ހުކުރުދުވަހު ހަމަނުޖެހުން ހިންގަން އުޅޭ ކަމުގެ މައުލޫމާތު ވަނީ ލިބިފައި: ސަލާމަތީ ބާރުތައް

ފުލުހުންނާއި ސިފައިން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަންނަ ހުކުރުދުވަހު ރާއްޖޭގެ އެކިކަންކޮޅު ތަކުގައި މީހުން އެއްވެ ހަމަނުޖެހުން ހިންގައި، ގައުމު ހަލަބޮލިކޮށްލައި ސަލާމަތީ ބަރުތަކާއި ކުރިމަތިލާން ރާވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ސަލާމަތީ ބާރުތަކުން ބުނެފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ބަޔަކު ގައުމު ހަލަބޮލި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ކަމަށެވެ.

"ކުއްލި ހާލަތު އިއުލާންކޮށްފައިވާ މި ދަނޑީވަޅުގައި އެއްވެ އުޅުމުގެ މިނިވަންކަން ލިބިދީފައިވީ ނަމަވެސް ހަމަނުޖެހުން ހިންގުމަށް ފުރުސަތު ނުދޭނަން،" ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ އަންނަ ހުކުރު ދުވަހު މާލެގައި އެއްވުމެއް ބާއްވަން ނިންމާފައިވާތީ އެކަން ކުއްވެރިކުރާ ކަމަށާއި ގައުމު ހަލަބޮލި ކުރުމުގެ ފުރުސަތު ފުލުހުން ނުދޭނެ ކަމަށެވެ. އަދި އެފަދަ މަސައްކަތް ކުރާ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގައުމު ހަލަބޮލިކޮށް ހަމަނުޖެހުމަށް ހިތްވަރު ދޭ މީހުންގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އަޅާނަން،" ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ ގައުމުގެ އަމަންއަމާންކަން ނަގާލައި ގައުމު ހަލަބޮލި ކުރުމަށް ކުރާ ކަންކަން ފުލުހުން ބަލައެއް ނުގަންނާނެކަމަށާއި އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ސިފައިންގެ ތަރުޖަމާން، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ރާއްޖޭގެ އަމާން ވެށި އަމާންކަން މަތީ ދެމެހެއްޓުމަށް ފުލުހުންނާއި ސިފައިން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސިޔާސީ ފަރާތްތަކުން އަންނަ ހުކުރު ދުވަހު ގައުމު ހަލަބޮލި ކުރުމަށް ކުރިއަށް ގެންދަން ރާވާފައިވާ އެއްވުމަށް އެއްބާރުލުން ނުދިނުމަށްވެސް އޭނާ ވަނީ ގޮވާލާފައެވެ.

comment ކޮމެންޓް