ބްރިޖު މެދުވެރިކޮށް ހައި ވޮލްޓޭޖު ކޭބަލް އެޅުމަށް ޗައިނާގެ ޑޮންފެންގާ ހަވާލުކޮށްފި

ސްޓެލްކޯއިން މާލެއާ ހުޅުމާލެއާ ދެމެދު އަޅާ ހައި ވޮލްޓޭޖު ކޭބަލް އެޅުމަށް ޑޮންފަން އިލެކްޓްރިކަލް ކޯޕަރޭޝަނާ ހަވާލުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށްޓަކައި އަޅާ ހައި ވޮލްޓޭޖު ކޭބަލް އެޅުމުގެ މަސައްކަތް، ޗައިނާގެ ޑޮންފަން އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން (ޑީއީސީ)އާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ އަހްމަދު ޒުހޫރާއި، ޑޮންފަން އިލެކްޓްރިކް ކޯޕަރޭޝަންގެ ބޭފުޅެކެވެ.

ގްރޭޓަރ މާލެ އޭރިއާގެ ކަރަންޓު ގްރިޑުތައް އެއް ވިއުގައަކުން ގުޅާލުމަށްޓަކައި، ހަތް ކިލޯމީޓަރު ދިގު، އަދި 132 ކިލޯވޮޓުގެ ހައި ވޮލްޓޭޖު ކޭބަލެއް އެޅިގެން ދާނެއެވެ. އެ ކޭބަލް އަޅާނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު މެދުވެރިކޮށެވެ. މި ޕްރޮޖެކްޓުގެ އަގަކީ 44.46 މިލިޔަން ޑޮލަރެވެ.

ޑީއީސީއަކީ ހުޅުމަލޭގައި ކުރިއަށްދާ ސްޓެލްކޯގެ ފިފްތު ޕަވަރ ޕްރޮޖެކްޓްވެސް ހިންގަމުންދާ ކުންފުންޏެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޒުހޫރު ވިދާޅުވީ ފިފްތު ޕަވަރ ޕްރޮޖެކްޓް ހިންގާ ކުންފުންޏަށް ކޭބަލް އަޅަން ލިބުމަކީ މަސައްކަތް ރަނގަޅަށް ކުރަން ލިބޭ ފުރުސަތެއް ކަމަށެވެ.

"މިކަމުގެ ސަބަބުން އަޅުގަނޑުމެންނަށް އެބަ ލިބޭ މަސައްކަތުގެ އެފިޝަންސީގެ ޔަގީންކަން،" ޒުހޫރު ވިދާޅުވިއެވެ.

ޒުހޫރު ވިދާޅުވީ ސްޓެލްކޯގެ އުންމީދަކީ، ފިފްތު ޕަވަރ ޕްރޮޖެކްޓް ނިމެން ވާ އިރަށް ކޭބަލް މަޝްރޫއުވެސް ނިމި، ބޭނުންކުރަން ފެށޭ ވަރު ވުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކުރިޔަށް އޮތް ހަ މަސް ތެރޭގައި ހުޅުމާލޭ ޕަވަރހައުސް ނިމި، މާލެއަށް އިތުރަށް ބޭނުންވާ ކަރަންޓު، ވިއުގައިގެ ދަށުން ފޯރުކޮށްދެވޭނެއެވެ.

"މިހާރު މާލޭގއި ބޭނުންކުރަނީ 70 މެގަވޮޓު. ނަމަވެސް މާލެއަށް ބޭނުންވާ ޕަވަރ އަދި ޖެނެރޭޓަރު ކޮންމެ ދެ އަހަރަކުން އިތުރުކުރަންޖެހޭ. މާލޭގެ ނީޑްސް އިތުރުވަމުްނ ދަނީ. ހުޅުމާލޭގެ 50 މެގަވޮޓުގެ ޕަވަރހައުސް ކުރިޔަށް އޮތް ހަ މަސް ތެެރޭގައި ނިމި، ބޭނުންކުރަން ފެސުމުން މާލެއަށް ބޭނުންވާ ޕަވަރ މި ވިއުގައިން ލިބޭނެ،" ޒުހޫރު ވިދާޅުވިއެވެ.

comment ކޮމެންޓް