ބެންގަލޫރު ޓީމަކީ ހިތްތިރި ޓީމެއް، ރާއްޖެ އާއި އިންޑިއާގެ ޒަމާންވީ ވާދަވެރިކަމުން ހިތްވަރު ލިބޭނެ!

އިންޑިއާގެ ބެންގަލޫރު އެފްސީ މާލެ އައުމުގެ ތެރެއިން އެޓީމުގެ ކޯޗު އެލްބާޓް ރޯކާ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ބެންގަލޫރު އެފްސީއަކީ ހިތްތިރި ޓީމެއް ކަމަށާއި، މިރޭ ޓީސީއާ ދެކޮޅަށް ނުކުންނަ މެޗު އެއްވެސް ގޮތަކަށް ފަސޭހަ ނުކޮށްލާނެ ކަމަށް ކޯޗު އެލްބާޓް ރޯކާ ބުނެފިއެވެ.

އޭއެފްސީ ކަޕު ކޮލިފިކޭޝަން ޕްލޭއޮފްގެ ފުރަތަަ ލެގުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް މިރޭ ނުކުންނަ މެޗާ ގުޅިގެން ވާހަކަ ދައްކަމުން ރޯކާ ބުނީ އިންޑިއަން ސުޕަލީގު ތާވަލުގެ އެއްވަނައިގައި ބެންގަލޫރު އޮތް ނަމަވެސް އެކަމާ މެދު ފަހުރުވެރިވެ ޓީސީއަށް ގަދަރު ކުޑަ ނުކުރާނެ ކަމަށެވެ. އަދި ރާއްޖެއާއި އިންޑިއާ ދެމެދު އޮންނަ ފުޓުބޯޅަ ވާދަވެރިކަމުގެ ސަބަބުން ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށްވެސް ރޯކާ ފާހަގަކުރިއެވެ.

"ޓީސީ އޮތީ ވަރަށް ތާޒާކޮށް. އަހަރެމެން މިހާރުވެސް ބުރަ ޝެޑިއުލެއްގައި މެޗުތައް ކުޅެމުން މިދަނީ. ބެންގަލޫރު އެފްސީ އޮތީ ސުޕަ ލީގުގެ އެއްވަނައިގައި. އެކަމަކު އަހަރެންގެ ޓީމަކީ ވަރަށް ހިތްތިރި ޓީމެއް. ޓީސީއަކީ އެއްވެސް ގޮތަކަށް ފަސޭހަ ޓީމެއް ނޫން. ރާއްޖެއާއި އިންޑިއާގެ ވާދަވެރިކަމުން ކުޅުންތެރިންނަށް ހިތްވަރު ލިބޭނެ ކަމަށްވެސް އުންމީދު ކުރަނީ،" ރޯކާ ބުންޏެވެ.

އިންޑިއާގެ ބެންގަލޫރު އެފްސީ މާލެ އައުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރޮކާ ބުނީ މިވަގުތު ރާއްޖޭގެ މޫސުމާއެކު ޓީސީއަށް ހޯމްގައި ފައިދާ ނެގޭނެ ނަމަވެސް ނަތީޖާ ނުކުންނާނީ ދަނޑުމަތީގައި ދައްކާ ކުޅުމުން ކަމަށެވެ.

"ހަމަ ޔަގީނުންވެސް ރާއްޖެ ހޫނުވުމަކީ ލިބޭ ގެއްލުމެއް. އިންޑިއާއަށް މި ދުވަސްކޮޅު މި ގޮތަށް ހޫނެއް ނުވާނެ. ޓީސީއަށް ފައިދާ ބޮޑު ހުރިހާ ކަމަކަށް ބަލާއިރުވެސް. އެހެން ނަމަވެސް ދަނޑު މަތީގައި ދައްކާ ކުޅުމަކުން ނަތިޖާ ނުކުންނާނީ،" ރޯކާ ބުންޏެވެ.

ބެންގަލޫރު އެފްސީން މިރޭގެ މެޗު ކުޅުމަށް އެޓީމުގެ ކެޕްޓަން ސުނިލް ޗެތުރީގެ އިތުރުން ބިދޭސީ ފޯވަޑް މީކޫވެސް ރާއްޖެ ގެނެސްފައެއް ނުވެއެވެ. އެޓީމު ވާދަކުރާ އިންޑިއާގެ ސުޕަލީގުގެ ކުޅުން މިވަގުތު ކުރިއަށްދާއިރު، ރޯކާ ބުނީ ސްކޮޑު ރޮޓޭޓް ކުރުމަކީ އޭނާއަށް ވަރަށް ބޮޑު ޗެލެންޖެއް ކަމަށެވެ.

