ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި

ކުޅުދުއްފުށީ ބިން ހިއްކި މަހާ ޖައްރާފު، އެރަށް ކައިރީގައި ---

ހދ. ކުޅުދުއްފުށީގައި އަޅާ ޑޮމެސްޓިކް އެއާޕޯޓުގެ ރަންވޭ، ޓެކްސީވޭ އަދި އޭޕްރަން އެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިންގާ ރީޖަނަލް އެއާޕޯޓްސްގެ އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ޕްރޮޖެކްޓް އެމްޓީސީސީއަށް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލާއި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތެވެ.

ސާމީ "ސަން"އަށް ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ، ޓެކްސީވޭ އަދި އޭޕްރަންގެ މަސައްކަތް އެމްޓީސީސީން ނިންމަން ޖެހޭނީ 160 ދުވަހުގެ ތެރޭގައި ކަމަށެވެ. ކުޅުދުއްފުށީގައި އަޅާނީ 1.2 ކިލޯ މީޓަރުގެ ރަންވޭއެއް ކަމަށާއި އެއީ ރާއްޖޭގެ އެހެނިހެން ޑޮމެސްޓިކް އެއާޕޯޓުތަކުގައި ވެސް ހުންނަ ސައިޒުގެ ރަންވޭއެއް ކަމަށް ސާމީ ވިދާޅުވި އެވެ.

އެ މަޝްރޫއުގެ އަގަކީ 53.9 މިލިޔަން ރުފިޔާ އެވެ.

ކުޅުދުއްފުށީގެ އެއާޕޯޓު ހެދުމަށް ޓަކައި އެރަށުގެ ފަޅުން ހަ ހެކްޓަރު، އަދި އެރަށުގެ ކުޅިން ނުވަ ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. ކުޅުދުއްފުށީގެ ބިން ހިއްކުމުގެ މަސައްކަތް ކުރީ އެމްޓީސީސީން، އެކުންފުނީގެ ޑްރެޖަރު "މަހާ ޖައްރާފުން"ނެވެ.

comment ކޮމެންޓް