'ސްޕޯޓްސް ފޯ އޯލް' ފަސްކޮށްފި

2016 ވަނަ އަހަރުގެ ސްޕޯޓްސް ފޯ އޯލް ޕްރޮގްރާމްގެ ބައިވެރިންނާއި އެކު އިރުތިޝާމް --- ފޮޓޯ: ޔޫތު މިނިސްޓްރީ

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން އިންތިޒާމްކޮށްގެން ބާއްވާ "ސްޕޯޓްސް ފޯ އޯލް"ގެ ހަރަކާތްތައް ފަސްކުރުމަށް މިނިސްޓްރީން ނިންމައިފިއެވެ.

މިއަހަރުގެ ސްޕޯޓްސް ފޯ އޯލްގެ ހަރަކާތްތައް ލ. ގަމާއި ފޮނަދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައި އޮތީ މިމަހުގެ 16 އިން 17 އަށެވެ. ނަމަވެސް ސްޕޯޓްސް ފޯ އޯލްގެ ސްޓިއަރިން ކޮމިޓީން މިއަދު ބުނެފައިވަނީ ތައްޔާރީތަކަށް އިތުރު ވަގުތު ބޭނުންވާތީ ހަރަކާތްތައް ފަސްކުރަން ނިންމައިފައިވާ ކަމަށެވެ. އަދި އެ ހަރަހާތްތައް ދެން ކުރިއަށްގެންދާނެ ވަކި ތާރީހެއް ފަހުން އެންގޭނެ ކަމަށްވެސް އެ ކޮމިޓީން ބުނެފައިވެއެވެ.

މިއަހަރު 'ސްޕޯޓްސް ފޯ އޯލް'ގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފަިއވާ ކުޅިވަރުތަކުގެ ތެރޭގައި ހިމެނެނީ ފުޓްސަލް، ބަށި، ވޮލީ، ވާދެމުން އަދި ހޭންޑް ބޯޅައެވެ.

ކުރިން 'ސްޕޯޓްސް ފޯ އޯލް' ޕްރޮގްރާމް ވެގެންގޮސްފައިވަނީ ވަރަށް މަގްބޫލު ޕްރޮގްރާމަކަށެވެ. އެގޮތުން 2001 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި 12 އަހަރު މި ޕްރޮގްރާމް ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްގެންގޮސްފައެވެ. 2012 ވަނަ އަހަރު 'ސްޕޯޓްސް ފޯ އޯލް' މެދުކެނޑުމަށްފަހު އަލުން ފެށީ 2016 ވަނަ އަހަރުގައެވެ. އެ އަހަރުގެ ސްޕޯޓްސް ފޯ އޯލް ބާއްވާފައިވަނީ ފުވައްމުލަކުގައެވެ.

comment ކޮމެންޓް