ޗައިނާއިން ރާއްޖޭގެ ބިން އަތުލަމުންދާ ކަމަށް ބުނެ ކުރާ ތުހުމަތުތައް ޗައިނާއިން ދޮގުކޮށްފި

އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ރައީސް ނަޝީދު ވަނީ ޗައިނާއިން ރާއްޖޭގެ ބިން އަތުލަމުންދާ ކަމަށް ވިދާޅުވެފައި -- -- ފޮޓޯ/ އޭޕީ

ޗައިނާއިން ރާއްޖޭގެ ބިން އަތުލަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތުތައް ޗައިނާއިން ދޮގުކޮށްފި އެވެ.

އިންޑިއާގައި ހުންނަ ޗައިނާގެ އެމްބަސީގެ ތަރުޖަމާނު ޖީ ރޮންގް ވިދާޅުވި ގޮތުގައި ފަހަކަށް އައިސް ކުރީގެ ރައީސް ނަޝީދު ވަނީ ޗައިނާއާ ބެހޭ ގޮތުން އިންޑިއާގެ މީޑިއާތަކުގައި ތެދު ނޫން ވާހަކަތަކެއް ދައްކަވާފައި އެވެ.

އެގޮތުން އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވަނީ "އިންޑިއާ ކަނޑުގެ ސަރަހައްދަށް ނުރައްކާވާ ގޮތަށް ޗައިނާއިން ރާއްޖޭގެ ބިން އަތުލަމުންދާ ކަމަށް ވިދާޅުވެފައި" ކަމަށް ތަރުޖަމާނު ޖީ ހާމަ ކުރެއްވި އެވެ.

އެނޫހުގައިވާ ގޮތުން ނަޝީދު ވަނީ ރާއްޖެއަށް ދެމައްސަލައެއް ކުރިމަތިވެފައިވާ ކަމަށާއި އެއީ ދީނީ ގޮތުން ހައްދުފަހަނަ އެޅުން އިތުރުވުމާއި ޗައިނާއިން ބިން އަތުލުން ކަމަށް ވިދާޅުވެފައި އެވެ.

އެގޮތުން ޗައިނާއިން ދަނީ ރާއްޖޭގައި 40 މިލިއަން ޑޮލަރު އިންވެސްޓު ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުން ކަމަށާއި ނަމަވެސް އޭގެ މަގުސަދު އަދި ހާމަކޮށްފައި ނުވާ ކަމަށް ވިދާޅުވެފައި އެވެ. އެހެންކަމުން އެއީ ހަމައެކަނި ޗައިނާ އާއި ރާއްޖެއާ ގުޅުން ހުރި މައްސަލައެއް ނޫން ކަމަށާއި، އިންޑިއާއިން އެކަމާ ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެއިންޓަވިއުއާ ގުޅިގެން ތަރުޖަމާނު ޖީ ނެރުއްވި ބަޔާނުގައި ވަނީ ޗައިނާއިން ރާއްޖެއާ ގުޅިގެން ފަށާފައިވާ ޕްރޮޖެކްޓުތަކަކީ ދެގައުމަށްވެސް ފައިދާވާ ޕްރޮޖެކްޓުތައް ކަމަށާއި ރާއްޖޭގެ ރައްޔިތުން އެއަށް މަރުހަބާ ކިޔާ ކަމަށް ބުނެފައި އެވެ.

އަދި ނަޝީދުގެ ވެރިކަމުގައިވެސް ޗައިނާ އާއި ރާއްޖެއިން ގުޅިގެން ބައެއް ޕްރޮޖެކްޓުތައް ފަށާފައިވާ ކަމަށާއި، ޗައިނާއިން ބިން އަތުލަމުންދާ ކަމަށް ނަޝީދު މިހާރު ތުހުމަތު ކުރައްވަނީ ސިޔާސީ ފައިދާއަށްޓަކައި ކަމަށް އެބަޔާނުގައިވެ އެވެ.

comment ކޮމެންޓް