ޒައިނަބުގެ ގާތިލު ކަމަށް ތުހުމަތު ކުރެވޭ މީހާ ކުށަށް އިންކާރުކޮށްފި

ޒައިނަބުގެ ގާތިލު ކަމަށް ތުހުމަތު ކުރެވޭ އިމްރާން އަލީ ވަނީ އޭނާގެ މައްޗަށްކޮށްފައިވާ ދައުވާތައް ދޮގުކޮށްފައި -- ފޮޓޯ: ޑޯން

އިސްލާމްއާބާދު (ފެބްރުއަރީ 13): ޕާކިސްތާނުގައި ހަތް އަހަރުގެ ޒައިނަބު އަންސާރީ ރޭޕްކޮށް މަރާލި ކަމުގެ ދައުވާކޮށްފައިވާ އިމްރާން އަލީ ކުށަށް އިންކާރުކޮށްފި އެވެ.

ލާހޯރުގެ ޖަލެއްގައި އެމައްސަލައިގެ އަޑު އެހުންތައް ފަށާފައިވާ އިރު، އިމްރާނުގެ ވަކީލު މެހެރޫ ޝަކީލް ވަނީ އޭނާގެ މައްޗަށް ކޮށްފައި ވަނީ އެއްވެސް ހަގީގަތެއް ނެތް ދައުވާތަކެއް ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ މަހުގެ ނުވައެއްގައި ރޭޕްކޮށް މަރާލާފައި އޮއްވާ ފެނުނު ޒައިނަބުގެ މަރާ ގުޅިގެން ޕާކިސްތާނުގައި ގިނަ އަދަދެއްގެ މީހުން ވަނީ ނުރުހުން ފާޅުކޮށް މުޒާހަރާކޮށްފަ އެވެ. އެ ހާދިސާ ހިނގި ކަސޫރުގައި ފާއިތުވި އަހަރު ތެރޭ ވަނީ އެފަދަ 11 ހާދިސާއެއް ހިނގައިފަ އެވެ.

އިމްރާން ހައްޔަރު ކުރި ފަހުން ޕަންޖާބުގެ ފުލުހުން ވަނީ އޭނާގެ ޑީއެންއޭ އާއި މީގެ ކުރިން މަރާލާފައިވާ ހަތް ކުއްޖެއްގެ ހަށިގަނޑުން ފެނުނު ޑީއެންއޭއާ އެއްގޮތް ކަމަށް ބުނެފަ އެވެ. އަދި އޭނާ ވަނީ ކުށަށް އިއުތިރާފުވެފައި ކަމަށް ވެސް ފުލުހުންނާ ހަވާލާދީ ޖިއޯ ނޫހުން ބުންޏެވެ.

ޕާކިސްތާނުގެ އެންޓި ޓެރަރިޒަމް ކޯޓުން ވަނީ އެމައްސަލައިގެ އަޑު އެހުންތައް ކޮންމެ ދުވަހަކު ކުރިއަށް ދާނެ ކަމަށާއި ހަފްތާއެއް ތެރޭ އެ މައްސަލަ ބަލައި ނިންމާނެ ކަމަށް ބުނެފަ އެވެ. (އޭއެފްޕީ)

comment ކޮމެންޓް