ބާރުގަދަ ތޫފާނެއްގައި ޓޮންގާގެ މަޖިލިސް އިމާރާތް ބިމާހަމަވެއްޖެ

ނުކުއަލޯފާ (ފެބްރުއަރީ 13): ފާއިތުވި 60 އަހަރު ތެރޭ ޓޮންގާއަށް އެރި އެންމެ ބާރުގަދަ ތޫފާނުގައި އެގައުމުގެ ގާނޫނު ހަދާ މަޖިލިސް ބިމާ ހަމަވެއްޖެ އެވެ.

ކެޓަގަރީ ހަތަރެއްގެ ސައިކްލޯން ގީތާ ޓޮންގާއަށް އެރުމުގެ ކުރިން އެގައުމުގެ ސަރުކާރުން ވަނީ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. އަދި އެތައް ހާސް މީހުން ވަނީ ސަލާމަތީ ސަރަހައްދުތަކަށް ބަދަލުކޮށްފަ އެވެ.

ޕެސިފިކް ކަނޑުގައި އޮންނަ، 170 އަށް ވުރެ ގިނަ ރަށްތައް ހިމެނޭ ޓޮންގާއަށް އެތޫފާން އެރުމާ ގުޅިގެން އެގައުމަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ. އެގޮތުން ބައެއް ރަށްތަކުގައި ކަރަންޓު ކެނޑި، ގެތަކުގެ ފުރާޅު އެއްލާލުމުގެ އިތުރުން ތިން މީހަކަށް އަނިޔާވި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ޓޮންގާގެ މަޖިލިސް މެމްބަރަކު ވިދާޅުވި ގޮތުގައި އެގައުމުގެ މަޖިލިސް އިމާރާތަށް މިހާރު 100 އަށް ވުރެ ގިނަ އަހަރު ވެދާނެ އެވެ. އަދި އާ އިމާރާތެއް އަޅަން މީގެ ކުރިން ވާހަކަ ދެކެވުނު ނަމަވެސް އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޮންގާގެ ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތް ދެން ކުރިއަށް ދާނީ ކޮން ތަނެއްގައި ކަން އެގައުމުގެ ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

މޫސުމާ ބެހޭ އިދާރާތަކުން ބުނާ ގޮތުގައި މިހާރު ފިޖީއާ ދިމާލަށް މިސްރާބު ޖަހާފައިވާ ސައިކްލޯން ގީތާގެ ބާރު އަދި ގަދަ ވާނެ އެވެ. ނަމަވެސް އެތޫފާން ފިޖީގެ އާބާދީ ބޮޑު ސަރަހައްދުތަކަށް ނާރާނެ ކަމަށް ވެސް އެއިދާރާތަކުން ބުންޏެވެ. (ބީބީސީ)

comment ކޮމެންޓް