ދެކުނު އެފްރިކާގެ ރައީސް ޒޫމާ މަގާމުން ދުރު ކުރަން ވެރިކަން ކުރާ ޕާޓީން ނިންމައިފި

ޖެކަބް ޒޫމާ ރައީސް ކަމުން ދުރުކުރަން ވެރިކަން ކުރާ ޕާޓީން ވަނީ ނިންމާފައި ކަމަށް އެގައުމުގެ މީޑިއާތަކުން ބުނޭ -- ފޮޓޯ: އޭއެފްޕީ

ކޭޕް ޓައުން (ފެބްރުއަރީ 13): ދެކުނު އެފްރިކާގެ ވެރިކަމުން ރައީސް ޖެކަބް ޒޫމާ ދުރުކުރަން އެގައުމުގެ ވެރިކަން ކުރާ އެފްރިކަން ނެޝަނަލް ކޮންގްރެސް (އޭއެންސީ)ން ނިންމާފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފި އެވެ.

ދެކުނު އެފްރިކާގެ ނައިބު ރައީސް ސިރިލް ރަމަފޯސާ މިދިޔަ ޑިސެމްބަރު މަހު އޭއެންސީގެ ލީޑަރު ކަމަށް އިންތިހާބުވި ފަހުން އެޕާޓީގެ ގިނަ އަދަދަދެއްގެ މެމްބަރުން ވަނީ ޒޫމާ އިސްތިއުފާ ދެއްވުމަށް ގޮވާލާފައި އެވެ.

ދެކުނު އެފްރިކާގެ ދައުލަތުގެ މީޑިއާއިން ބުނާ ގޮތުގައި އޭއެންސީން ވަނީ ޒޫމާ އިސްތިއުފާ ދެއްވުމަށް 48 ގަޑި އިރުގެ މުހުލަތެއް ދީފަ އެވެ. އަދި އޭނާ އިސްތިއުފާ ނުދެއްވައިފި ނަމަ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ޒޫމާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ވެރިކަމުން ދުރު ކުރާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އޭއެންސީން އެފަދައިން ނިންމާފައި ވަނީ އެޕާޓީގެ އިސް ލީޑަރުންނާ އެކު 13 ގަޑި އިރަށް ކުރިއަށް ގެންދިޔަ ބައްދަލުވުމަކަށް ފަހުގަ އެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް