އިންޑިއާ ކަންބޮޑުވިޔަސް، ޗައިނާއަށް ވެސް ފުރުސަތު އޮންނަން ޖެހޭ: ޝައިނީ

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނޯ (ވ)، ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާއާ އެކު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއާ އިން ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވާ ނަމަވެސް، ޗައިނާއިން ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން ޝައުގުވެރިވާ ކަމަށާއި އެކަމަށް ވެސް ފުރުސަތު ދޭން ޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އެންޑީޓީވީއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ރާއްޖޭގައި ކުއްލި ހާލަތު އިއުލާނުކޮށްފައި އޮތް ނަމަވެސް، ރައްޔިތުންގެ އާންމު ދިރިއުޅުމަށް އެއްވެސް ބުރޫއެއް އަރާފައި ނުވާ ކަމަށެވެ. އަދި ރާއްޖޭގެ ހާލަތު ދަނީ ރަނގަޅު ވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އިންޓަވިއުގައި ޝައިނީ ވިދާޅުވީ ރާއްޖޭގައި ހިނގަމުންދާ ކަންކަން ހައްލުކުރުމުގެ ކުޅަދާނަކަން ރާއްޖެއަށް ލިބިފައިވާ ކަމަށެވެ. އަދި މީގެ ކުރިން ވެސް އަމިއްލައަށް ކަންކަން ހައްލުކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ.

ވަކިން ޚާއްސަކޮށް، އިންޑިއާއިން ރާއްޖެއާ މެދު ކަންބޮޑުވާކަން ފާހަގަކުރައްވައި ޝައިނީ ވިދާޅުވީ، އިންޑިއާ އިން ވެސް ރާއްޖެއަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ.

"އިންޑިއާއަކީ އެންމެ ގާތް އަވަށްޓެރިޔާ. އިންޑިއާއިން ކަންބޮޑު ވެސް ވާން ޖެހޭނެ. އެކަމަކު އިންޑިއާއިން އެބަ ޖެހޭ ރާއްޖެއިން އަމިއްލައަށް މިނިވަންކަމާ އެކު ކަންކަން ހައްލު ކުރުމަށް ފުރުސަތު ދޭން،"

ޝައިނީ ވިދާޅުވީ ޗައިނާއިން ވެސް ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން ޝައުގުވެރިވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.

"މިއީ ވެސް އާދައިގެ މަތިން ހިނގަން ޖެހޭ ކަމެއް. ރާއްޖޭގައި ޗައިނާ ނޫނަސް އެހެން ގިނަ ގައުމުތަކެއްގެ އިންވެސްޓްމެންޓް އެބަހުރި،" ޝައިނީ ވިދާޅުވި އެވެ.

އެ އިންޓަވިއުގައި ޝައިނީ ވިދާޅުވީ، ބައިނަލްއަގުވާމީ މުޖުތަމައުން ސައްހަ މައުލޫމާތު ލިބިގަންނަން ޖެހޭ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ހާލަތު މިވަގުތު އޮތް ގޮތަށް ވެއްޓުނީ ސުޕްރީމް ކޯޓުން ފަނޑިޔާރުގެ މެދުވެރިކޮށް ބަގާވާތެއް ކުރަން އުޅުމުން ކަމަށެވެ. އަދި އެކަން ކުރަން އުޅުނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ރިޝްވަތު ނަގައިގެން ކަން ހާމަވުމުން އެ ދެ ފަނޑިޔާރުން ހައްޔަރުކޮށްފައިވާ ކަމަށް ޝައިނީ ވިދާޅުވި އެވެ.

"ދެ ފަނޑިޔާރުން ރިޝްވަރު ނެގިކަމުގެ ތުހުމަތު މި ކުރަނީ ހެކި ނެތިއެއް ނޫން. ފުލުހުން މިހާރު ވަނީ މިކަމުގެ މައުލޫމާތު ވެސް އާންމު ކޮށްފައި،" ޝައިނީ ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގައި ސިޔާސީ އިދިކޮޅު އެންމެން ހައްޔަރުކޮށްފައިވާ ވާހަކަ ޝައިނީ ދޮގު ކުރެއްވި އެވެ.

"ތިޔަ ދަންނަވާ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ތެރެއިން ބައެއް މީހުން ސަރުކާރާ އިދިކޮޅުވަނީ ކުށަކަށް އަރައިގަތުމަށް ފަހު،" ޝައިނީ ވިދާޅުވި އެވެ.

comment ކޮމެންޓް