އިސްތިއުފާގެ އިޝާރާތެއް ކުރައްވައި، ދުންޔާ ޗުއްޓީއަށް

ސަރުކާރުން އިސްތިއުފާ ދޭން ތައްޔާރަށް ހުންނެވި ކަމުގެ އިޝާރާތެއް ކުރައްވައި، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ޗުއްޓީއަށް ވަޑައިގެންފިއެވެ.

ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކޮއްކޯފުޅު ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ހައްޔަރުކޮށްފައިވާ އިރު، ދުންޔާ އަދިވެސް ސަރުކާރުގައި ޚިދުމަތް ކުރައްވަމުން ގެންދަވާތީ އޭނާއަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

ދުންޔާ މިއަދު ކުރެއްވި ޓްވީޓެއްގައ، އޭނާ ސަރުކާރު ދޫކޮށްލުމަށް ތައްޔާރަށް ހުންނެވި ކަމުގެ އިޝާރާތެއް ކުރެއްވިއެވެ. އަދި އެއާ އެކު އޭނާ ވިދާޅުވީ، އެމީހެއްގެ އަމިއްލަ ނިންމުންތައް ނިންމާނީ އެމީހަކު އަމިއްލައަށް ކަމަށެވެ.

"އެހެން ނަމަވެސް ސުވާލެއް އެބަ އޮތް. މިއީ މިވަގުތު ގައުމާއި ރައްޔިތުންނަށް އެންމެ ރަނގަޅު، އެންމެ ޒިންމާދާރު ނިންމުން ބާ؟" ދުންޔާ ޓްވީޓުގައި ވިދާޅުވިއެވެ.

އަދި ހެލްތު މިނިސްޓްރީ ޓެގް ކުރައްވައި، ދުންޔާ ވިދާޅުވީ ޗުއްޓީއަށް ވަޑައިގެންފައިވާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ދުންޔާ އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ބައްޕާފުޅު ރައީސް މައުމޫން މި ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންދިއުމުންނެވެ. ނަމަވެސް އޭގެ ހަ މަސް ފަހުން ދުންޔާ ވަނީ އަލުން އަނބުރާ ސަރުކާރާ ގުޅި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނުކޮށްފައެވެ.

އޭރު ދުންޔާ ވިދާޅުވީ ރައީސް މައުމޫން ސަރުކާރަށް ކުރައްވާ ތާއީދު އަނބުރާ ގެންނެވި ނަމަވެސް އެކަމަނާގެ އިތުބާރު ސަރުކާރަށް އެބައޮތް ކަމަށާއި އެކަމުގެ ސަބަބުން އާއިލީ ގުޅުމަށް ބުރުލެއް ނާރާނެ ކަމަށެވެ.

ދުންޔާ ސަރުކާރުގައި ހުންނަވަނިކޮށް ދާދި ފަހުން މިވަނީ ސަރުކާރު ބަގާވާތަކުން ވައްޓާލަން އުޅުމާއި އިތުރު ބޮޑެތި ތުހުމަތުތަކެއްގައި ބައްޕާފުޅު ރައީސް މައުމޫން ހައްޔަރުކޮށްފައެވެ.

ރައީސް މައުމޫން ހައްޔަރުކުރި ފަހުން ދުންޔާގެ ރާގު މިވަނީ ބަދަލުވާން ފަށާފައެވެ. ހަފްތާއެއް ފަހުން އިއްޔެ ދުންޔާ ވަނީ ރައީސް މައުމޫން މިނިވަންކުރުމަށް ވެސް މި ސަރުކާރަށް ގޮވާލައްވާފައެވެ.

comment ކޮމެންޓް