ޓީސީ އޮތީ ތައްޔާރަށް، ޑިފެންސިވް ވިސްނުމެއް ނުގެންގުޅޭނަން: ނިޒާމްބެ

ޓީސީއާއި ބެންގަލޫރު އެފްސީ ވާދަކުރާ އޭއެފްސީ ކަޕު ކޮލިފައިން ޕްލޭއޮފް ފުރަތަމަ ލެގަށް ޓީސީގެ ފަހު ފަރިތަކުރުންތަކުގެ ތެރެއިން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޓީސީ ސްޕޯޓްސް ކްލަބު އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށާއި، ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް ނަމަވެސް ޑިފެންސިވް ވިސްނުމެއް ނުގެންގުޅޭނެ ކަމަށް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި އިންޑިއާގެ ވަރުގަދަ ބެންގަލޫރު އެފްސީ ވާދަކުރާ އޭއެފްސީ ކަޕް ކޮލިފިކޭޝަން ޕްލޭއޮފް މެޗު އޮންނާނީ މިރޭއެވެ. މެޗާ ގުޅިގެން ޓީސީގެ ކޯޗު ނިޒާމްބެ ވަނީ އޭނާގެ ވިސްނުންތައް 'ސަން ސްޕޯޓްސް' އާ ހިއްސާކޮށްފައެވެ.

ނިޒާމްބެ ބުނީ ޓީސީ ނުކުންނާނީ ޓީސީގެ ކުޅުން ކުޅެން ކަމަށާއި، ޑިފެންސިވް ވިސްނުމެއް ނުގެންގުޅޭނެ ކަމަށެވެ.

"ޓީސީ ނުކުންނާނީ ޓީސީގެ ކުޅުން ކުޅެން. ބެންގަލޫރަކީ ވަރުގަދަ ކްލަބެއް ނަމަވެސް އެއްވެސް ވަރަކަށް ނުވިސްނާނަން ޑިފެންސިވް ކުޅުމެއް ކުޅޭކަށް. ޓީސީ ކުޅޭނީ ހަމަ ޓީސީގެ ޕޮސިޓިވް ޕާސިން ގޭމެއް،" ނިޒާމްބެ ބުންޏެވެ.

ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި އިންޑީއާގެ ބެންގަލޫރު އެފްސީ ވާދަކުރާ އޭއެފްސީ ކަޕު ކޮލިފައިން ފުރަތަމަ ލެގު އޮންނާނި މިރޭ ގައުމީ ފުޓުބޯޅަ ދަނޑުގައި---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނިޒާމްބެ ބުނީ އިންޑިއާގެ ގައުމީ ޓީމު އަދި އިންޑިއާގެ ކްލަބަކާ ދެކޮޅަށް ނުކުންނަ ނަމަވެސް އެކަން ވާނީ ދިވެހި ފުޓުބޯޅައަށް ވަރަށް ބޮޑު ޗެލެންޖަކަށް ކަމަށާއި ޓީސީއަކީ ޒުވާން ކްލަބެއް ނަމަވެސް ނުކުންނާނީ މަސައްކަތްކޮށް މޮޅުވާން ކަމަށެވެ.

"ޓީސީއަކީ ޒުވާން ކްލަބަކަށްވީ ނަމަވެސް މީގެ ހުރިހާވެސް އެއްޗަކަށް އޮންނާނީ ދަނޑު މަތީގައި ކުޅުންތެރިން ކުޅޭ ކުޅުން، ރާވާ ރޭވުންތަކާ އެއްގޮތަށް ކުޅުން މީގެ އޮންނާނީ،" ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ އިންޑިއާގެ ޓީމުތަކުން އާއްމުކޮށް އަވޭ މެޗުތަކަށް ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިން ނުލާ ކަމަށެވެ.

"ޓީސީގެ އެއްވެސް ކުޅުންތެރިޔަކު މެޗަށް ތައްޔާރުވީ އިދިކޮޅު ޓީމުގެ ކުޅުންތެރިންނަށް ބަލައިފައެއް ނޫން. ސުނިލް ޗެތުރީ އެކަންޏެއް ނޫން އެޓީމުގައިވެސް މޮޅު ކުޅުންތެރިޔަކީ. ހުރިހާ ކުޅުންތެރިންވެސް ހަމަ އެއީ މޮޅު ކުޅުންތެރިން،" ނިޒާމްބެ ބުންޏެވެ.

އިންޑިއާގެ ބެންގަލޫރު އެފްސީ މާލެ އައުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނިޒާމްބެ ބުނީ އިންޑިއާގެ ޓީމުތަކުން މިފަދަ މެޗުތަކަށް މުހިއްމު ބައެއް ކުޅުންތެރީން ނުގެންނަ ނަމަވެސް އޭގެ މާނައަކީ އަވޭގައި ކުޅެން އަންނަނީ ބަލި ކުޅުންތެރިން ނޫން ކަމަށެވެ. އަދި އެއީ ހަމަ ހޯމްގެ ގިނަ މެޗުތަކެއްގައިވެސް ކުޅެ، އަބަދުވެސް ބޭނުން ކުރަމުން އަންނަ ކުޅުންތެރިންކަމަށާއި، އެފަދަ ގޮތަކަށް ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅެން ނުވިސްނާ ކަމަށްވެސް ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ އިތުރަށް ބުނީ ޓީސީއަށް މި ސީޒަނަށް ގެނައި ބިދޭސީ ކީޕަރަށް އަނިޔާވެފައިވީ ނަމަވެސް ޕްލިމިނަރީ ބުރުގައި ބަންގުލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބާ ދެކޮޅަށް ޓީސީގެ ބަދަލު ކީޕަރު އިބްރާހީމް ނަދީމް ދެއްކި ކުޅުމާއެކު އޭނާއަށް އުންމީދު އާކޮށްދީފައިވާ ކަމަށެވެ.

ޓީސީގެ ޓީމުގައި މިވަގުތު ހިމެނޭ ދެ ކީޕަރުން. ޓީސީއަށް ގެނައި ބިދޭސީ ކީޕަރަށް އަނިޔާވުމުން އިފްރާހް އަރީފްވަނީ އެޓީމާ ގުޅިފައި. އެހެން ނަމަވެސް މިރޭގެ މެޗުގައި ފެންނާނެ ކަމަށް ބެލެވެނީ ސައިފް އެސްސީއާ ދެކޮޅަށްވެސް ނުކުތް ނަދީމް ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނިޒާމްބެ ބުނީ ބަންގަލަދޭޝްގެ ސައިފް އެފްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަހްމަދު އާރިފް (އާރީ)ގެ ކުޅުން ފާހަގަވި ކަމަށާއި، މިރޭގެ މެޗުގައި ބޭނުންކުރާ ޓެކްޓިކްސްއެއްގެ ސަބަބުން ފުރަތަމަ 11 އަށް ބަދަލުތަކެއް އައިސްދާނެ ކަމަށެވެ.

ޓީސީއާއި ބެންގަލޫރު އެފްސީ ވާދަކުރާ އޭއެފްސީ ކަޕުގެ ޕްލޭއޮފް ކޮލިފިކޭޝަންގެ ފުރަތަމަ ލެގު އޮންނާނީ މިރޭ 9:00 ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

comment ކޮމެންޓް