"ސުޕަލީގު ކުރިއަށް އެބަދޭ މިހާރުވެސް. އެހެންވީމަ ކުޅުންތެރިން ރޮޓޭޓް ކުރުމަކީ ކުރިމަތިވާ ޗެލެންޖެއް. ޓީސީއަކީ ވަރަށް މެންޓަލީ ރަނގަޅު ޓީމެއް. އެހެންވީމަ މާދަމާގެ މެޗު ފަސޭހަ ނުވާނެ. ބަންގްލަދޭޝްގެ ސައިފް ސްޕޯޓިންއާ ދެކޮޅަށްވެސް ޓީސީ ދެއްކީ ވަރަށް ރަނގަޅު ކުޅުމެއް. މި މެޗަށްފަހު ތިން ދުވަސް ފަހުން އެބަޖެހޭ ޕޫނޭ އެފްސީއާއެކު މުހިއްމު މެޗެއް ކުޅެން. ހުރިހާ ކުޅުންތެރިންނަށް ހުރިހާ މެޗެއް ނުކުޅެވޭނެ. ރެސްޓް ކުރަން ޖެހޭނެ. އެކަމަކު މި މެޗަށް ރާއްޖެގެނައި ސްކޮޑާ ދޭތެރޭ ފުރިހަމައަށް ޔަގީންކަން އެބައޮތް،" ރޯކާ ބުންޏެވެ.

ކުޅުނު 15 މެޗުން 33 ޕޮއިންޓާއެކު ސުޕަލީގުގެ ތާވަލުގެ އެއވަނައިގައި ބެންގަލޫރު އެފްސީ އޮތްއިރު ދެވަނަގައި އޮތީ 15 މެޗުން 28 ޕޮއިންޓާއެކު އެފްސީ ޕޫނޭ ސިޓީއެވެ.

އިންޑިއާގެ ބެންގަލޫރު އެފްސީ މާލެ އައުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރޯކާ ބުނީ އަވޭގައި އެއްވަރުކޮށްލުމަކީ އޭނާއަށް ހިތްހަމަ ޖެހޭނެ ނަތީޖާއެއް ކަމަށެވެ.

"ރަށުން ބޭރުގައި އެއްވަރު ކޮށްލުމަކީ ގޯސް ނަތީޖާއަކަށް ނުވާނެ. ޕްލިމިނަރީ ބުރުގައި ކުޅުނު ޓީމަށްވުރެ ޓީސީ މޮޅުވާނެ ކޮންމެ ގޮތެއްވިއަސް. ޓީސީގެ ބިދޭސީ ކުޅުންތެރިންނަށް ވިސްނަން ޖެހޭ. ބިދޭސީ ކުޅުންތެރިން ފާހަގަ ކުރެވެނީ ވަރަށް ގޯލް ޖަހާ ކުޅުންތެރިން ގޮތުގައި. އަދި ވަކިން ހާއްސަކޮށް ޓީސީގެ ސްކޮޑަކީ ޒުވާން ލޯކަލް ކުޅުންތެރިންތަކެއްވެސް ހިމެނޭ ސްކޮޑެއް،" ޓީސީގެ ޓީމާ ގުޅޭގޮތުން ރޯކާ ބުންޏެވެ.

މިރޭގެ މެޗާ ގުޅިގެން ބެންގަލޫރު އެފްސީގެ ޑިފެންޑަރު ސުބުހާސިސް ބޯޝް ބުނީ ޓީމުގެ ސްކޮޑަކީ ވަރުގަދަ ސްކޮޑެއް ނަމަވެސް ގިނަ މެޗުތަކެއް ކުޅެން ޖެހުމުން އުނދަގޫތަކެއް ކުރިމަތިވާ ކަމަށެވެ. އެހެން ނަމަވެސް ވިސްނާނީ ރަނގަޅު ނަތީޖާއެއް ހިފައިގެން ދެވަނަ ލެގަށް ދާން ކަމަށާއި ނުކުންނާނީ ޓީސީ ބަލިކުރަން ކަމަށްވެސް އޭނާ ބުންޏެވެ.

އިންޑިއާގެ ބެންގަލޫރު އެފްސީ މާލެ އައުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޓީސީއާއި ބެންގަލޫރު އެފްސީ ވާދަކުރާ މެޗު ފަށާނީ މިރޭ 9:00 ގައެވެ.

comment ކޮމެންޓް