްޓެންޑިންގް ކޮމިޓީގެ ކުރީގެ ޗެއާމަން ވޫ ބަންގުއޯ ރައީސް ނަޝީދުގެ ސަރުކާރުގައި ރާއްޖެއަށް ކުރެއްވި ޒިޔާރަތެއްގައި، ދެގައުމުގެ ދެމެދުގައި ގިނަ ދާއިރާތަކުން އެއްބާރުލުން ދިނުމަށް ސޮއިކުރެވުނު ---

ރާއްޖޭގައި ޗައިނާއިން ހިންގާފައިވާ ބައެއް އިންވެސްޓްމެންޓްތައް ފަށާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކަމަށާއި، ރާއްޖޭގައި ޗައިނާއިން ކުރަމުންދާ އިންވެސްޓްމެންޓްތަކާ ދެކޮޅަށް، ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުމަށް ބުރޫއަރާ ގޮތަށް އެމަނިކުފާނު މިހާރު ވާހަކަ ދައްކަވާ ސަބަބާ މެދު، ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ސުވާލު އުފައްދައިފި އެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހު ރައީސް ނަޝީދު ކޮލޮމްބޯގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައި، ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ ތަރުޖަމާނު ޔަންގް ޔިން ވިދާޅުވީ އެއީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ.

"ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އެއްބާރުލުމުގެ މަސައްކަތަކީ ދެގައުމުގެ ވެސް ފައިދާ އާއި މަންފާއަށް ކުރިޔަށްދާ ކަންކަން. ވަކި ފަރާތަކަށް ޖެހިގެން ތިބެ ދައްކާ ވާހަކަތަކަކުން މި ގުޅުމަކަށް ބުރޫއެއް ނާރާނެ،" ޗައިނާ އެމްބަސީން ބުންޏެވެ.

ޗައިނާ އެމްބަސީން ބުނީ މީގެ ކުރީގެ ސަރުކާރުތަކާ އެކު ވެސް ޗައިނާއިން ވަނީ އެކުވެރިކަން ދަމަހައްޓައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށްފައި ކަމަށެވެ.

"މިސާލަކަށް ހައުސިންގް މަޝްރޫއުތަކާއި، ލާމު ލިންކް ރޯޑުގެ މަޝްރޫއު ފެށީ ރައީސް ނަޝީދުގެ ސަރުކާރުގައި. ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ ފައިދާ އެމަނިކުފާނަށް ވެސް ފެނިފައި ވާނެކަމަށް ގަބޫލުކުރަން،" ޗައިނާ އެމްބަސީގެ ތަރުޖަމާނުގެ ބަޔާނުގައިވެ އެވެ.

ނަމަވެސް، އެމަނިކުފާނު މިހާރު ޗައިނާގެ އިންވެސްޓްމެންޓްތަކާ ދެކޮޅުވާ ސަބަބެއް ނުވިސްނޭ ކަމަށް އެމްބަސީން ބުންޏެވެ.

"އެމަނިކުފާނުގެ ޒައާމަތުގައި ރާއްޖެއާއި ޗައިނާއާ ދެމެދުގެ ގުޅުމަށް ސަޕޯޓުކުރައްވައި، މިހާރު އެކަމާ ދެކޮޅުވެރިކަން ފާޅުކުރައްވަނީ ކީއްވެގެންތޯ؟ އަދި ދެގައުމުގެ ދެމެދުގައި އޮތް ގުޅުމާ މެދު އަސްލެއް ނެތް ވާހަކަ ދައްކަވަމުންދާ ސަބަބާ މެދު ޗައިނާގެ ސުވާލުތައް ވަރަށް ގިނަ،" އެމްބަސީގެ ތަރުޖަމާނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބްރިޖު އެޅުން ފަދަ، ޗައިނާ އިން ރާއްޖޭގައި ކުރަމުންދާ ބޮޑެތި މަޝްރޫއުތައް، ދެ ގައުމުގެ ސަރުކާރުގެ އިރުޝާދާ އެއްގޮތަށް ކުރިޔަށް ގެންދާނެ ކަމަށެވެ.

ރައީސް ނަޝީދު މިދިޔަ މަހު ލަންކާގައި ދެއްވި ޕްރެސް ކޮންފަރަންސްގައި ދެއްކެވި ވާހަކަފުޅަށް އިޝާރާތްކޮށް، ލަންކާގެ ނޫސްވެރިން ވެސް ވަނީ އެމަނިކުފާނު އިންވެސްޓްމެންޓްތަކާ ދެކޮޅުތޯ ސުވާލުކޮށްފަ އެވެ. ނަމަވެސް ރައީސް ނަޝީދު ވަނީ، އެމަނިކުފާނު އެއްވެސް ގައުމެއްގެ އިންވެސްޓްމެންޓަކާ ދެކޮޅު ނޫންކަމަށް ވިދާޅުވެފަ އެވެ.

ޗައިނާ އެމްބަސީގެ ތަރުޖަމާނު ޔަންގް ޔިން ވިދާޅުވީ ޗައިނާއާއި ރާއްޖެއިން "ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް"އިން ގުޅުނީ ދެގައުމުގެ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ހޯދައިދިނުމަށް ކަމަށެވެ. އަދި ބްރިޖުގެ ފައިދާ ދިވެހީންނަށް ކައިރި މުސްތަގުބަލެއްގައި ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ޗައިނާއިން ބުންޏެވެ.

ޗައިނާއިން ބުނީ، ރާއްޖެއާއި ޗައިނާއާ އޮތް ގުޅުން ރައީސް ނަޝީދަށް ސާފުކޮށް ފެނިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"ޗައިނާގެ އުންމީދަކީ ރައީސް ނަޝީދަށް މަންޒަރު ސާފުކޮށް ފެނިވަޑައިގެން، ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުމަކީ ވެސް ފައިދާހުރި ގުޅުމެއްގެ ގޮތުގައި ފެނިވަޑައިގަތުން. އަދި ދެގައުމުގެ ގުޅުން ތަރައްގީކުރުމަށް ރައީސް ނަޝީދު ވެސް އެއްބާރުލުން ދެއްވުން،" ޗައިނާ އެމްބަސީން ބުންޏެވެ.

comment ކޮމެންޓް