މެސީއަށް ރޮނާލްޑޯއާ ރަހްމަތްތެރި ވެވޭކަށް ނެތް!

ރެއާލް މެޑްރިޑާ ބާސެލޯނާ ބައްދަލުކުރި މެޗެއްގެ ތެރޭން، ރޮނާލްޑޯ މެސީއަށް އެހީތެރިވަނީ -- ފޮޓޯ: ގެޓީ

ރެއާލް މެޑްރިޑްގެ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީއަކީ ފުޓްބޯޅައިގެ ދުނިޔޭގައި މިވަގުތު އެންމެ ވާދަވެރި ދެ ކުޅުންތެރީންނެވެ. އެހެން ނަމަވެސް ރޮނާލްޑޯ މީގެ ކުރިން ބުނެފައި ވަނީ، މެސީއަކީ އޭނާގެ ވާދަވެރިއެއް ނޫންކަމަށާއި، ހަމަ އެހެންމެ ގާތް ރަހްމަތްތެރިއެއް ވެސް ނޫން ކަމަށެވެ.

ވާދަވެރި ނޫންކަމަށް މި ދެކުޅުންތެރީން ބުނި ނަމަވެސް، ހަގީގަތަކީ މި ދެކުޅުންތެރީންގެ ވާދަވެރިކަން ވަރަށް ބޮޑެވެ. މުސްތަގުބަލުގައި މި ދެކުޅުންތެރީންނަކީ، ގާތް ރަހްމަތްތެރީންނަށް ވެދާނޭކަމަށް ރޮނާލްޑޯ ގަބޫލުކުރި ނަމަވެސް، މެސީ އެކަން ގަބޫލެއް ވެސް ނުކުރެއެވެ.

މި ދެކުޅުންތެރީންގެ ވާދަވެރިކަން ފެށިގެން އައީ، 2008 ވަނަ އަހަރުގެ ބެލޮންޑިއޯއާ ހަމައިންނެވެ. އެފަހަރު ރޮނާލްޑޯ ބެލޮންޑިއޯ ހޯދި ނަމަވެސް، ޖެހިގެން އައި ހަތަރު ފަހަރުވެސް އެ އެވޯޑް ހޯދީ މެސީއެވެ. 2008 ވަނަ އަހަރުގެ ފަހުން، މި ވޭތުވެ ދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ބެލޮންޑިއޯ އެވޯޑް ވަނީ މި ދެކުޅުންތެރީންގެ މެދުގައި ހަމަހަމައަށް ބެހިފައެވެ. ކޮންމެ ކުޅުންތެރިއަކުވެސް ވަނީ ފަސް ފަހަރު އެވޯޑް ހޯދައިފައެވެ.

އާންމުންގެ ތެރޭގައި މެސީއާ ރޮނާލްޑޯއާ ދެ ކުޅުންތެރީން، އެކަކު އަނެކަކަށް ހިތްބުރަކަމެއް އަދި ވާދަވެރިކަމެއް ނެތްކަމަށް ބުނި ނަމަވެސް، މެސީ ގަބޫލުކުރާ ގޮތުގައި އޭނާއާ ރޮނާލްޑޯއަކީ ދުވަހަކުވެސް ރަހްމަތްތެރިކަން އުފެދިދާނޭފަދަ ބައެއް ނޫނެވެ.

"އަހަންނަކަށް ހިޔެއް ނުވޭ، އަހަރެމެން ދެމީހުން މުސްތަގުބަލުގައިވެސް ރަހްމަތްތެރީންނަށް ވެދާނޭ ކަމަކަށް،" ވޯލްޑް ސޮކަރ މެގަޒިންއަށް މެސީ ބުންޏެވެ.

"ރަހްމަތްތެރިކަމަކީ އެކުގައި ވަގުތުތައް ހޭދަކޮށް އެކަކު އަނެކަކަށް އެނގިފަރިތަވުމުން އުފެދޭ ގުޅުމެއް."

މެސީ ބުނީ، އޭނާއާ ރޮނާލްޑޯއާ ދެމެދު އެކުވެރިކަމުގެ ގުޅުމެއް އުފެދޭނޭ މަގެއްވެސް ތަނަވަސްވެފައި ނުވާ ކަމަށެވެ. ސަބަބަކީ އާންމު ގޮތެއްގައި އެ ދެކުޅުންތެރީން ދިމާވެސް ނުވާތީ ކަމަށެވެ.

"އަހަރެމެން ދެމީހުންގެ އެއްވެސް ގުޅުމެއް ނޯވޭ. އާންމުކޮށް އަހަރެމެން ދިމާވަނީވެސް އެވޯޑް ހަފްލާތަކުން، އެފަދަ ވަގުތެއްގައި އަނގައިންބުނެ ވާހަކަ ދައްކާލަނީވެސް،" ރޮނާލްޑޯއާ ދެމެދު އެކުވެރިކަމުގެ އެއްވެސް ގުޅުމެއް ނެތްކަން ފާހަގަކުރަމުން މެސީ ބުންޏެވެ.

comment ކޮމެންޓް