ޗައިނާއިން ރާއްޖޭގައި ބާރުގަދަ ކުރާ އިރު، އިންޑިއާއިން މަންޒަރު ބަލަން އޮވެގެން ނުވާނެ: ބީޖޭޕީ

އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ މެމްބަރު ޔާޝްވަންތު ސިންހާ ވަނީ ރާއްޖޭގެ މައްސަލައިގައި އިންޑިއާ މަޑުން އޮވެގެން ނުވާނެ ކަމަށް ވިދާޅުވެފައި -- ފޮޓޯ: އެޗްޓީ

ޗައިނާއިން ރާއްޖޭގައި ބާރުގަދަ ކުރަމުންދާ އިރު އިންޑިއާއިން މަންޒަރު ބަލަން އޮވެގެން ނުވާނެ ކަމަށް އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ މަޖިލިސް މެމްބަރެއް ކަމަށްވާ ޔާޝްވަންތު ސިންހާ ވިދާޅުވެއްޖެ އެވެ.

ސިންހާ ވިދާޅުވި ގޮތުގައި ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ޗައިނާއިން މިހާރު ވަނީ ރާއްޖޭގެ 18 ވަރަކަށް ރަށަށް ވެރިވެގަނެފަ އެވެ. އަދި އެއީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި ޗައިނާއިން "ގޭމުތައް ކުޅެމުން ދަނީ އިންޑިއާގެ ބިއްދޮށުގައި" ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ސިންހާ ވަނީ ރާއްޖޭގެ ގިނަ އަދަދެއްގެ މީހުން އައިއެސްއާ ގުޅޭ ކަމަށާއި އެމީހުން އެނބުރި ގައުމަށް ދިޔުމުން، އެވާނީ އިންޑިއާގެ ސަލާމަތަށް އޮތް ނުރައްކަލަކަށް ކަމަށް ވިދާޅުވެފަ އެވެ.

ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ސިންހާ ވިދާޅުވި ގޮތުގައި ރާއްޖޭގެ މައްސަލަ ހައްލު ކުރުމަށް އިންޑިއާއަށް އެޅި ދާނެ ޑިޕްލޮމެޓިކް އަދި ޑިޕްލޮމެޓިކް ނޫން ފިޔަވަޅުތައް އެބަހުއްޓެވެ. އަދި މިފަދަ ހާލަތެއްގައި އިންޑިއާއިން އަމަލު ކުރަން ޖެހޭނީ އެގައުމުގެ ސަލާމަތަށް އޮތް އެންމެ ރަނގަޅު ގޮތަކަށް ކަމަށް ސިންހާ ވިދާޅުވި އެވެ.

އެގޮތުން ރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވުމަކީ ވެސް އޮތް ގޮތެއް ކަމަށާއި ނަމަވެސް އެފަދަ ނިންމުމެއް ނިންމަން ޖެހޭނީ ވަރަށް ވިސްނުންތެރިކަމާ އެއްކޮށް ކަމަށް ސިންހާ ފާހަގަ ކުރެއްވި އެވެ.

މިމަހުގެ ފަސް ވަނަ ދުވަހު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޖެހިގެން އައި ދުވަހުގެ ރޭ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރު ކުރުމާ ގުޅިގެން އިންޑިއާއިން ވަނީ އެއީ ކަންބޮޑުވާން ޖެހޭ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް