ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބާއްވަން އުޅޭ އެއްވުމުގައި ބައިވެރިވާ ބިދޭސީންނަށް ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަންވަރު ސޮއިކުރައްވައި މިއަދު ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ ހުކުރު ދުވަހުގެ އެއްވުމުގައި ބިދޭސީން ބައިވެރިވުމަށް، ބާރު އަޅަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަދި އެ އެއްވުމުގައި ބައިވެރިވާ ބިދޭސީންނާއި އަދި ބިދޭސީން ގެންގުޅޭ މީހުންނާއި ވިޔަފާރިވެރިންނަކީ ކޮންމެ ކަހަލަ ވިޔަފާރިކުރާ ބައެއް ނަމަވެސް އެ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށެވެ.
އިމިގްރޭޝަނުން ބުނީ އެއްވުމުގައި ބިދޭސީން ބައިވެރިވުމަކީ ރާއްޖޭގެ ގާނޫނާ ހިލާފުކަމެއް ކަމަށެވެ.
"ރާއްޖޭގެ ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރިވުމަކީ ބިދޭސީންނަށް ދޫކޮށްފައިވާ ވިސާއާ މުޅިން ފުށުއަރާކަމެއް. އެހެންކަމުން ބިދޭސީންނަށް ދޫކޮށްފައިވާ ވާކްވިސާގައި ބަޔާންކޮށްފައިވާ ކަންތައްތަކާ ތައާރުޒުވާ ކަންތައްތައްތަކުގައި ބައިވެރިނުވުމަށް ގޮވާލަން،" އިމިގްރޭޝަނުން ނެރުނު ބަޔާނުގައިވެއެވެ.
ބިދޭސީންނަށް ޒިންމާވާ ދިވެހީން އެ މުއައްސަސާގެ ގާނޫނާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ބިދޭސީންނަށް ބާރުއެޅުމަށް ވެސް އިމިގްރޭޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.
އަންނަ ހުކުރުދުވަހު ރާއްޖޭގެ އެކިކަންކޮޅު ތަކުގައި މީހުން އެއްވެ ހަމަނުޖެހުން ހިންގައި، ގައުމު ހަލަބޮލިކޮށްލައި ސަލާމަތީ ބާރުތަކާއި ކުރިމަތިލާން ރާވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ސަލާމަތީ ބާރުތަކުން ވަނީ ބުނެފައެވެ.
ފުލުހުންގެ ތަރުޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ހުކުރު ދުވަހު މާލޭގައި އެއްވުމެއް ބާއްވަން ނިންމާފައިވާތީ އެކަން ކުއްވެރިކުރާ ކަމަށާއި ގައުމު ހަލަބޮލި ކުރުމުގެ ފުރުސަތު ފުލުހުން ނުދޭނެ ކަމަށެވެ.
އެއްވުމުގައި ބައިވެރިވާން އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން މާލެ ނައުމަށް ސަރުކާރު ހިންގާ ޕީޕީއެމުންވެސް ވަނީ ރޭ ގޮވައިލައިފައެވެ.